ޚަބަރު

އަދީބު އިއުތިރާފުވި ކުށަށް ހުކުމްކުރުން މިއަދު!


ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރު ފިއްލަވައިގެން ރާއްޖެއިން ބޭރަށް ވަޑައިގެންނެވި މައްސަލާގައި ހުކުމް ކުރުމަށް ބާއްވާ ޝަރީޢަރުގެ މަޖިލިސް މިއަދަށް ތާވަލުކޮށްފިއެވެ.

ސުޕްރީމް ކޯޓުގެ އަމުރަކަށް ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ޓަގްބޯޓެއްގައި ރާއްޖެއިން ބޭރަށް ފިއްލަވައިގެން ވަޑައިގެންނެވި މައްސަލައިގައި އަދީބުގެ މައްޗަށް ދައުލަތުން އުފުލީ ޤާނޫނު ތަންފީޒުކުރަން ހުރަސްއެޅުމުގެ ދައުވާއެވެ. އެދައުވާގެ ޝަރީއަތުގެ ފުރަތަމަ އަޑުއެހުމުގައި އަދީބު ވަނީ މުޅި ދައުވާއަށް އިއުތިރާފުވަޑައިގެންފައި އެވެ. އެއިއުތިރާފަކީ އެއްވެސް މަޖުބޫރުކަމެއް، އަދި ނުފޫޒެއް ނެތި ވެވަޑައިގެންނެވި އިއުތިރާފެއް ކަމަށް ޝަރީއަތުގެ މަޖިލީހުގައި އަދީބުވަނީ ވިދާޅުވެފައެވެ.

އެހެން ކަމުން މިއަދު ބާއްވާ ޝަރީއަތުގެ މަޖިލީހަކީ އަވަސް ނިޔާގެ މައްސަލައެއްގެ ގޮތުގައި މައްސަލަ ނިންމަން ބާއްވާ މަޖިލީހެކެވެ. މައްސަލައިގައި ހުކުމް ކުރުމުގެ ކުރިން އަދަބާ ބެހޭ ގޮތުން ވާހަކަ ދެއްކެވުމަށް އަދީބަށާއި ދައުލަތުގެ ވަކީލުންނަށް ފުރުސަތު ދޭނެ އެވެ.

ގާނޫނުލް އުގޫބާތުވާ ގޮތުން މި ދައުވާއަށް އިއުތިރާފުވެފައިވާތީ ހުކުމެއްގެ ގޮތުން ކަނޑައެޅޭނީ 3 މަހާއި 18 ދުވަހުގެ ޖަލު ހުކުމެކެވެ.

ފިއްލަވައިގެން ރާއްޖެއިން ބޭރުގައި ހުންނަވަނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް އަދީބު ގެނައީ މިދިޔަ އޮގަސްޓް މަހުގެ 3ވަނަ ދުވަހުއެވެ.

އަދީބު ވަނީ އޭނާގެ ސިއްޙީ ޙާލަތު ބަޔާންކުރާ ލިޔެކިޔުންތައް ޝަރީއަތައް ހުށައަޅުއްވާފައެވެ. އަދި އެކުށުގެ އަދަބު ކަނޑައަޅުއްވާއިރު ސިއްހީ ހާލަތައް ރިޔާއަތްކުރެއްވުމަށް އެދިވަޑައިގެން، މިހާރު އޭނާ ހުންނެވީ ގޭބަންދަށް ބަދަލު ކުރައްވާފައިކަން އަދީބު ފާހަގަކުރެއްވިއެވެ.

އަދީބުގެ މައްޗަށް ދަށުކޯޓުން އިއްވި ޖަލު ހުކުމެއް ހައިކޯޓުން ބާޠިލްކޮށްފައިވާ މައްސަލައިގެ އިސްތިއުނާފު މައްސަލަ ނިމެންދެން އޭނާ ބަންދުގައި ބަހައްޓަން ސުޕްރީމް ކޯޓުން ވަނީ އަމުރުކޮށްފައެވެ. އަދި އެއަމުރުގެ ދަށުން ޖަލުގައި ބެހެއްޓެވުމަށްފަހު މިހާރު ހުންނެވީ ޓެގް އެޅުވުމަށްފަހު މޮނިޓަރ ކުރެވޭ ގޮތައް ގޭބަންދުގައި ބަހައްޓާފައެވެ.