ޚަބަރު

ފަނޑިޔާރު ޑީޑީ ސަސްޕެންޑް ކުރި މައްސަލައިގެ އަޑުއެހުމެއް މާދަމާ


ސުޕްރީމްކޯޓުގެ ފަނޑިޔާރު ޢަބްދުﷲ ދީދީ ސަސްޕެންޑް ކުރަން ނިންމުމާ ގުޅިގެން ޖުޑީޝަލް ސަރވިސް ކޮމިޝަނާ ދެކޮޅަށް އޭނާ ހުށައެޅި ދުސްތޫރީ މައްސަލައިގެ އަޑުއެހުމެއް މާދަމާއަށް ތާވަލުކޮށްފިއެވެ. ސުޕްރީމް ކޯޓުން އެ މައްސަލައިގެ އަޑުއެހުން ބާއްވަން ތާވަލު ކޮށްފައިވަނީ މެންދުރު 13.15 އަށެވެ.

ފަނޑިޔާރު ޑީޑީ މަގާމުން ސަސްޕެންޑް ކޮށްފައިވަނީ ފުލުހުން ބަލަމުންދާ ޖިނާއީ މައްސަލައަކާ ގުޅިގެންނެވެ. ނަމަވެސް އެ ސަސްޕެންޝަނާ ގުޅިގެން ސުޕްރީމް ކޯޓުން ވަނީ އެ ސަސްޕެންޝަނަށް އަމަލު ނުކުރުމަށް އަންގާފައެވެ.

ޖޭއެސްސީން ހުޅުވާލައިގެން ބޭއްވި ތަޙްޤީޤު ބައްދަލުވުމުގައި ފަނޑިޔާރު ޑީޑީގެ މައްޗަށް ބޮޑެތި ތުހްމަތުތަކެއް ކުރެވިފައިވާކަން ހާމަވިއެވެ. އެގޮތުން ފަނޑިޔާރު އަބްދުﷲ ދީދީގެ މައްސަލާގައި ފުލުހުން ޖޭއެސްސީއަށް ފޮނުވި ސިޓީގައި ވަކިގޮތަކަށް ހުކުމްތައް ނެރުމަށް އެމްއެމްޕީއާރުސީގެ ފައިސާއަށް ހިޔާނަތްތެރިވި ފަރާތްތަކުން އަބްދުﷲ ދީދީ އަށް ރިޝްވަތުގެ ގޮތުގައި އެތައް ފައިސާ ދީފައިވާކަމުގެ ތުހުމަތާއި ނޫސްވެރިޔާ އަޙްމަދު ރިޟްވާނު ގެއްލުނު މައްސަލާގައި ހައްޔަރުކުރި ދެ މީހަކު ދޫކޮށްލުމުގެ ތުހުމަތުވެސް ޢަބްދުﷲ ދީދީގެ މައްޗަށް ވަނީ ކުރެވިފައެވެ.

މީގެއިތުރުން ފަނޑިޔާރު ދީދީގެ ގާތް މީހަކަށް މެލޭޝިއާއިން ވަޒީފާ ދިނުމަށް އެދިފައިވާކަމަށްވެސް ފުލުހުންގެ ސިޓީގައިވެއެވެ. އަދި މި ހުރިހާ މުއާމަލާތެއްވެސް ކޮށްފައިވަނީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލާގައި ތުހުމަތުކުރެވޭ ސަސްޕެކްޓް 1 ކަމަށްވެސް ފުލުހުން ބުނެއެވެ. ބެލެވޭ ގޮތުން ފުލުހުންގެ ސަސްޕެކްޓް 1 އެެއީ އަހްމަދު އަދީބެވެ. އަދި ވަޒީފާ ހޯދާދިނުމަށް އެދުމުން މެލޭސިއާގައި ހުންނަ ދިވެހި އެމްބެސެޑަރުގެ ނާއިބުކަން ވަނީ ދީދިގެ އަންހެނުނަށް ލިބިފައެވެ.