ރިޕޯޓް

"ދިރިއުޅުން އަނދައި ހުލިވެ ގޮތް ހުސްވެއްޖެ"


މިދިޔަ ހުކުރު ދުވަހު މާލޭގައި ހިނގާދިޔަ އަލިފާނުގެ ހާދިސާއަށް ފަހު މިއަދު އެސަރައްދުން ފެންނަނީ އަނދާ ހުލުވެފައިވާ އިމާރާތްތަކާއި ކުނިބުންޏެވެ. މީގެ ކުރިން ގުދަންތަކާއި ގެތަކުގެ ގޮތުގައި ހުރި ތަންތަން ފެންނަނީ ހުސް ބިމެއްގެ ގޮތުގައިއެވެ. މީގެކުރިން ހަލޮބޮލިކޮށް ފެންނަ ސަރަހައްދު މިއަދު ފެންނަން އޮތީ ވިރާނާވެ ދިރުންނެތް ހިސާބެއްގެ ގޮތުގައެވެ.

އަލިފާނުގެ ހާދިސާ ހިނގި ވަގުތު ބޮޑު މާސިންގާ އަލިފާން ގަނޑުގެ ތެރޭގައި ކުޑަ ވަގުތުކޮޅެއްގެ ތެރޭގައި އަނދާ ހުލިވެގެން ދިޔައީ އެތައް އާއިލާއެއް ދިރިއުޅުމަށް ބަރޯސާވެގެން ތިބި އިމާރާތްތަކެވެ. އެތައް އާއިލާއެއް އޭގެ ކުރިން ދިރިއުޅެމުންދިޔައީ އެ އިމާރާތްތައް ކުއްޔަށް ދީގެން ލިބުނު އާމްދަނީގެ އެމީހުންގެ ދިރިއުޅުމުގެ ބޭނުންތައް ފުއްދައިގެނެވެ.

ތޮއްޖެހި ފުރިފައިވާ ވެރިރަށް މާލެއިން މައިންބަފައިންގެ ގޯތިން ލިބުނު ތަންކޮޅު ނުހެދުނު ނަމަވެސް އެ ބިންކޮޅު ކުއްޔަށް ދީ ދިރިއުޅުން ކޮޅަށް ޖަހާ އަސާސީ ބޭނުންތައް ފުއްދަމުން ދިޔައީ އެ ތަންކޮޅުން ލިބެމުންދިޔަ އާމުދާނީންނެވެ. އަނދައިގެންދިޔަ ބައެއްގެތަކުގެ މީހުނަށް ލިބުނު ގެއްލުން ބުނެދޭނެ ގޮތެއްވެސް އެމީހުނަކަށް ނޭނގެއެވެ. ބުނެވުނުހާވެސް އެއްޗަކީ އަހަރެމެންގެ މުޅި ދިރިއުޅުން އަނދައި ހުލިވެއްޖެއޭއެވެ.

އަނދައިގެން ދިޔަ ބައެއް ގެތަކުގެ ތެރެއިން އެންމެބޮޑު ގެއްލުމަކާ ކުރިމަތިލާން ޖެހުނު އެއް އާއިލާއަކީ ކަޅުހުރާގޭ އާއިލާއެވެ. ކަޅުހުރާގޭ ގޯތި ބަހައި ބައިބައިކޮށްފައިވާއިރު އެގޭގެ އެތައް އާއިލާއެއް މިއަދު ތިބީ ގޮތް ހުސްވެފައެވެ.

ގެ ކުއްޔަށްދީގެން ލިބެމުންދިޔަ ޢާމްދަނީގެ މައްޗަށް ރާއްޖެއިން ބޭރުގައިވެސް ޢާއިލާއެއް އުޅެމުން ދިޔައެވެ. ނަމަވެސް އެ އާއިލާގެ ކަންކަން ހަމަޖައްސެމުމަށް އާމްދަނީ ލިބެމުންދިޔަ ބައިވެސް ވަނީ އަނދާ އަޅިއަށްވެފައެވެ. ކަޅުހުރާއާގޭގައި ހުރި 3 ބުރީގެ ޢިމާރާތުގެ ވެރިފަރާތުން އެތަން ކުއްޔަށް ދީފައިހުރިއިރު އެތަނުންލިބޭ އާމްދަނީގެ މައްޗަށް ޢާއިލާގެ އެތައް މެމްބަރުންގެ ދިރިއުޅުން ބިނާވެފައިވެއެވެ.

"އަސްލު މި ގެއްލުން ވަރަށް ބޮޑު. އަޅުގަނޑުގެ އާއިލާ ދިރިއުޅެމުންދިޔައީ މިތަނުން ލިބުނު އާމްދަނީގެ މައްޗަށް ބަރޯސާވެގެން،" އަނދައިގެން ދިޔަ ގެއެއްގެ މީހަކު ބުންޏެވެ.

އަލްހުރާގެ އަކީވެސް އެގެ އެއްކޮށް ކުއްޔަށް ދީގެން އާއިލާ ދިރިއުޅެމުން ދިޔަ ތަނެއް ނަމަވެސް އެތަން މިހާރު ވަނީ އަނދައިގެން ގޮސްފައި އެވެ. އަދި ކަޅުހުރާގާރޑަންގޭގެ 6 ބުރީގެ އިމާރާތުން ލިބޭ އާމްދަނީގެ މައްޗަށް 9 މެމްބަރުންގެ އާއިލާއެއް ބަރޯސާވި ނަމަވެސް އެތަންވެސް މިހާރު ހުރީ ނޫޅޭވޭ ވަރަށް އަނދައިގެން ގޮސްފައެވެ.

"މި މަހު އަދި އެބަ އުޅެވޭ، އެކަމު އަންނަ މަހު ކިހިނެތް މިއުޅޭތަނުގެ ކުލި ދައްކާނީ އަމިއްލަ ބިމުގައި ކުއްޔަށް ދީފައި ހުރިތަން އަނދައިގެން ދިޔައީމަ. އަޅުގަނޑުގެ އާއިލާ ކަންކަން ވަރަށް ބޮޑަށް ބަރޯސާވި އެތަނުން ލިބޭ އާމްދަނީ،" އެހެން މީހަކު ކިޔާދިނެވެ.

މި ހާދިސާގައި އެއްކޮން ދިރިނޫޅޭވޭ ވަރަށް އަނދައިގެން ދިޔަ ނިގާރަންގޭގައި ދިރިއުޅެމުންދިޔައީ އެގޭގެ ވެރިފަރާތާއި އޭނާގެ ދަރިއެކެވެ. މިއަދު އެމީހުން ތިބީ ވަންނާނެ ތަނެއްވެސް ނެތިފައެވެ. ނުވަ ސަތޭކަ އަކަފޫޓުގެ އެ ބިމުގައިހުރި ކުޑަ ތަންކޮޅު އަނދައި ހުލިވުމުން ލިބުނު ގެއްލުމުން އަރައިގެންނާނެ ގޮތެއްވެސް އެމީހުންނަކަށް އަންދާޒާ ކޮށްލަންވެސް ދައްޗެވެ.

މިއީ މިހާދިސާގައި ލިބިފައިވާ ގެއްލުންތަކުގެ ކުޑަމިންވަރެކެވެ. މި އާއިލާތަކަށް ލިބުނު ގެއްލުމުގެ ހިސާބެއް އަނދާޒާ ކޮށްލުމަކީ ފަސޭހަކަމަކަށް ނުވިނަމަވެސް ޢާއިލާތަކުން އެދެނީ ދިރިއުޅުން އަލުން އާރާސްތުކުރުމަށް ސަކާރާއި ހެޔޮ އެދޭ ފަރާތްތަކުން އެހީތެރިވެދިނުމެވެ.