ސިޔާސީ

ދިއްގަރުދާއިރާގެ ބައި އިލެކްޝަންގައި 4 ފަރާތެއް ވާދަކުރަނީ


އަންނަމަހު ހަވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖްލީހުގެ ދިއްގަރު ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރެއްވުމަށް ސިޔާސީ ދެ ޕާޓީއަކުން ދެ ކެނޑިޑޭޓުންނާއި އަމިއްލަގޮތުން ވާދަކުރެއްވުމަށް ދެ ކެނޑިޑޭޓަކު ހުށައަޅާފައިވާކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.ދިއްގަރު ދާއިރާގެ ބައިއިލެކްޝަނަށް ވާދަކުރެއްވުމަށް ހުށައަޅަންޖެހޭ ގަޑި މިއަދު މެންދުރުފަހު ތިނެއްޖެހިއިރު ހަމަވެފައިވާއިރު ހުށައަޅާފައިވާ ހަތަރުއެޕްލިކޭޝަން ޕްރޮސަސް ކުރަމުންދާކަމަށާ މިމަސައްކަތް ނިމުމުން އެޕްލިކޭޝަން ހުށައެޅި ހަތަރު ފަރާތުގެ ނަން ހާމަކުރައްވާނެކަމަށް އިލެކްޝަންސް އިން މައުލޫމާތުދެއެވެ.އެމްޑީޕީން މި ބައި އިލެކްޝަނަށް ވާދަކުރައްވާ އަހުމަދު ރާޒީ އޭނާގެ ކެނޑިޑެންސީ މިއަދު އިލެކްޝަންސް ކޮމިޝަނަށް ހުށައަޅާފައިވާކަމަށް އެޕާޓީން މައުލޫމާތުދެއެވެ. މިދާއިރާއަށް އެމްޑީޕީން ކުރިމަތިލާ ކެނޑިޑޭޓެއް ހޮވުމަށް އިއްޔެ ބޭއްވުމަށް ހަމަޖެހިފައިވާ ޕްރައިމަރީގައި ދެންވާދަކުރެއްވުމަށް ހަމަޖެހިފައިވާ ބޭފުޅާ ނަން އަނބުރާ ގެންދިއުމުން އެޕާޓީގެ ޓިކެޓް ލިބިފައިވަނީ އަހުމަދު ރާޒީއަށެވެ.މި އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓްގައި ވާދަކުރައްވާނެ ކެނޑިޑޭޓެއް ހޮވުމަށް ބޭއްވި އެޕާޓީގެ ޕްރައިމަރީގައި، މ އަތޮޅުގެ ކައުންސިލްގެ ރައީސް މޫސާ ނަޞީރާ ވާދަކޮށް ޕްރައިމަރީ ކާމިޔާބުކޮށްފައިވަނީ ފާރިޝް މައުމޫންއެވެ.އިންތިޚާބުގައި ވާދަކުރެއްވުމަށް ފާރިޝް އިއްޔެ އިލެކްޝަން ކޮމިޝަނަށް ނަންހުށައަޅާފައިވެއެވެ.އަނެއްކޮޅުން އެޕާރޓީގެ ޕްރައިމަރީގައި ފާރިޝްއާ ވާދަކުރެއްވި މޫސާ ނަޞީރުވެސް މި އިންތިޚާބުގައި އަމިއްލަގޮތުން ވާދަކުރެއްވުމަށް ނިންމަވާ އިލެކްޝަންސް ކޮމިޝަނަށް ނަން ހުށައަޅުއްވާފައިވާކަމަށް އެނާ ވިދާޅުވިއެވެ. މި ދާއިރާއަށް އަމިއްލަގޮތުން ދެން ވާދަކުރައްވާ ކެނޑިޑޭޓެއް އަދިވަނީ ސާފްކުރެވޭގޮތްނުވެ.ދިއްގަރު ދާއިރާގެ ގޮނޑި ހުސްވެފައިވަނީ ކުރިން އެ ދާއިރާގެ މެންބަރުކަން ކުރެއްވި މުހައްމަދު ނާޒިމްގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވެ ފަންސަވީސް އަހަރުގެ ޖަލު ހުކުމެއް އައުމާ ގުޅިގެންނެވެ.