ސިޔާސީ

އިޖުރާތުތައް ފުރިހަމަވާނަމަ މުޒާހަރާ ބޭއްވޭނެ- ޕޮލިސް


އިދިކޮޅު ފަރާތްތަކުން އިސްނަގައިގެން މިމަހުގެ 12 ވަނަދުވަހު މާލޭގައި ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާ މުޒާހަރާ ކުރިއަށްގެންދިއުމަށް ފުރުސަތު ދެވޭނީ ކަނޑައެޅިފައިވާ އިޖްރާއަތްތަށް ފުރިހަމަ ކޮށްފައިވާނަމަ ކަމަށް ފުލުހުން ބުނެފިއެވެ.މިއަދު އިސްކަންދަރު ބިލްޑިންގްގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން ޗީފް އިންސްޕެކްޓަރ އޮފް ޕޮލިސް އަބްދުއްﷲ ނަވާޒް ވިދާޅުވީ އެއްވެ އުޅުމާ ބެހޭ ޤާނޫނާއި ޤާނޫނު އަސާސީގައި ކަނޑައަޅާފައިވާ އިޖްރާއަތްތަށް ފުރިހަމަ ކޮށްގެން ނޫނީ މުޒާހަރާ ކުރިއަށްގެންދިއުމުގެ ފުރުސަތު ދެވެން ނޯންނާނެކަމަށާއި، ކުރިން ރާވައިގެން ބާއްވާ އެއްވުންތަކާ ގުޅޭ މައުލޫމާތު އެއްވުން ފެށުމުގެ 36 ގަޑިއިރު ކުރިން ފުލުހުންނަށް ރަސްމީކޮށް އަންގަންޖެހޭނެކަމަށެވެ. އަދި އެއްވުމުގައި ޒިންމާވާ ފަރާތެއްގެ މައުލޫމާތުވެސް ފުލުހުންނާ ހިއްސާކުރަން ޖެހޭނެކަމަށެވެ.އެހެންނަމަވެސް އިދިކޮޅު ފަރާތަތަކުން ބާއްވަންއުޅޭ އެއްވުމުގެ މައުލޫމާތު މިހާތަނަށްވެސް އެފަރާތުން ފުލުހުންނާ ހިއްސާ ކޮށްފައިނުވާކަމަށް ނަވާޒް ވިދާޅުވިއެވެ. ނަވާޒް ވިދާޅުވީ އެއްވެސް ފަރާތަކުން މުޖުތަމައުގެ ހަމަޖެހުން ނަގާލައި ވަކިބައެއްގެ ބޭނުންތަކަށްޓަކައި ގިނަބައެއްގެ ހައްޤުތަށް ނަގާލުމަށް ފުރުސަތު ފުލުހުން ނުދެއްވާނެކަމަށެވެ. އަދި ޤާނޫނީ ގޮތުން ފުރިހަމަކުރަންޖެހޭ އިޖްރާއަތްތަށް ފުރިހަމަ ނުކޮށް ބާއްވާ މުޒާހަރާއަކަށް ފުލުހުންގެ ފަރާތުން ދޭންޖެހޭ ހިމާޔަތާއި ރައްކާތެރިކަން ދެވެން ނޯންނާނެކަމަށްވެސް ނަވާޒު ވިދާޅުވި. އެހެންނަމަވެސް ސުލްހަވެރި މުޒާހަރާއެއްގައި ހުންނަންޖެހޭ ސިފަތައް ފުރިހަމަވާނަމަ ފުލުހުންގެ ފަރާތުން ދޭންޖެހޭ ފުރިހަމަ ރައްކާތެރިކަން ލިބިގެންދާނެކަމަށްވެސް ނަވާޒް ވިދާޅުވި.އެހެންނަމަވެސް އާންމުންނަށް ދަތިވާނެހެން ވަކިވަގުތަކަށްވުރެ ގިނައިރު މަގުތަށް ބަންދުކޮށްގެން ތިބުމަކީވެސް ބަލައިގަނެވޭނަކަމެއް ނޫންކަމަށާ، މުޒާހަރާގެ ތެރޭގައި ރާއްޖޭގެ ޤާނޫނުގައި ޖިނާއީ ކުށެއް ކަމަށް ކަނޑައެޅިފައިވާ ކަމެއް ފާހަގަ ކުރެވިއްޖެނަމަ އެކަމެއް ވަގުތުން ހުއްޓުވާނެކަމަށެވެ. އިދިކޮޅު ފަރާތްތަކުން މެއި މަހުގެ 1 ވަނަދުވަހު މާލޭގައި ބޭއްވި މުޒާހަރާގައި ބޮޑެތި ހަމަނުޖެހުންތަކެއް ހިންގާފައިވާއިރު މުޒާހަރާގެ ބައިވެރިންވަނީ ފުލުހުންނަ ހަމަލާދީ ހަމަނުޖެހުން ހިނގާފައެވެ.