މަޓާޓޯ އިން ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތްކުރާ ފަރާތްތަކަށް އަމާޒްކޮށްގެން ތަމްރީން ޕްރޮގްރާމްތަކެއް ކުރިއަށްގެންދިޔުމަށް ނިންމައިފިއެވެ.
މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓުއަރ އޮޕަރޭޓަރސް، މަޓާޓޯއާއި ސްރީލަންކާގެ ކުންފުންޏެއް ކަމަށްވާ މެކްކުއަރ ރެންސް އެންޑް ޖޯންސް އާއި ގުޅިގެން ކުރިއަށް ގެންދަން ރާވާފައިވާ މި ތަމްރީން ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުއެވެ.
މިތަމްރީން ޕްރޮގްރާމްތަކަކީ ސޯޝަލް މީޑއާ ބޭނުންކޮށްގެން ވިޔަފާރި މަރކެޓްކޮށް އޮންލައިން ބްރޭންޑިންގއާ ގުޅޭ ތަމްރީން ޕްރޮގްރާމަކާއި، ކަސްޓަމަރުންގެ ފަރާތުން އަންނަ ޝަކުވާތައް ހައްލުކުރާނެ ގޮތްތަކާއި ގުޅޭ ތަމްރީން ޕްރޮގްރާމެކެވެ.
މާލޭގައި ބާއްވާ މި ތަމްރީން ޕްރޮގްރާމްތަކުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު މިހާރުވަނީ ހުޅުވާލާފައެވެ.
މަޓާޓޯއިން ދަނީ ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ކުރިއެރުވުމަށް މިފަދަ ތަމްރީން ޕްރޮގްރާމްތައް ބާއްވަމުންނެވެ. އަދި މިއަހަރު އެންމެބޮޑު އިސްކަމެއްދޭނީ ފަތުރުވެރިކަމުގެ ދާއިރާއިން މީހުން ބިނާކުރުމަށްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.