އައްޑޫ ސިޓީ ތަރައްޤީ ކުރުމުގެ މާސްޓަރ ޕްލޭންގެ ދަށުން ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އައްޑޫ ރައްޔިތުންގެ ޚިޔާލު އެސިޓީގެ ކައުންސިލުން ހޯދާއިފިއެވެ.
ޓޫރިޒަމް ޕްލޭން އެކުލަވާލުމަށްޓަކައި އެންމެ ފުރަތަމަ ޚިޔާލު ހޯދުމަށް ބައްދަލުކޮށްފައިވަނީ މާލޭގައި ދިރިއުޅޭ އައްޑޫއަށް ނިސްބަތްވާ ފަރާތްތަކާއެވެ. މިބައްދަލުވުމުގައި އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ދިމާވެފައިވާ ދަތިތަކާއި އެކަންކަން ޙައްލުކުރުމަށް ކުރެވިދާނެކަންތައްތަކާއި އައްޑޫގައި އިތުރަށް ފަތުރުވެރިކަން ކުރިއެރުވުމަށް ކުރެވިދާނެކަންކަމާ ގުޅޭގޮތުންވަނީ މަޝްވާރާކޮށް އެކިޚިޔާލު ހުށައަޅާފައެވެ. އެގޮތުން މިބައްދަލުވުމުގައި ބައިވެރި ބައެއް ފަރާތްތަކުންވަނީ އައްޑޫގެ މާސްޓަރ ޕްލޭނާއި ޓޫރިޒަމް ޕްލޭން ކުރިއަށް އޮތް 20 އަހަރަށް ވިސްނުމުގެ ބަދަލުގައި ދުރުރާސްތާއަށް ވިސްނަވާ އެކަމަށްޓަކައި ބޭރުގެ ތަޖުރިބާކާރުންގެ އެހީ ހޯދުމަށް ޚިޔާލުދެއްވާފައެވެ.
މީގެއިތުރުން އައްޑޫގައި ފަތުރުވެރިކަން ފުޅާކުރުމަށް އޮތް އެންމެބޮޑު ހުރަހަކީ ގުދުރަތީ ގޮނޑުދޮށްތައް އެސިޓީގައި ނެތުންކަމަށް ކުރިން ޤަބޫލުކުރަމުންއައި އައުން ނިމުމަކަށްގެނެސް އައްޑުއަށް ލިބިފައިވާ ޚާއްސަ ގުދުރަތީ ރީތިކަން ވިއްކައިގެން ކުރިއަށްދާ ތަނަކަށް ހެދުމަށް ވިސްނަންވީވަގުތު ޖެހިއްޖެކަމަށް ބައްދަލުވުމުގެ ބައިވެރިންވަނީ ފާހަގަކޮށްފައެވެ. އެގޮތުން އައްޑޫ ނޭޗަރ ޕާކާއި ޑައިވް ސްޕޮޓުތަކަށް މާކެޓް ލިބޭނެކަން ބައެއް ފަރާތްތަކުންވަނީ ފާހަގަކޮށްފައެވެ. މީގެއިތުރުން ސްޕޯޓްސް ޓޫރިޒަމަށް އައްޑޫ ހުޅުވާލަންޖެހޭކަމަށްވެސް ބައެއް ބައިވެރިންވަނީ ޚިޔާލު ހުށަހަޅާފައެވެ.
އައްޑޫގެ ފަތުރުވެރިކަމުގެ މައި ދޮރާއްޓަކީ އައްޑޫ އިންޓަނޭޝަނަލް އެއަރޕޯޓުކަމަށާ، މިހާރަކަށްވުރެ ހަރުދަނާކޮށް ހިންގުންކަމަށާ އައްޑޫގެ ފަތުރުވެރިކަން ކުރިއެރުވުމަށް ކަށަވަރުކުރަންޖެހޭ ޚިދުމަތްތައްކަށްވެސް ބައިވެރިންވަނީ ވާހަކަދައްކާފައެވެ. އެގޮތުން ކަރަންޓާއި ނަރުދަމާއާއި ފެނުގެ މައްސަލަ އެފަރާތްތަކުން ފާހަގަކުރިއެވެ.
މިބައްދަލުވުމަށްފަހު ޕީއެސްއެމްނިއުސްއާއި ވާހަކަފުޅުދައްކަވަމުން އައްޑޫ ސިޓީ މޭޔަރު ޢަބްދުﷲ ޞާދިޤް ވިދާޅުވީ އައްޑޫގެ މާސްޓަރ ޕްލޭނާއި ޓޫރިޒަމް ޕްލޭން އެކުލަވާލުމުގެ މަސައްކަތްކުރައްވާނީ ސަރުކާރާއި ރައްޔިތުން ގުޅިގެންކަމަށެވެ.އެގޮތުން މިބައްދަލުވުމަކީ މީގެ ފެށުންކަމުގައި މޭޔަރވަނީ ސިފަކުރައްވާފައެވެ.
މިބައްދަލުވުމުގައި ބައިވެރިވި ބައެއް ބައިވެރިންވަނީ އެބޭފުޅުން އައްޑޫގެ ޓޫރިޒަމް ޕްލޭނާގުޅޭގޮތުން ދެކޭގޮތް ޕީއެސްއެމްނިއުސްއާ ޙިއްސާކުރައްވާފައެވެ.
އައްޑޫގައި މިހާރު ޓޫރިސްޓު ދެރިސޯޓު ހިންގަމުން އަންނައިރު އައްޑޫއަކީ ގެސްޓް ހައުސް ވިޔަފާރީގައިވެސް ފާހަގަކޮށްލެވޭ އަތޮޅެކެވެ. އެގޮތުން ރާއްޖޭގެ ބެޑް ކެޕޭސިޓީގެ %3.3އަކީ އައްޑޫގެ ފަތުރުވެރިކަމެވެ.