ޚަބަރު

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސްއަށް ތައްޔާރުވުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފި


އެމްޑީޕީގެ ޔޫތުވިންގ ކޮންގްރެސްއަށް ތައްޔާރުވުމަށް މަސައްކަތު ބައްދަލުވުމެއް ފަށައިފިއެވެ.

އެމްޑީޕީގެ ޒުވާނުންގެ ކޮންގްރެސް ފެށުމަށް ހަމަ ޖެހިފައިވަނީ މާދަމާ ހެނދުނުވެ. އަދި އެ ކޮންގްރެސްގައި ބައިވެރިވުމަށްޓަކައި ރާއްޖޭގެ އެކި ރަށުން ޒުވާނުން ވަނީ އައިސްފައެވެ. ކޮންގްރެސް ފެށުމުގެ ކުރިން ހިރިޔާ ސްކޫލް ހޯލްގައި މިއަދު ފެށި މަސައްކަތު ބައްދަލުވުމުގައި މައިގަނޑު ގޮތެއް އޮތީ މައުލޫމާތު ހިއްސާކުރުމާއި ބައިވެރިން ރަޖިސްޓްރީ ކުރުމެވެ.

މި ބައްދަލުވުމުގައި އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު ވަނީ ދިވެހިރާއްޖެ ޑިމޮކްރަސީ ކުރި ދަތުރު މައްޗަށް އަލިއަޅުވާލައްވާ ވާހަކަފުޅު ދައްކަވާފައެވެ. އަދި ޑިމޮކްރަސީ ރާއްޖެއަށް ތައާރަފުކުރަން ކުރެވުނު މަސައްކަތުގައި އެމަނިކުފާނު ކުރައްވާފައިވާ ތަޖުރިބާވެސް ބައިވެރިންނާ ވަނީ ހިއްސާ ކުރައްވާފައެވެ. އެގޮތުން ޖަލުގައި އެމަނިކުފާނު ހޭދަކުރެއްވި ހިތްދަތި ދުވަސްތަކާ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ކުރައްވަން ޖެހިވަޑައިގެންނެވި މަސައްކަތްޕުޅާއި މިއަދާ ހަމައަށް ކުރެއްވުނު މަސައްކަތްޕުޅު ވެސް ބައިވެރިންނާ ވަނީ ހިއްސާ ކުރައްވާފައެވެ.

ސުވާލާ ޖަވާބު ހިމެނޭ ގޮތައް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ބައިވެރިން ވަނީ ރައީސް ނަޝީދުގެ ސިޔާސީ ހަޔާތްޕުޅާއި އަދި ރާއްޖެއަށް ޑިމޮކްރަސީ ގެނައުމަށް ކުރި މަސައްކަތާ ގުޅޭ ގޮތުން ކަންކަން އޮޅުން ފިލުއްވާފައެވެ.

އެ ބައްދަލުވުމުގައި ޒުވާނުންނާމެދު މި ސަރުކާރުން ގެންގުޅޭ ސިޔާސަތުތަކާ ގުޅޭ ގޮތުން ވެސް މައުލޫމާތު ވަނީ ދެއްވާފައެވެ. އެ މައުލޫމާތު ބައިވެރިންނާ ހިއްސާ ކުރެއްވީ ރައީސް އޮފީހުގެ ޕޮލިސީ ސެކްރެޓަރީ އައިމިނަތު ޝައުނާއެވެ. އަދި ޒުވާނުންގެ ހިތްވަރުގެ ތަސައްވަރުގެ މައްޗަށް ވެސް ބައިވެރިންނާ މައުލޫމާތު ހިއްސާ ކޮށްފައިވެއެވެ.

އެމްޑީޕީ ޔޫތްވިންގ ކޮންގްރެސް ފެށުމަށް މާދަމާ ބާއްވާ ރަސްމިއްޔާތުގައި އެމްޑީޕީގެ އެންމެ އިސް ލީޑަރ، ރައީސް އިބްރާހިމް ސާލިހާއި ޕާޓީގެ ރައީސް މުޙައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެއެވެ. މީގެ އިތުރުން ޒުވާނުންގެ ހިތްވަރުގެ ހިންގާ ޤަވާއިދުވެސް މާދަމާގެ ރަސްމިއްޔާތުގައި ފާސްކުރުމަށްވަނީ ހަމަޖެހިފައެވެ.