ޚަބަރު

ދެވަނަ ކުއާޓަރގައި އޭސީސީއަށް 259 މައްސަލައެއް ހުށައަޅައިފި


މިއަހަރުގެ ދެވަނަ ކުއާޓަރގައި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އަށް 259 މައްސަލަ ހުށައަޅައިފިއެވެ.

މި މައްސަލަތަކާއެކު މިއަހަރުގެ މިހާތަނަށް ޖުމްލަ 546 މައްސަލަ އެ ކޮމިޝަނުގައި މިހާރު ވަނީ ރަޖިސްޓްރީކޮށްފައި އެވެ.

މިއަހަރުގެ އޭޕްރިލް މަހުން ފެށިގެން ޖޫން މަހުގެ ނިޔަލަށް އޭސީސީއަށް ހުށައެޅުނު މައްސަލަތާ ގުޅޭ ތަފާސް ހިސާބުތައް ދައްކާ ގޮތުން މިއަހަރުގެ ދެ ވަނަ ކުއާޓަރގައި އޭސީސީގައި ރަޖިސްޓްރީ ކުރި 259 މައްސަލައިގެ ތެރެއިން ތަހުގީގުކުރަން ނިންމާފައިވަނީ 251 މައްސަލައެކެވެ.

މިދިޔަ އަހަރު އެ މުއްދަތުގެ ތެރޭގައި ރަޖިސްޓްރީ ކުރެވިފައިވަނީ 124 މައްސަލައެވެ. އަދި މިދިޔަ އަހަރުގެ ދެ ވަނަ ކުއާޓަރގެ ތެރޭގައި ތަޙްޤީޤު ކުރުމަށް ނިންމާފައިވަނީ 110 މައްސަލައެވެ.

އޭސީސީން ބުނެފައިވަނީ އެ ކޮމިޝަނަށް ހުށަހަޅާފައިވާ ޝަކުވާތަކުގެ ތެރެއިން ކޮމިޝަންގެ މެންޑޭޓަށް ނުފެތޭ މައްސަލަތައް އެ މެންޑޭޓެއް އޮތް އިދާރާއަކަށް އެ ކޮމިޝަނުން ފޮނުވަމުންދާ ކަމަށެވެ. އެގޮތުން، މިއަހަރުގެ ދެ ވަނަ ކުއާޓަރގެ ތެރޭގައި 18 މައްސަލައެއް ދައުލަތުގެ ކަމާބެހޭ އިދާރާތަކަށް ފޮނުވާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި ކޮމިޝަނުން އެހެނިހެން އިދާރާތަކަށް ފޮނުވާފައިވަނީ 8 މައްސަލަކަމަށް އެ ކޮމިޝަނުން ހާމަކޮށްފައިވެއެވެ.

ކޮމިޝަނުގެ މެންޑޭޓަށް ނުފެތޭތީއާއި އެކަށީގެންވާ ވަރަށް މަޢުލޫމާތު ލިބިފައިނުވާތީ، 44 މައްސަލަ މިއަހަރުގެ ދެވަނަ ކުއާޓަރގައި ނުބަލާ ދޫކޮށްލާފައިވާއިރު، 2018 ވަނަ އަހަރުގެ އެ މުއްދަތުގައި 16 މައްސަލަ ވަނީ ނުބަލާ ދޫކޮށްލާފައެވެ.

ދެވަނަ ކުއާޓަރގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މިދިޔަ އަހަރެކޭ އެއްފަދައިން މި އަހަރުވެސް އެންމެ ގިނައިން އޭސީސީގައި ރަޖިސްޓްރީ ކޮށްފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތަކެވެ. އެ ގޮތުން ދެވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 94 މައްސަލައެއް އޭސީސީގައި ރަޖިސްޓްރީ ކުރެވިފައިވާއިރު، މިދިޔަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ޕްރޮކިއުމަންޓާ ގުޅޭ 44 މައްސަލަ ރަޖިސްޓްރީ ކޮށްފައިވެއެވެ.

މިއަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި ވަޒީފާއާގުޅޭ 51 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާއިރު ގޯތިގެދޮރާއި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި ބިމާއި، މުސާރައާއި އިނާޔަތްތަކާއި، އިންތިޚާބާއި ކެމްޕޭންތަކާ ގުޅޭ ޖުމްލަ 60 މައްސަލައެއް ރަޖިސްޓްރީ ކޮށްފައިވާ ކަމަށް ވެސް އޭސީސީގެ ތަފާސްހިސާބުތަކުން ދައްކައެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 40 މައްސަލައެއް މި އަހަރުގެ ދެވަނަ ކުއާޓަރގެ ތެރޭގައި އެ ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.