ރިޕޯޓް

ރައްޔިތުންގެ ބޮޑު ނިންމުމަށް އެއް އަހަރު


އެއީ މީގެ އެއްއަހަރުދުވަސް ކުރިން މިއަދެވެ. އެދުވަހު އިރުއެރީ ރާއްޖޭގެ އެތައްރައްޔިތަކަށް އުފާވެރިކަން ގެނެސްދެމުންނެވެ. އަނެއް ބަޔަކު ރޮއްވާލަމުންނެވެ. ގަދަ ހިފުކަަށްފަހު 2018ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ނަތީޖާ ޔަގީންވި މިދުވަސް ހަނދާން ނައްތައެއް ނުލެވޭނެއެވެ.

ރައީސް އިބްރާހީމް މުޙައްމަދު ޞާލިހް ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވިތާ އެއް އަހަރުވީއިރު މިއަދުގެ ސޯޝަލް މީޑިޔާއާއި އެހެން ގޮތްގޮތުން މީހުން ފާޅުކުރަމުންދަނީ އެނަތީޖާ ނެރުމަށް އެދުވަހު އެމީހުންކުރި މަސައްކަތުގެ ހަނދާންތަކާއި ކުރަން ޖެހުނު ތަޖުރިބާތަކުގެ ވާހަކައެވެ. ހިތި ތަޖުރިބާތަކަށްފަހު ފޮނި ނަތީޖާގެ ރަހަ އަރުތެރޭގައި ލީ ރިޔާސީ އިންތިޚާބުގެ ހަނދާންތަކުގެ ވާހަކައެވެ.

ރިޔާސީ އިންތިހާބުގައި އޭރުގެ ރައީސް ޢަބްދުﷲ ޔާމިން ޢަބްދުލްޤައްޔޫމް ބަލި ކުރެއްވުމަށް އިދިކޮޅު ކެންޑިޑޭޓު އިބްރާހީމް މުހައްމަދު ޞާލިހާއެކު ބޮޑު ކޯލިޝަނެއް ހެދިއެވެ. އޭގެ ސަބަބުން އިންތިޚާބު ކާމިޔާބުކުރުމަށް ފަހި ފުރުސަތެއް ރައީސް ޞާލިހަށް ލިބިވަޑައިގަތެވެ.

އިދިކޮޅު ކޯލިޝަނުގެ މަސައްކަތްތައް ބޭރުން ފެންނަމުން ދިޔައީ ސިޔާސީ ހަތުރުން މިތުރުންނަށްވެ އެއްބޭފުޅަކު އަނެއްބޭފުޅަކަށް މަޢާފަށް އެދި އެކުގައި މަސައްކަތް ކުރެއްވިތަނެވެ. އެންމެން އެއް ޢަޒުމެއްގައި ނުކުމެ އެއްވާނެއްގައި ކުރި މަސައްކަތްތަކީ މިހާތަނަށް ތަފާތު ސިޔާސީ އެކި ފިކުރުތައް އެކައްޗެއް ކިޔައިގެން ކުރި ލާމަސީލު މަސައްކަތެކެވެ. އަދި އެމަސައްކަތުގެ ނަތީޖާ ލިބުނު ވަގުތުގެ ކުރި އުފާފާޅުކުރުންތައް ގުޅިފައިވަނީވެސް މި ތާރީޚާއެވެ.

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރެއްވުމަށް ރައީސް ޔާމިނަށް ލިބިވަޑައިގެންނެވި ފުރުސަތުތަކަށް ބަލާއިރު ދައުލަތުގެ އެންމެހާ ބާރުތައް އޮތީ ލިބިވަޑައިގެންފައެވެ. ދައުލަތުގެ އެންމެހާ ވަސީލަތްތައް ބޭނުން ގޮތަކަށް ބޭނުން ކުރައްވަން އެ ލިބިވަޑައިގެންނެވި ފުރުސަތަކީ ވާދަވެރި ކެނޑިޑޭޓް އިބްރާހީމް މުޙައްމަދު ސާލިހަށް ލިބިވަޑައިގެންނެވި ފުރުސަތެއް ނޫނެވެ. ނަމަވެސް 2013ވަނަ އަހަރު ރިޔާސީ އިންތިޚާބުގައި ރައީސް ޔާމިނާއެކު ފެނުނު ޕާޓީތަކެއްވެސް އަދި ސިޔާސީ ބޭފުޅުންނެއްވެސް އޭރަކު ނެތުމަކީ ކެމްޕެއިނަށް ލިބުނު ފަޅުކަމެކެވެ. އަދި މިއަދު ހަނދާން ވަނީ އެ ނަތީޖާއެކު ލިބުނު ސިހުމާއި ކުރުވި ފުން ހިތާމައިގެން ހަނދާންތަކެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވެގެން ދިޔައީ އާ ގާނޫނު އަސާސީގެ ދަށުން ބޭއްވި އެހެން ހުރިހާ ރިޔާސީ އިންތިހާބުތަކާވެސް ތަފާތު އިންތިހާބަކަށެވެ. އެއްކަމަކަށް އާ ޤާނޫނު އަސާސީގެ ދަށުން ބޭއްވި އިންތިޚާބުގެ ތެރެއިން ހަމަ އެކަނި ދެ ކެންޑިޑޭޓުން ވާދަކުރި އިންތިހާބަކީ އެއީއެވެ. އަދި އެއްބުރުން ކާމިޔާބު ކުރެވުނު އިންތިޚާބަކީ ވެސް އެއީއެވެ.

ރިޔާސީ އިންތިޚާބުގައި ރައްޔިތުންގެ ސާފު ނިންމުން ނެރުމަށް އިދާރީ އެންމެ ބޮޑު މަސައްކަތެއްކުރި ބަޔަކީ އިލެކްޝަންސް ކޮމިޝަނެވެ. އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަޙްމަދު ޝަރީފު މިއަދު އެމަސައްކަތްތަކާމެދު ފަޚުރުވެރިވެއެވެ.

24 ސެޕްޓެމްބަރު 2018ވަނަ ދުވަހު މުޅި ރާއްޖެއަށް ފެތުރިގެން ދިޔަ އަޑަކީ އެއްލައްކަ ތިރީސް ހަތަރުހާސް ހަސަތޭކަ ސޯޅަ ވޯޓާއެކު އިބްރާހީމް މުޙައްމަދު ޞާލިޙު އިންތިޚާބު ކާމިޔާބު ކުރެއްވި ވާހަކައެވެ. އަދި ނުވަދިހަ ހަ ހާސް އެއްސަތޭކަ ތިރީސް ދެ ވޯޓާއެކު ޢަބްދުﷲ ޔާމީން އިންތިޚާބުން ނާކާމިޔާބުވި ވާހަކައެވެ. އެ އަޑު އިވުނުތާ އެއް އަހަރު ވިއިރު އެނަތީޖާ ބުނެދިނީ އެތައް ހާސް ފިލާވަޅުތަކެވެ.