ތަޢުލީމު

ފައިނު ސްކޫލްގެ މިދިޔަ އަހަރުގެ އިނާމް ދިނުމުގެ ޖަލްސާ ބާއްވައިފި


މާޅޮސްމަޑުލު އުތުރުބުރީ ފައިނު ސްކޫލުން މިދިޔަ އަހަރު ހުރިހާގޮތަކުން އެންމެ މޮޅު ދަރިވަރަކަށް އެރަށު ސީރީންވިލާ ޒޫނާ އިބްރާހިމް ހޮވިއްޖެއެވެ.ފައިނު ސްކޫލްގެ މިދިޔަ އަހަރު އިނާމް ދިނުމަށް ބޭއްވި ޖަލްސާގައި ސަތޭކަ ހަތްދިހަ އިނާމެއް ދަރިވަރުންނަށް ދީފައިވެއެވެ.ފައިނު ސްކޫލުން މިދިޔަ އަހަރު އޯލެވެލް ހެދި ނުވަ ދަރިވަރުންގެތެރެއިން ފަސް ދަރިވަރަކަށް އޭލެވެލްއަށް ކިޔެވުމުގެ ފުރުސަތުލިބިފައިވާއިރު، ހަތަރު ދަރިވަރަކުވަނީ ހަތަރު އޭ ފާސް ހާސިލުކޮށްފައެވެ.ފައިނު ސްކޫލުގެ އެކި ވަނަތައް ހާސިލުކުރި ދަރިވަރުންނަށް މިއަހަރުން ފެށިގެން ފައިސާގެ ވައުޗާރ ދިނުމަށް އެ ސްކޫލުން ނިންމާފައިވާކަން ފައިނު ސްކޫލުން ފާހަގަކުރެއެވެ.އިނާމްދިނުމުގެ  މިރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާ އުނގޫފާރު ސްކޫލްގެ ޕްރިންސިޕަލް އަހުމަދު މުޖުތަބާ ދެއްކެވި ވާހަކައިގައި ކުދިން ސްކޫލަށް ފޮނުވަންވީ ހަމައެކަނި ކިޔަވައިދޭން ނޫންކަމަށާއި ކިޔެވުމާއެކު ކުދިންގެ ގައިގަ ތަރުބިއްޔަތު އަށަގެންނެވުން މާ މުހިންމުކަމަށް ވިދާޅުވިއެވެ. އަދި ބައެއް ދަރިވަރުން ޅައުމުރުގައި ރަނގަޅު ނަތީޖާ ހާސިލުކުރާކަމަށާއި، މަތީ ގުރޭޑްތަކުގައި އެ ނަތީޖާ ތަކުރާރުނުކުރެވިދާ ކަމަށް ވިދާޅުވިއެވެ. އެހެންކަމުން ފުރަތަމަދުވަހުން ފެށިގެންވެސް ބެލެނިވެރިން ދަރިންނާއި ގާތްކަންބޭއްވުމުގެ މުހިންމުކަން ބޮޑުކަން މުޖުތަބާ ފާހަގަކުރެއްވިއެވެ.ފައިނު ސްކޫލުގައި ހަތްދިހަވަރަކަށް ދަރިވަރުން ތައުލީމުހާސިލުކުރަމުންދާއިރު، އެ ސްކޫލުގައި އޯލެވެލް ހަދަމުންދާތާ މިހާރުވަނީ ފަސްއަހަރުވެފައެވެ. އަދި ނިސްބަތުން ރަނގަޅު ނަތީޖާތަކެއް އެ ސްކޫލުން ތަކުރާރުކުރަމުންދާކަން އެ ސްކޫލުން ފާހަގަކުރެއެވެ.