ޚަބަރު

އަދްނާން އަނީސް ވަޒީފާއިން ވަކުރީ ޤާނޫނާ ޚިލާފަށްކަމަށް ދައުލަތުންވެސް އެއްބަސްވެއްޖެ


މެރިން ޕޮލިސްގެ ވެރިއަކަށް ހުންނަވަނިކޮށް އިބްރާހީމް އަދްނާނު އަނީސް، ފުލުހުންގެ ވަޒީފާއިން ވަކިކޮށްފައިވަނީ ޤާނޫނާއި ޤަވާއިދާ ޚިލާފަށްކަމަށް ދައުލަތުންވެސް އެއްބަސްވެ، ބަދަލުގެ ގޮތުގައި އޭނާގެ އެއް އަހަރު ދުވަހުގެ މުސާރައަށްވާ ފައިސާ ދިނުމަށް އިއުތިރާޒުނުކުރާ ކަމަށް ސުޕްރީމްކޯޓުގައި ވިދާޅުވެއްޖެއެވެ.

އަދުނާނު ވަޒީފާއިން ވަކިކުރީ ޤާނޫނާ ޚިލާފަށްކަމަށް ދައުލަތުގެ ބަންޑާރަނައިބުގެ އޮފީހުން ސުޕްރީމް ކޯޓުގައި މިއަދު ވިދާޅުވިއިރު އެމައްސަލާގައި ސިވިލްކޯޓާއި ހައިކޯޓުގައި ވިދާޅުވެފައިވަނީ އަދުނާނު ވަޒީފާއިން ވަކިކޮށްފައިވަނީ ރަނގަޅަށްކަމަށެވެ. އަދުނާނު ވަޒީފާއިން ވަކިކުރި މައްސަލާގައި ސިވިލްކޯޓުން ހުކުމްކުރީ އޭނާއާ އެއްކޮޅަށެވެ. ނަމަވެސް ހައިކޯޓުގައި އެމައްސަލަ ދައުލަތުގެ ފަރާތުން އިސްތިއުނާފު ކުރުމުން ނިމުނީ ދައުލަތާ އެއްކޮޅަށެވެ.

ހައިކޯޓުން ކުރިހުކުމް ބާޠިލްކުރުމަށް ސުޕްރީމްކޯޓަށް އަދުނާނު ހުށައެޅި މައްސަލައާގުޅިގެން ބޭއްވި ފުރަތަމަ އަޑުއެހުމުގައި އޭނާގެ ވަކީލު އަލްއުސްތާޛު ޙުސެއިން ޝަމީމް ވިދާޅުވީ އަދުނާނު ވަޒީފާއިން ވަކުރީ އޭނާގެ މައްޗަށް ތުހްމަތުކުރެވުނު ކުށް، ކުރިކަން މަދަނީ މިންގަނޑުންވެސް ސާބިތުވުމެއް ނެތިކަމަށެވެ. އަދި އޭނާ ވަކިކުރުމަށް ޑިސިޕްލިނަރީ ކޮމެޓީން ފުރިހަމަ ކުރަންޖެހޭ އިޖްރާއަތު ފުރިހަމަ ކޮށްފައިނުވާކަމަށެވެ.

އެކަން ކަމަށް އެއްބަސްވެވަޑައިގެން ދައުލަތުގެ ވަކީލް ވިދާޅުވީ ވަޒީފާއިން ވަކިކުރީ ގާނޫނާ ޚިލާފަށްކަމަށްވުމުން އޭނާއަށް، ވަޒީފާ އިޢާދަކުރުމަށް ދައުލަތުންވެސް އެދޭކަމަށެވެ. ނަމަވެސް އަދުނާން ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން ވަޒީފާ އިޢާދަކުރުމާހަމައަށް އޭނާއަށް ލިބެންޖެހޭ މުސާރައާއި ޢިނާޔާތް އެމުއްދަތަށް ދިނުމަށް އިއުތިރާޒްކުރާކަމަށެވެ.

އޭގެ ބަދަލުގައި ދައުލަތުން އެދެނީ ވަޒީފާއިން ވަކިކުރި މުއްދަތުން ފެށިގެން އެއްއަހަރަށް ލިބެންޖެހޭ މުސާރައާއި އިނާޔަތް ދިނުމަށް އެދޭކަމަށެވެ. އަދިއެގޮތައް އަމަލުކުރުމަށް ބަންޑާރަނައިބު ނިންމެވީ ޤާނޫނާ ޚިލާފަށް ވަޒީފާއިން ވަކިކުރާ މީހުންނާމެދު އެއްގޮތަކަށް އަމަލު ކުރުމަށްޓަކައި ކަމަށް ވިދާޅުވިއެވެ.

ނަމަވެސް ޝަމީމް ވިދާޅުވީ ޤާނޫނާ ޚިލާފަށް ވަޒީފާއިން މީހަކު ވަކިކުރުމުން އޭނާއާ ލިބުނު ގެއްލުމުގެ ބަދަލު އޭނާއަށް ދައުލަތުން ދޭންޖެހޭކަމަށެވެ. އަދި ވަކި މުއްދަތަކަށް ބަދަލުދޭން ދައުލަތުން ބޭނުންވާކަމަށް ދައްކާ ވާހަކަ ނިންމޭނީ ޤާނޫނަކުން ކަމަށްވެސް އޭނާ ވިދާޅުވިއެވެ. އަދި މިހާރުގެ ޕޮލިސް ކޮމިޝަނަރ މުހައްމަދު ހަމީދު ވަޒީފާއިން ވަކިކުރި މައްސަލައިގައި، އޭނާއަށް އަލުން ވަޒީފާާ ދޭން ނިންމުމާއެކު ވަޒީފާއިން ވަކިކޮށްފައިހުރި މުއްދަތަށް އެއްކޮށް މުސާރައާއި އިނާޔަތްދިނުމަށް ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމްވެސްވަނީ ކޯޓަށް ހުށައަޅާފައެވެ.

ސްޕްރިންޑެންޓް ރޭންކްގައި ހުންނަވަނިކޮށް އަދްނާނު ވަޒީފާއިން ވަކިކުރީ 2012ވަނަ އަހަރުއެވެ.
އެ މައްސަލައިގައި ދެން އޮންނާނީ ހުކުމް ކުރުމެވެ. މައްސަލަ ސުޕްރީމް ކޯޓުން ބައްލަވަނީ ފަނޑިޔާރު އާދަމް މުހައްމަދު އަބްދުﷲއާއި ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އަބްދުލްޣަނީ މުހައްމަދެވެ.