އޮގަސްޓްމަހު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ ނައިޓް މާކެޓްގެ މިހާތަނަށް 145 ސްޓޯލް ވިކިފައިވާކަމަށް ނައިޓްމާކެޓް އިންތިޒާމްކުރާ ލިކަމެކުން ބުނެފިއެވެ.
އޮގަސްޓުމަހުގެ 29 އިން ސެޕްޓެމްބަރު މަހުގެ 7 ވަނަ ދުވަހުގެ ނިޔަލަށް ހުޅުމާލޭ ސެންޓްރަލް ޕާކު ސަރަޙައްދުގައި ބާއްވާ މި މާކެޓުގައި ޖުމްލަ 450 ސްޓޯލް ހުންނާނެކަމަށް ލިކަމެކުން ބުނެއެވެ. ސްޓޯލްއެއް ވިއްކުމަށް ނިންމާފައިވަނީ ހަ ހާސް ރުފިޔާއަށެވެ.
ސްޓޯލްތައް ވިއްކުމަށްޓަކައި ޙާއްސަ ހަރަކާތްތައްވެސް ލިކަމެކުން ދަނީ ބާއްވާމުންނެވެ. އެގޮތުން މާލެއާއި ހުޅުމާލޭގައި ރޯޑް ޝޯވްތައް ބޭއްވުން ހިމެނެއެވެ. ލިކަމެކުން ބުނީ ނައިޓް މާކެޓަށް ވިޔަފާރިވެރިންގެ ރަނގަޅު ތަރުޙީބެއް ލިބެމުންދާ ކަމަށެވެ.
މި ނައިޓް މާކެޓުގެ އެންމެ ޚާއްސަކަމަކީ ރަށްރަށުގެ ރައްޔިތުން ހުޅުމާލެ އައިސް މުދާ ގަނެލެވޭނެ އިންތިޒާމެއް ހަމަޖެއްސުމެވެ. އެގޮތުން ރަށުން ލޯންޗުގައި ހުޅުމާލެ އައިސް މުދާ ގަނެގެން އެނބުރި ރަށަށް ދެވޭނެ އިންތިޒާމް ހަމަޖައްސާފައިވާނެކަމަށް ލިކަމެކުން ބުނެއެވެ.
ނައިޓްމާކެޓުުން ސްޓޯލް ގަންނަ ފަރާތްތަކަށް ވެސް އެކުންފުނިން ޚާއްސަ ޚިދުމަތްތަކެއް ދިނުމަށް ނިންމާފައެވެ. އެގޮތުން މާލެއިން ހުޅުމާލެއަށް ހިލޭ މުދާ ގެންދެވޭނެ މަގުފަހިކޮށްދިނުމަށްޓަކައި ކޮންމެ ދުވަހަކު މުދާ އުފުލާ ދޯންޏެއް މާލެއިން ހުޅުމާލެއަށް ދަތުރުކުރާގޮތަށް ހަމަޖައްސާނެކަމަށް ލިކަމެކުން ބުނެއެވެ.