ކައުންސިލްތަކުގެ ރޯލަކީ އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ރޯލު ނޫންކަމަށާއި، ކައުންސިލްތަކުގެ ހަޤީގީ ދައުރަކީ ސަރުކާރުން ރައްޔިތުންނަށް ފޯރުވައިދޭ ޚިދުމަތްތައް އެރަށެއްގެ ރައްޔިތުންނަށް ފޯރުވައިދިނުން ކަމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރ އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.އެމަނިކުފާން މިހެން ވިދާޅުވީ އެލްޖީއޭއިން އިއްޔެ ނެރުއްވި ބަޔާނެއްގައެވެ.މިބަޔާނުގައި އެލްޖީއޭގެ ރައީސް އުމަރުނަސީރު ވިދާޅުވެފައިވަނީ ކައުންސިލްތަކަކީ ސިޔާސީ ޚިޔާލު ތަފާތުވުންތައް ކުރިއަށް ނެރެ، ރަށުގެ ރައްޔިތުން ސިޔާސީ ގޮތުން ބައިބައިކޮށް، ސަރުކާރުން ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ޚިދުމަތްތައް ހުއްޓުވާ ، މަޑުޖައްސާ ބުރޫއަރުވާ ނުވަތަ ސިޔާސީ ޖަދަލުގެ ބަޔާން ނެރޭ ބަޔަކަށް ބަދަލުވެއްޖެނަމަ ކައުންސިލްތަކުގެ މާނަ އޮޅި މަޤްސަދު ގެއްލި އެރަށެއްގެ ރައްޔިތުންނަށް ސަރުކާރުން ފޯރުވައިދޭން ބޭނުންވާ ޚިދުމަތްތަކަށް ބުރޫއަރައިގެން ދާނެ ކަމަށެވެ. އެހެންކަމުން އެކަން ވިޔަނުދިނުމަށްޓަކައި ފިޔަވަޅު އަޅަންޖެހޭ ވަގުތުތަކުގައި އެލްޖީއޭއިން ފިޔަވަޅު އަޅުއްވަމުން ގެންދަވާ ކަމަށް އުމަރު ނަސީރު ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ އެދިވަޑައިގަތުމަކީ އަދި އުއްމީދަކީވެސް މިފަދަ ނުރަނގަޅު ރޮނގެއް އެއްވެސް ކައުންސިލަކުން ޚިޔާރު ނުކުރެއްވުން ކަމަށް ވިދާޅުވެފައިވެއެވެ.އެރަށެއްގެ ނުވަތަ އެސިޓީއެއްގެ ރައްޔިތުންނަށް ސަރުކާރުން ދެއްވަން ބޭނުންވާ ޚިދުމަތްތައް ފޯރުވައި ދިނުމުގައި ސިޔާސީ ފިކުރައް ނުބައްލަވާ ސަރުކާރާ ގުޅިގެން އެޚިދުމަތްތައް ފޯރުވައި ދެއްވަމުން ދިއުމަށް އެލްޖީއޭގެ ރައީސް އުމަރު ނަސީރު އެދިވަޑައިގެންނެވިއެވެ.މިބަޔާނުގައި އިތުރަށް ވިދާޅުވެފައިވަނީ ސިޔާސީގޮތުން ޚިޔާލު ތަފާތުވުމަކީ ރައްޔިތުންނަށް ފޯރުވައިދޭންޖެހޭ ޚިދުމަތްތައް ސަރުކާރާ ގުޅިގެން ފޯރުވައިދިނުމަށް އޮތް ހުރަހެއް ނޫންކަމަށާއި، މިކަން ރާއްޖޭގެ މަދު ކައުންސިލްތަކަކުން މެނުވީ ސާބިތުކޮށްދެމުން އަންނަ ކަމަށެވެ. އަދި ކައުންސިލްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުވައިދިނުމަށާއި، މަގުދެއްކުމުގައާއި ކައުންސިލްތަކުއް ޒިންމާދާރުކުރުވުމުގައި އެލްޖީއޭގެ ދައުރު ފުޅާކުރައްވަމުން ގެންދަވާކަން އުމަރު ނަސީރުގެ ބަޔާނުގައި ފާހަގަކުރެއްވިއެވެ.އެގޮތުން ކައުންސިލްތަކަށް ހޯދާދެވޭ ތަމްރީންގެ ފުރުސަތުތަކާއި، ހިންގުމުގެ ނިޒާމް ހަލުވިކުރުމަށްޓަކާ ގެންނަންޖެހޭ ބަދަލުތަކާއި ބޭނުންވާ ޓެކްނޮލޮޖީއާއި ކުރިއެރުން ދައުލަތުގެ ކެރިފޯރުންތެރިކަން ހުރި މިންވަރަކުން ހޯއްދަވާދެއްވަމުން ގެންދަވާކަން ފާހަގަކުރެއްވިއެވެ. އަދި ސަރުކާރުން ރައްޔިތުންނަށް ފޯރުވައިދޭ ޚިދުމަތްތައް ރައްޔިތުންނާ ގާތުން ފޯރުވައިދިނުމުގައި ރާއްޖޭގެ ކައުންސިލްތަކާއި އެކައުންސިލްތަކުގައި މަސައްކަތް ކުރާ މުވައްޒަފުންގެ އެއްބާރުލުން މެދުކެނޑުމެއްނެތި ސަރުކާރަށް ދެއްވަމުން ގެންދިއުމަށް އެލްޖީއޭގެ ރައީސް އުމަރު ނަސީރު އެދިވަޑައިގެންނެވިއެވެ.