ސިޔާސީ

ރައީސްކަމަށް ކުރިމަތިލާ އުމުރާއި ގުޅޭ އިސްލާހު ހުށައަޅައިފި


ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރަކީ 30 އަހަރާއި 65 އަހަރާއި ދެމެދުކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް ހުށައަޅާފައިވާ އިސްލާހުގެ ބިލާއި، ރޯދަ އެލަވަންސް ކަނޑައެޅުމަށް ހުށައަޅފައިވާ އިސްލާހުގެ ބިލް މަޖިލީހުގެ ތަޅުމަށް ހުށައަޅައިފިއެވެ.މިބިލްތަކުގެ ފުރަތަމަ ކިއުން ވަނީ މިއަދުގެ ޖަލްސާއަށް އިއްވާފައެވެ.ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާއި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމަށް ކުރިމަތިލެވޭނެ އުމުރަކީ ތިރީސް އަހަރާއި ފަސްދޮޅަސް ފަސްއަހަރާއި ދެމެދުކަމަށް ކަނޑައެޅުމަށް ގާނޫނު އަސާސީއަށް އިސްލާހު ހުށައެޅުއްވީ ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލްއެވެ.ގާނޫނު އަސާސީގައި މިހާރު ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ ކަމަށް އިންތިޚާބު ކުރާ މީހަކީ އުމުރުން 35 އަހަރުވެފައިވާ މީހަކަށް ވާން ޖެހޭނެ ކަަމަށެވެ. ނަމަވެސް އެ މަގާމު އަދާކުރެވޭނެ އެންމެ ދޮށީ އުމުރެއް ގާނޫނު އަސާސީގައި މިހާރު ކަނޑައަޅާފައެއް ނުވެއެވެ.މީގެއިތުރުން ރޯދަ އެލަވަންސްގެ ގޮތުގައި މަދުވެގެން 3000 ރުފިޔާ ދޭންޖެހޭގޮތަށް ކަނޑައަޅާ ވަޒީފާއާއި ބެހޭ ގާނޫނަށް އިސްލާހު ހުށައެޅުއްވީ ދުވާފަރު ދާއިރާގެ މެމްބަރު މުހައްމަދު އަލީއެވެ. އެއިސްލާހުގައި ބުނެފައިވަނީ، ރާއްޖޭގައި މަސައްކަތްކުރާ ކޮންމެ މުސްލިމު މުވައްޒަފަކަށް މަދުވެގެން 3000 ރުފިޔާ ދޭންޖެހޭނެކަމަށެވެ.މަޖިލީހުގެ ދެވަނަ ދައުރު ފެށުމާއިއެކު އެންމެ ފުރަތަމަ ފާސްކުރާނެ ބިލަކީ ރޯދަ އެލަވަންސް ކަނޑައެޅުމުގެ ބިލްކަމަށް މަޖިލީހުގެ މެޖޯރިޓީ ލީޑަރ ކުރިންވަނީ ވިދާޅުވެފައެވެ.މީގެ އިތުރުން މިއަދުގެ ޖަލްސާއަށްވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީގެ ގާނޫނަށްވެސް އިސްލާހެއް ހުށައަޅާފައެވެ. އެއިސްލާހު ހުށައަޅާފައިވަނީ ފުވައްމުލަކު މެދު ދާއިރާގެ މެންބަރު ޢަލީ ފަޒާދުއެވެ.