ޚަބަރު

މޫސުން ގޯސްވެ ޔެލޯ އެލަރޓް ނެރެފި - ކަނޑު ދަތުރުކުރުން ރައްކާތެރިއެއްނޫން


މޫސުން ގޯސްވެ، ރާއްޖޭގެ ބައެއް ހިސާބުތަކަށް ޔެލޯ އެލަރޓް ނެރެފައިވާތީ ކަނޑު ދަތުރުކުރުން ރައްކާތެރި ނޫންކަމަށް ފުލުހުން ބުނެފިއެވެ.

މުސުމާބެހޭ ޤައުމީ އިދާރާއިން ވަނީ ބ.އަތޮޅާއި ދ.އަތޮޅުގެ ހިސާބުތަކަށް ޔެލޯއެލަރޓް ނެރެފައެވެ. މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާ ގޮތުން، ބ އަތޮޅާއި ދ އަތޮޅާއި ދެމެދަށް މިރޭ 19:00 އިން 21:30 އާ ދެމެދު ބޯކޮށް ވާރޭވެހި ގުގުރުމާއެކު، ވިލާގަނޑުގައި 55 މޭލަށް ވައި ގަދަވާނެއެވެ. އެހެންކަމުން ފުލުހުން ވަނީ ރާއްޖޭގެ ކަނޑުތައް ގަދަވާނެކަމަށް ލަފާކުރެވޭތީ ކަނޑު ދަތުރުކުރުން ރައްކާތެރި ނޫން ކަމަށާ، ކަނޑު ދަތުރުކުރާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައެވެ.

ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކުރާނެ ކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާއިން ލަފާކުރެއެވެ. އެ އިދާރާއިން ބުނީ ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާ ކުރެވޭ ކަމަށެވެ.

މީގެ އިތުރުން ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށް ވެސް މޫސުމާ ބެހޭ އިދާރާއިން ލަފާކޮށްފައިވެއެވެ. ހަމަ އެހެންމެ ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރުން އެކަށީގެންވާ ކަމަށް މޫސުމާ ބެހޭ އިދާރާއިން މައުލޫމާތުދެ އެވެ.

އެހެންކަމުން، ކަނޑުދަތުރު ކުރައްވާ ފަރާތްތަކުގެ ރައްކާތެރިކަމަށްޓަކައި ހެދިފައިވާ ޤާނޫނުތަކާއި ޤަވާޢިދުތަކަށް ފުރިހަމައަށް ބޯލަނބައި، ސަލާމަތީ ގޮތުން ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަ ކުރެވިފައިވޭތޯ ޔަޤީންކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. އަދި މުދާ އުފުލާ އުޅަނދުތައް ބަރުކުރުމުގައި ހުއްދަ ދެވިފައިވާ މިންގަނޑަށްވުރެ ބަރު ނުކުރުމަށާއި، ފަސިންޖަރުން އުފުލާ އުޅަނދުފަހަރުގައި ސަލާމަތީ އާލާތްތައް ފަސޭހައިން އަތުޖެހޭ ގޮތަށް ބެހެއްޓުމަށް ވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ. މީގެ އިތުރުން އުޅަނދުފަހަރުގައި މުވާސަލާތީ ވަސީލަތްތައް ހަމަތޯ ޔަޤީންކުރުމަށްފަހު ނޫނީ ދަތުރު ނުކުރުމަށްވެސް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.

މީގެ އިތުރުން ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރު ކުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކޮށްފައިވާތީ، ފަޅުތެރޭގެ އޮޔަށް ބަދަލުއައިސް ދިމާވެދާނެ ހާދިސާއަކުން ފަޅުގައި އަޅާފައިހުންނަ އުޅަނދުފަހަރު ރައްކާތެރިކުރުމަށް ސަމާލުކަން ދިނުންވެސް މުހިންމެވެ. އަދި ވައިގަދަވެގެންދާ ވަގުތުތަކުގައި އުސް އިމާރާތްތަކުގައި ދިރިއުޅޭ ފަރާތްތަކުން، ދޮރުތަކާއި ކުޑަދޮރުތައް ރައްކާތެރިކަމާއެކު ލެއްޕުމަށާއި ބެލްކަންޏާއި ޓެރެސް ގައި ހުންނަ ގަސް މުށި ފަދަތަކެތި ވައިގަދަވުމުގެ ސަބަބުން އިމާރާތްތަކުގެ މަތިން ވެއްޓި ދިމާވެދާނެ ނުރައްކާތެރި ހާދިސާއަކުން ރައްކާތެރިވުމަށް ދުރާލައި ސަމާލުކަންދިނުންވެސް މުހިންމެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ބައެއް ރަށްތަކަށް ރޭވެސް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.