ޚަބަރު

ހީނާމާގެ ހުރި ތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ފަށައިފި


ހީނާމާގެ ހުރި ތަނުގައި އަލުން ޕާކިންގ ޒޯނެއް ހެދުމުގެ މަސައްކަތް ސިޓީ ކައުންސިލުން ފަށައިފިއެވެ.

ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތުދެއްވަމުން މާލޭ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ، ހީނާމާގެ ހުރިތަނުގައި ކުރިން ހަދާފައިހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ނަގައި އެތަނުގައި ވެހިކަލްތަކަށް ޕާކު ކުރެވޭނެ ގޮތް ހަދަން ނިންމީ މަޖީދީމަގުގެ އެއްފަރާތުގައި ޕާކް ކުރާ ކުރުން މަދުކޮށް ހިނގާބިނގާވެ އުޅޭ މީހުންނަށާއި އުޅަނދުފަހަރު ދުއްވާ ފަރާތްތަކަށް ފަސޭހަކޮށްދިނުމަށް ކަމަށެވެ.

ހީނާމާގެ ޕާކިން ޒޯންގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް މިހާރު ވަނީ ނަގާފައެވެ. އަދި އެތަނުގައި ހަތަރު ފުރޮޅުލީ އުޅަނދާއި ދެ ފުރޮޅުލީ އުޅަނދަށްވެސް ޕާކްކުރެވޭނެ ގޮތަށް އެތަން ތަރައްޤީ ކުރުމުގެ މަސައްކަތް މާލޭ ސިޓީ ކައުންސިލުން ދަނީ ކުރަމުންނެވެ. ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ވިދާޅުވީ މިމަސް ނިމުމުގެ ކުރިން ޕާކިންގޒޯނުގެ މަސައްކަތް ނިންމައި އާންމުންނަށް ހުޅުވާލުމަށް މަސައްކަތްކުރަމުންދާކަމަށެވެ.

މިދިޔަ ސަރުކާރުން މާލޭގެ އެކި ސަރަޙައްދުތަކުގައި މެކޭނިކަލް ޕާކިންގ ސިސްޓަމްތައް ޤާއިމްކުރިނަމަވެސް ބޭނުންނުކޮށް ގިނަ ދުވަސް ވުމުގެ ސަބަބުން އެ ސިސްޓަމްތައް ވަނީ ދަބަރުޖަހާ ހަލާކުވެފައެވެ. އެހެންކަމުން އެތަންތަނުގައި ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް ސަރުކާރުން ދަނީ ކުރަމުންނެވެ. މިހާރުވެސް ސިޓީކައުންސިލުން ވަނީ މާލޭ ވިޔަފާރިވެރިންގެ މިސްކިތް ކައިރީގައި ހުރި މެކޭނިކަލް ޕާކިންގ ސިސްޓަމާއި ފުރުޤާން މިސްކިތް ކުރިމަތީގައި ބަހައްޓާފައިހުރި މެކޭނިކަލް ޕަކިން ސިސްޓަމް ނަގާފައެވެ.

މާލެސިޓީ ކައުންސިލްގެ އަމާޒަކީ މާލޭގައި މިގޮތަށްހުރި ތަންތަން ހުސްކޮށް އާންމުންނަށް ފަސޭހައިން ޕާކު ކުރެވޭނެ އިންތިޒާމް ހަމަޖެއްސުމެވެ.