ސިޔާސީ

މުޒާހަރާތަކުގަ 4 ފުރޮޅުލީ އުޅަނދު ބޭނުން ކުރެވޭނީ ހުއްދައާއިއެކު


މިއަދުން ފެށިގެން އެއްވެސް މުޒާހަރާއެއް ނުވަތަ
އެއްވުމެއްގައި ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެވޭނީ ފުލުހުންގެ ހުއްދަ
ހޯދައިގެންކަމަށް މޯލްޑިވްސް ޕޮލިސް ސަރވިސަސްއިން ބުނެފިއެވެ.



ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ހަތަރު
ފުރޮޅުލީ އުޅަނދެއް ބޭނުންކުރާނަމަ ފުލުހުންގެ ހުއްދަ ހޯދާ ގޮތަށް ނިންމީ، މިދިޔަ
މޭމަހުގެ އެއްވަނަ ދުވަހު އަދާލަތު ޕާޓީއާއި އެމްޑީޕީ ގުޅިގެން މާލޭގައި ބޭއްވި
މުޒާހަރާގައި އާއްމުންނާއި ފުލުހުންގެ ފުރާނައަށް ނުރައްކާވާ ގޮތަށް އެމީހުންނާއި ދިމާލަށް
ޕިކަޕެއް ބާރު ސްޕީޑެއްގައި ދުއްވާފައި ގޮސް ޕޮލިސް ބެރިކޭޑްތައް ފޫއަޅުވާލުމާއި
ގުޅިގެންކަމަށެވެ. އަދި އެދުވަހު ފެނިގެންދިޔަ މި ނުރައްކާތެރި ޢަމަލަކީ ދުރާލައި
ރޭވިގެން ހިންގާފައިވާ ޢަމަލެއްކަން މިހާތަނަށް ބެލި ބެލުމުން އެނގިފައިވާކަމަށް
ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި މިޢަމަލަކީ އެތައް ބައެއްގެ ފުރާނައަށް
ނުރައްކާވެ ރައްޔިތުންނާ ސަރުކާރުގެ މުދަލަށް ގެއްލުންދިނުމަށް ގަސްތުގައި
ކޮށްފައިވާ ނުރައްކާތެރި ޢަމަލެއްކަމަށް ދެކޭކަމަށްވެސް ޕޮލިހުގެ ބަޔާނުގައިވެއެވެ.




އެހެންކަމުން މިއަދުން ފެށިގެން މާލޭގައި އަދި
އަތޮޅުތަކުގައި ބާއްވާ މިފަދަ އެއްވެސް އެއްވުމެއްގައި އަދި އެއްވެސް
ޙަރަކާތެއްގައި އަޑުގަދަކުރާ ހަރުކޮށްގެން ނަމަވެސް އަދި އެނޫން ގޮތަކަށްވެސް
ހަތަރު ފުރޮޅުލީ އުޅަނދު ބޭނުން ކުރެވޭނީ ފުލުހުންނަށް އެކަން ހުށަހަޅައި
ފުލުހުންދޭ ހުއްދައެއްގެ ދަށުން ކަމަށް ފުލުހުންގެ ބަޔާނުގައިވެއެވެ. އަދި
މިނޫންގޮތަކަށް، ފުލުހުންގެ ހުއްދަ ނުނަގައި މިފަދަ ޙަރަކާތެއްގައި ނުވަތަ
އެއްވުމެއްގައިވެސް ހަތަރުފުރޮޅުލީ އުޅަނދު ބޭނުން ކުރާނަމަ އެޙަރަކާތެއްގައި
ބޭނުންކުރާ އުޅަނދެއް ފުލުހުންގެ ބެލުމުގެދަށަށް ގެންނާނެކަމަށްވެސް ފުލުހުން ބުނެއެވެ.