މަސްވެރިންގެ ޕާކްގެ މަސައްކަތް ނުފެށި ލަސްވެގެންދިޔާއީ އެތަނުގެ ޑިޒައިނަށް ބަދަލުތަކެއް ގެންނަން ޖެހުމުގެ ސަބަބުންކަމަށް މާލެ ސިޓީ ކައުންސިލުން ވިދާޅުވެއްޖެއެވެ.
މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށްޓަކައި ގާތްގަނޑަކަށް މީގެ ތިންމަސް ކުރިން އެސަރަޙައްދުގައިހުރި އުޅަނދުތައްނަގައި ފެންސް ޖަހައި ވަނީ ބަންދުކޮށްފައެވެ. އެތަނުގެ މަސައްކަތް ނުފެށި ލަސްވަމުން ގޮސްފައިވާއިރު ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރ ޝަމާއު ޝަރީފް ވިދާޅުވީ މަސްވެރިންގެ ޕާކްގެ މަސައްކަތް ނުފެށި ލަސްވެގެންދިޔައި ކުރެހުމަށް ބަދަލުތަކެއް ގެނަންޖެހުމުންކަމަށެވެ. އަދި މިހާރު ކުރެހުންތަން ފައިނަލްކޮށްފައިވާކަމަށާ އެމަސައްކަތް ކުރުމަށް ތައްޔާރުވަމުންދާކަމަށެވެ. އަދި އަންނަ އޮކްޓޯބަރު މަހުގެތެރޭގައި އެމަސައްކަތްކޮށް ނިމޭނެކަމަށް ޝަމާއު ވިދާޅުވިއެވެ. ސިޓީ ކައުންސިލުން މީގެކުރިން އޭޕްރީލް މަހުގެތެރޭގައި ބުނެފައިވަނީ 3 މަސްދުވަހުގެ ތެރޭގައި އެތަނުގެ މަސައްކަތް ނިންމާނެކަމަށެވެ.
މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ނިންމާފައިވަނީ އެތަނުގައި މާބޮޑެތި ޢިމާރާތްތައް އަޅާގޮތަކަށްނޫނެެވެ. އަދި އެތަން ތަރައްޤީކުރުމަށް ޚަރަދެއް ވެގެންނުދާނެކަމަށާ، އެތަނަށް ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ސީއެސްއާރުގެ ދަށުން އެކި ކުންފުނިތަކުން މުދާ ފޯރުކޮށްދޭގޮތަށްކަމަށް ސިޓީ ކައުންސިލުން ވިދާޅުވިއެވެ.
މާލެއަންނަ ފަތުރުވެރިންނަށް ފަސޭހަވާނެހެން ޚާއްސަ އިންތިޒާމުތަކާއެކު މަސްވެރިންގެ ޕާރކު ތަރައްޤީކުރުމަށް ނިންމާފައިވާއިރު އެތަނުގެ ޕްލޭންގައި އެސަރަޙައްދުގައި ހުރި ގާޑިޔާތައް ހިމަނާފައި ނުވާނެކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. އަދި އެސަރަހައްދުގައި ހުރި ގާޑިޔާތައް އެހެންތަނަކަށް ބަދަލުކުރުމުގެ މަސައްކަތް ކުރާނެކަމަށް ކައުންސިލުން ވިދާޅުވެއެވެ.
މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ހަމަޖެހިފައިވަނީ ޢާންމު ފާހާނާތަކަކާއި، މާލެ އަންނަ ބޭރުގެ ބޮޑެތި ކްރޫޒް ލައިނާތަކަށް ބޭނުންވާ ޚިދުމަތްތައް ދެވޭނެފަދަ ޓަރމިނަލަކާއެކުއެވެ. އެއާއެކު ކްރޫޒްލައިންތަކުން ފަތުރުވެރިން މާލެއަށް ފައިބާނެ ޚާއްސަ ސަރަޙައްދުގެ ގޮތުގައި މިސަރަހައްދު ހަމަޖެއްސުމަށް މާލޭ ސިޓީ ކައުންސިލުން ވަނީ ނިންމާފައެވެ.
އެގޮތުން މާލެ އަންނަ ފަތުރުވެރިންނަށް މަޢުލޫމާތު ދޭނެ އިންފޮމޭޝަން ޑެސްކްތަކާއި ފަތުރުވެރިން އަންނައިރު މިސަރަޙައްދުގައި ސެކިއުރިޓީވެސް ހަމަޖެހިފައި އޮންނާނެ ކަމަށް ސިޓީ ކައުންސިލުން ވިދާޅުވެއެވެ. މިތަން ތަރައްޤީކޮށް ނިމޭއިރު ޕާރކެއްގެއިތުރުން، ޕާރކިންގ ޒޯނެއްވެސް ޤާއިމް ކުރެވިފައިވާނެކަމަށް މާލޭ ސިޓީކައުންސިލުން ވިދާޅުވެއެވެ. މަސްވެރިންގެ ޕާރކް ތަރައްޤީކުރުމަށް ޙަވާލުކޮށްފައިވާ އެމް.ޓީ.ސީ.ސީއާއެވެ.