ޚަބަރު

ރަށްތައް ދޫކޮށްގެން ލިބޭ ފައިސާ އަދީބަށް ދޭން ޔާމިން އެންގެވި: ޒިޔަތު


ރަށްތަކާއި ފަޅުތައް ކުއްޔަށް ދީގެން ލިބޭ ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާނުކޮށް އޭރުގެ ޓޫރިޒަމް މިނިސްޓަރ އަޙްމަދު އަދީބުގެ އަތަށް ދިނުމަށް ކުރީގެ ރައީސް ޔާމިން އެންގެވި ކަމަށް އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިންޑިރެކްޓަރ ޢަބްދުﷲ ޒިޔަތު ވިދާޅުވެއްޖެ އެވެ.

ރައީސް ޔާމިންގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ ދައުވާ ސާބިތުކުރުމަށް ދައުލަތުން ހުށައެޅި ހެއްކެއްގެގޮތުގައި ކޯޓަށް ޒިޔަތު ހާޒިރުކުރުމުން ދައުލަތުގެ އިތުރުން ޔާމީން ވެސް ވަނީ ގިނަ ސުވާލުތަކެއް އޭނާއާ އަމާޒުކުރައްވާފައެވެ.

ޒިޔަތު ވިދާޅުވީ ރަށްތަކާއި ފަޅުތައް ކުށްޔަށް ދީގެން ލިބޭ ފައިސާއާމެދު އަމަލު ކުރަންވީ ގޮތުގެ ލަފާ ރައީސް ޔާމީން އޭނާއަށް ގުޅާފައި ދެއްވަމުން ގެންދެވި ކަމަށެވެ. އަދި އެލަފައާ އެއްގޮތަށް ކަންކަން ކުރެއްވުމަކީ ޤާނޫނާ ޚިލާފަށް ކުރެއްވި ކަމެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށާއި ނަމަވެސް ރައީސް ޔާމީން އެންގެވި ގޮތަށް ފައިސާއާމެދު އަމަލު ކުރުމަށް ބަންޑާރަ ނައިބު ވެސް ލަފާ ދެއްވި ކަމަށް އޭނާ ވިދާޅުވިއެވެ.

ގއ.ވަޑަމުލާ ކުއްޔަށް ދީގެން ލިބުނު އެއްމިލިއަން ޑޮލަރު އެސްއޯއެފް ކުންފުނި މެދުވެރިކޮށް ރައީސް ޔާމިންގެ އެކައުންޓަށް ވަދެފައިވާ ކަމަށް ދައުވާގައި ބުނެފައިވާއިރު ޒިޔަތު ވިދާޅުވީ އެފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ލުމުގެ ބަދަލުގައި އެސްއޯއެފްގެ އިސް މީހަކާ އޭނާ ހަވާލުކުރައްވާފައިވާނެ ކަމަށެވެ. އަދި އެ ފައިސާއަށް ފަހުން ވީ ގޮތެއް ނޭނގޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ. އަދީބު ރަށުގައި އޭރު ނެތުމުން އެއްމިލިއަން ޑޮލަރުގެ ޗެކް ހަވާލުކުރީ އެސްއޯއެފްގެ ޝިފާއުއަށް ކަމަށް ވެސް ވިދާޅުވިއެވެ.

ޔާމިންގެ ވަކީލުންގެ ސުވާލުތަކަށް ޖަވާބު ދެއްވަމުން ޒިޔަތު ވިދާޅުވެފައިވަނީ ރައީސް ޔާމިން ވެރިކަމުގައި ހުންނެވިއިރު އޭނާ ރައީސް އޮފީހުގައި އަދީބު އާއި އެކު ރައީސް ޔާމީނާއި ބައްދަލުކޮށްފައިވާނެކަމަށާ، އަދި ވަކިން އެކަނިވެސް ބައްދަލު ކޮށްފައިވާނެ ކަމަށެވެ. އަދި ރަށްތައް ކުށްޔަށް ދިނުމާ ގުޅޭ ގޮތުން އަމަލު ކުރަންވީ ގޮތުގެ ލަފާ ރައީސް ޔާމިން އެރުއްވީ ފޯނުމެދުވެރިކޮށް ކަމަށް ވެސް ވިދާޅުވިއެވެ.

ނަމަވެސް ރައީސް ޔާމިން ވިދާޅުވެފައިވަނީ އެމަނިކުފާނާ ޒިޔަތުއާ ބައްދަލުވެފައިވަނީ އެންމެ ފަހަރަކު ކަމަށާއި އަދި ފޯނުން ޒިޔަތުއާ މުއާމަލާތެއް ކުރައްވާފައިނުވާނެ ކަމަށެވެ. ނަމަވެސް ﷲ ގަންދީ ހުވާކޮށް ޒިޔަތު ދެއްވި ހެކިބަހުގައި ތަކުރާރުކޮށް ރައީސް ޔާމިންއަށް ދެއްވި ޖަވާބުގައި ރައީސް ޔާމިން ފޯނުން ގުޅާ ލަފާ ދެއްވަމުން ގެންދެވި ކަމަށް ވިދާޅުވި އެވެ. އަދީބު އަންގާ ގޮތުގެ މަތިން އަމަލު ކުރަމުން ގެންދަން ވެސް ރައީސް ޔާމިން އެންގެވި ކަމަށް ވިދާޅުވިއެވެ. ރަށްތައް ކުއްޔަށް ދޭން އަގުތައް ވެސް ކަނޑައަޅަމުން ގޮސްފައިވަނީ ރައީސް ޔާމިންގެ މަޝްވަރާމަތިން އޭރުގެ ޓޫރިޒަމް މިނިސްޓަރ އަދީބު ކަމަށް ޒިޔަތު ވިދާޅުވި އެވެ.

ޒިޔަތު އަމަލު ކުރަމުން ގެންދެވީ ރައީސް ޔާމިން އެންގެވި ގޮތައް ކަމަށް އޭނާ ވިދާޅުވުމުން ރައީސް ޔާމިން ވަނީ ވަކި މީހަކު ބުނި ގޮތަކަށް އަމަލުކުރިއިރު އެއްވެސް ފަރާތެއްގެ ލަފައެއް ހޯދާފައިނުވޭތޯ ސުވާލު ކުރައްވާފައެވެ. ޒިޔަތު ވިދާޅުވީ ހަމަ އެކަނި ލަފާ ހޯދީ ބަންޑާރަނައިބު ކިބައިން ކަމަށާއި ބަންޑާރަނައިބު ވަރަށް ގިނައިން އެމްއެމްޕީއާރުސީގެ އޮފީހަށްވެސް ވަޑައިގަންނަވާ ކަމަށެވެ.

އެ ހުރިހާ ވާހަކަތަކާ ގުޅިގެން ރައީސް ޔާމިން ވަނީ ތިޔަ ވިދާޅުވަނީ ގާނޫނާ ޚިލާފަށް ކަންކަން ކުރައްވާފައިވާނެ ވާހަކަތޯ ސުވާލު ކުރައްވާފައެވެ. އަދި ޒިޔަތުވަނީ އޭނާ ޖަލު ހުކުމެއްގައި ހުންނެވީ އެހެން ވެގެންނޫން ތޯ ވިދާޅުވެފައެވެ. އަދި ބޮޑުމުލާ ކުއްޔަށް ދީގެން ލިބުނު ފައިސާ އެމްއެމްޕީއާރުސީގެ އެކައުންޓަށް ޖަމާނުކޮށް ވަކި މީހަކާ ހަވާލު ކުރުމުގެ ޒިންމާ ނަގާނީ ކާކުތޯ ރައީސް ޔާމިން އެއްސެވުމުން ޒިޔަތު ވިދާޅުވީ އެ ޒިންމާ އޭނާ ނަގަން ޖެހޭނެ ކަމަށް އަމިއްލައަށް ޤަބޫލު ކުރައްވާ ކަމަށެވެ.