36 ރަށުގެ ފެނާއި ނަރުދަމާ ނިޒާމް ޤާއިމްކުރުމަށްޓަކައި 22 މިލިޔަނަށް ވުރެ ގިނަ ރުފިޔާއަށް ޕްލޭނިން މިނިސްޓްރީން ބަޔަކާ ހަވާލުކޮށްފިއެވެ.
ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތުގައި ޕްލޭނިން މިނިސްޓްރީން ސޮއިކުރެއްވީ ޕާރމަނަންޓް ސެކްރެޓަރީ ޒީނިޔާ އަޙްމަދެވެ. އަދި އިޕޮކް ޕްރައިވެޓް ލިމިޑެޓް އިން އެސޯސިއޭޝަން ވިތް ފީޑްބެކް އިންފްރާ ޕްރައިވެޓް ލިމިޑެޓް އަދި ފޯރސައިޓް ސާރވެޔާރސް ޕްރައިވެޓް ލިމިޑެޓްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރ މުއާވިޔަތު ޢަބްދުއްސައްތާރެވެ.
މިގޮތުން 21 ރަށެއްގައި ފެނާ ނަރުދަމާގެ ނިޒާމް ޤައިމްކުރުމަށް ވަނީ ނިންމާފައެވެ. އަދި 15 ރަށެއްގައި ފެނުގެ ނިޒާމް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުތަކުގެ ދަށުން ފެނާއި ނަރުދަމާ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތާއި ފެނުގެ ނިޒާމް ޑިޒައިން ކުރުމުގެ މަސައްކަތާއި ފެނާއި ނަރުދަމާނިޒާމަށް ބޭނުންވާ ސަރވޭ ކުރުމުގެ އިތުރުން އީ.އައި.އޭ ތައްޔާރުކުރަންޖެހެއެވެ. މިމަސައްކަތް ކުރުމަށް އެ ކުންފުންޏަށް ޙަވާލުކޮށްފައިވަނީ 6 މަސްދުވަހުގެ މުއްދަތެއްގައި ނިންމާށެވެ. ސަރުކާރުން ދަނީ ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ. މިގޮތުން މީގެ ކުރިންވެސްވަނީ ރަށްތަކުގައި ފެނާ ނަރުދަމާ ނިޒާމް ޤާއިމްކުރުމަށް ކުންފުނިތަކާ ހަވާލުކޮށްފައެވެ.