ޚަބަރު

މިހާރު ތިބި ވަކީލުން އައު ހުއްދައެއް ހޯދާކަށް ނުޖެހޭނެ - ބާ ކައުންސިލް


ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، ދިވެހިރާއްޖޭގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ އެންމެހައި ޤާނޫނީ ވަކީލުންނަކީ، އިތުރު ހުއްދައެއް ނެގުމަކާއި ނުލައި ދަށު ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޤާނޫނީ ވަކީލެއްގެ ގޮތުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ޤާނޫނީ ވަކީލުން ކަމުގައި ބާ ކައުންސިލުން ކަނޑައަޅައިފިއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތު ކުރުމާގުޅޭ ގޮތުން މިގޮތަށް ބާ ކައުންސިލުން ނިންމާފައިވަނީ އެ ކައުންސިލްގެ އެގްޒެކެޓިވް ކޮމިޓީންނެވެ. ބާ ކައުންސިލުން ނެރެފައިވާ ސަރކިއުލާއެއްގައިވާ ގޮތުން ގާނޫނީ ފަންނުގެ ގާނޫނަށް އަމަލު ކުރަން ފެށިއިރު ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިފައިވާ ވަކީލުންގެ ތެރެއިން އަލަށް ހުއްދަ ހޯދަން ނުޖެހޭ ފަރާތްތަކުގެ ތެރޭގައި މި ގާނޫނަށް އަމަލު ކުރަން ފެށިއިރު ފަނޑިޔާރުންގެ މަޤާމަށް ޢައްޔަންކޮށްފައިވާ ޤާނޫނީ ވަކީލުން ނުހިމެނޭނެއެވެ.

އެހެން ކަމުން މިހާރު ފަނޑިޔާރަކަށް ހުންނަ މީހަކު އެ މަޤާމުން ވަކިވުމުން، އަލުން ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ބޭނުންނަމަ ޖެހޭނީ ބާ ކައުންސިލުން އެ ހުއްދަ ހޯދުމަށެވެ.

ނަމަވެސް މިހާރުވެސް ހުއްދަ ލިބިގެން ވަކާލާތު ކުރައްވާ ވަކީލުންންނަށް ރާއްޖޭގެ އެންމެހައި ތަޙްޤީޤީ އިދާރާތަކަށާއި އެހެނިހެން މުއައްސަސާތަކަށް ޙާޟިރުވުމުގެ ހުއްދަ ލިބިގެންވެއެވެ. އެހެން ނަމަވެސް މަތީ މަރްޙަލާގެ ކޯޓުތައް ކަމުގައިވާ، ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ފުރުޞަތު އޮންނާނީ ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށިއިރު، އެހާތަނަށް އެ ކޯޓުތަކުގައި ވަކާލާތު ކުރުމުގެ ހުއްދަ ލިބިގެން، އެ ކޯޓުތަކުގައިވާ ވަކީލުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ކަމަށްވެސް ބާ ކައުންސިލުން ވަނީ ނިންމާފައެވެ. އެހެން ކަމުން ދިވެހިރާއްޖޭގެ ހައިކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި ވަކާލާތު ކުރުމުގެ ހުއްދައަށް އަލަށް އެދޭ ފަރާތްތަކަށް، ކައުންސިލުން އެކުލަވާލާ ޤަވާޢިދުގެ ދަށުން ހުއްދަ ދޫކުރެވޭނޭ ކަމަށްވެސް އެކައުންސިލުން ވަނީ ބުނެފައެވެ.

މިދިޔަ ޖޫން މަހުގެ 27 ވަނަ ދުވަހު ދިވެހިރާއްޖޭގެ ޤާނޫނީ ފަންނުގެ ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޝަރުޢީ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުމުގެ ޙައްޤު ލިބިގެންވާ ވަކީލުން ގިންތި ކުރުމުގެ ބާރާއި ޤާނޫނީ ވަކީލުންނާގުޅޭ އެންމެހައި ކަންކަން ބެލެހެއްޓުމުގެ ޒިންމާ އޮންނަނީ ބާ ކައުންސިލަށެވެ.