ވިޔަފާރި

އިމާރާތްކުރުމުގެ ސިނާއަތަށް އެތެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށަށް


މިއަހަރުގެ ފުރަތަމަ ކުއާޓަރުގައި އިމާރާތްކުރުމުގެ ސިނާއަތަށް ރާއްޖެއަށް އެތެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށަށް ހިގައްޖެއެވެ.

މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ، އެމްއެމްއޭއިން ނެރެފައިވާ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ އިކޮނޮމިކް ބުލެޓިންގެ ރިޕޯޓުގައިވާ ގޮތުން އިމާރާތްކުރުމުގެ ސިނާއަތަށް އެތެެރެކޮށްފައިވާ ތަކެތީގެ އަދަދު ދަށްވި ނަމަވެސް، އިމާރަތްކުރުމުގެ ސިނާއަތަށް ބޭންކުތަކުން ދޫކޮށްފައިވާ ލޯނުގެ އަދަދުވަނީ އިތުރުވެފައެވެ.

އިމާރަތްކުރުމުގެ ސިނާއަތަަށް އެތެރެކޮށްފައިވާ ތަކެތީގެ ތެރޭގައި ހިމެނޭ ލަކުޑި، ދަގަނޑު، ސިމެންތި އަދި އެހެނިހެން ތަކެތީގެ އަދަދު ހުސްވި އަހަރުގެ ފުރަތަމަ ކުއާޓަރާއި އަޅާ ބަލާއިރު ވަނީ %21 ދަށަށް ގޮސްފައެވެ.

އެމްއެމްއޭ ރިޕޯޓުގައި ބުނެފައިވަނީ ހުސްވި އަހަރުގެ ފަހު ކުއާޓަރުން ފެށިގެން ރާއްޖެއަށް އެތެރެކުރާ އިމާރަތްކުރުމުގެ ސިނާތުގައި ބޭނުންްކުރާ ތަކެތީގެ އަދަދު ވަނީ ދަށަށްދާން ފަށާފައެވެ.

އިމާރާތްކުރުމުގެ ސިނާއަތުގައި ބޭނުންކުރާ ތަކެތީގެ އަދަދު ދަށަށް ދިޔަ ނަމަވެސް، ބޭންކުތަކުން އިމާރަތްކުރުމުގެ ސިނާއަތަށް ދޫކޮށްފައިވާ ލޯނު ތަކުގެ އަދަދު މި މުއްދަތުގައި ވަނީ %17 އިތުރުވެފައެވެ. ދޫކޮށްފައިވާ ލޯނުތަކުގެ އަދަދު އިތުރުވެފައިވަނީ މައިގަނޑުގޮތެއްގައި އާއްމު ރައްޔިތުން ގެދޮރު އިމާރަތްކުރުމަށް ދޫކޮށްފައިވާ ލޯންތައް އިތުރުވުމާއި، އަލަށް ތަރައްޤީކުރާ ރިސޯޓްތަކުގެ މަސައްކަތްތަކަށް ދޫކޮށްފައިވާ ލޯނުތައް އެމުއްދަތުގައި އިތުރުވުމުންނެވެ.

އެހެންނަމަވެސް، ގެސްޓްހައުސް ތަރައްޤީކުރުމަށް ދޫކޮށްފައިވާ ލޯންތަކުގެ އަދަދު މިއަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށަށް ގޮސްފައިކަމަށް އެމްއެމްއޭގެ ރިޕޯޓުގައިވާ ތަފާސްހިސާބުތަކުން ދައްކައެވެ.