ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަސް ރާއްޖޭގައި ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންފެށި ޖަޒީރާ ކެނޯރޭހުގެ އެއްވަނަ މާލެ އަތޮޅުން ބައިވެރިވި ޓީމް ހޯދައިފިއެވެ.
ހުރިހާ އަތޮޅަކަށް ހުޅުވާލައިގެން ބޭއްވި މި ކެނޯ ރޭހުގައި 17 އަތޮޅަކުން އަންހެން އަދި ފިރިހެން ޓީމު ހިމެނޭހެން ތިރީހަށްވުރެ ގިނަ މީހުން ބައިވެރިވިއެވެ.
މިއަދު ހަވީރު ކުރިޔަށްދިޔަ މި ރޭހުން އެއްވަނަ ހޯދާފައިވަނީ، މާލެ އަތޮޅު ގުޅިއަށް އުފަން ފާތިމަތު ޝެހެނާޒް އާއި ހަމަ އެރަށު އިސްމާއީލް ޝާހްގެ ޓީމެއެވެ. އެއްވަނަ އަށް ދިޔަ ޓީމަށް މެޑަލާ އިނާމް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ފައިސަލް ނަސީމެވެ.
ޖަޒީރާ ކެނޯރޭސް ފެށީ އަންހެން ބައިވެރިންނެވެ. އަންހެން ޓީމުތަކުން ދުއްވާފައިވަނީ ވ ކެޔޮދޫއިން އެ އަތޮޅު ފެލިދޫއަށެވެ. ރޭސް ނިންމަން ކެނޯ ދުއްވީ ފިރިހެން ބައިވެރިންނެވެ. ފިރިހެން ބައިވެރިން ކެނޯ ދުއްވީ ފެލިދޫއިން ތިނަދޫއަށެވެ.
މި ކެނޯ ރޭހުން ދެވަނަ ހޯދީ މި ރޭސް ބޭއްވި އަތޮޅުކަމުގައިވާ ފެލިދެއަތޮޅުގެ ޓީމެވެ. އަދި ތިން ވަނަ ހޯދާފައިވަނީ ރޭހުގައި ރާއްޖޭގެ އެންމެ ދެކުނުން ބައިވެރިވި އައްޑު ސީޓީގެ ޓީމެވެ. މި ރޭހުގައި ރައްޔިތުންގެ މަޖިލީހުގެ ދާންދޫ ދާއިރާގެ މެންބަރު ޔައުޤޫބު އަބްދުﷲ ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މިރޭހުގެ ބައެއް ބައިވެރިން ބުނީ ހުރިހާ ބައިވެރިންނަށްވެސް ރޭސް ނިންމާލެވުމަކީ ވަރަށްބޮޑު ކުރިއެރުމެއްކަމަށާއި، މާގިނަ ފަރިތަކުރުންތަކަކާއި ނުލައި ރޭސް ނިންމާލެވުމުން ހިންހަމަޖެހޭކަމަށެވެ.
މި އަހަރުގެ ފަތުރުވެރިކަމުގެ ދުވަސް ފާހަގަކުރުމުގެ ހަރަކާތްތައް ފަށާފައިވަނީ މިއަދު ހަވީރު ވ އަތޮޅުގައެވެ. ފަތުރުވެރިކަމުގެ ދުވަހަށް މަރުހަބާ ކިއުމުގެ ގޮތުން ބާއްވާ ސަޤާފީ ކިކްއޮފް ޝޯއެއް މިރޭ ވ. ކެޔޮދޫގައި ކުރިއަށްދާނެއެވެ.
ދުނިޔޭގެ ފަތުރުވެރިކަމުގެ ދުވަހުގެ ގޮތުގައި ފާހަގަކުރަނީ ކޮންމެ އަހަރެއްގެވެސް ސެޕްޓެންބަރު މަހުގެ 27 ވަނަ ދުވަހެވެ.