ޚަބަރު

ޢަދުލު އިންސާފުގެ ނިޒާމްގެ ފައިދާކުރާނީ ފަސޭހައިން އިންސާފަށް ވާސިލްވެވިގެން - އުއްތަމަ ފަނޑިޔާރު


އަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމްގެ ފައިދާ ރައްޔިތުންނަށް ކުރާނީ ޢަދުލު އިންސާފަށް ފަސޭހައިން ވާސިލް ވެވޭނެގޮތް ކަށަވަރުކޮށްދެވިގެންކަމަށް އުއްމަތަމަ ފަނޑިޔާރު އަހްމަދު ޢަބްދުﷲ ދީދީ ވިދާޅުވެއްޖެއެވެ.

ޢާއިލީ ޢަދުލު ނިޒާމާގުޅޭ މަހާސިންތާ ފައްޓަވައިދެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން އުއްތަމަ ފަނޑިޔާރު ވިދާޅުވީ ޢަދުލު އިންސާފު ޤާއިމުކުރުމުގެ ނިޒާމް އެދެވޭގޮތުގައި ހިނގަމުންދާކަމަށް ބެލެވޭނީވެސް ޢަދުލު އިންސާފަށް ފަސޭހައިން ވާސިލްވެވޭނެގޮތް ކަށަވަރު ކުރެވިގެން ކަމަށެވެ.

"އަދުލު އިންސާފުގެ ނިޒާމްގެ ދޮރުގައި ޓަކިދޭ ރައްޔިތުނަށް ފުރިހަމައަށް މައުލޫމާތު ދިނުމާއި ފަސޭހައިން މައްސަލަތައް ހުށައެޅޭނެ ގޮތް ފަހި ކޮށްދިނުމާއި ޝަރީއަތުގެ މަރުހަލާ ވީހާވެސް ފަސޭހަ އަދި ތަކުލީފު ކުޑަ ގޮތަކަށް ބައްޓަން ވެފައި އޮތުމާއި އަވަހަށް މައްސަލަތައް ނިންމުމާއި ޝަރީއަތުގެ މަޖިލީހުން ކަށަވަރުކޮށްދޭ ހައްގުތައް ހަގީގީ މާނައިގައި ކަށަވަރުކޮށްދިނުމަށްޓަކައި ހުކުމްތައް އަވަހަށް އަދި ފުރިހަމައަށް ތަންފީޒް ކުރުމަކީ ކޮންމެހެން ބޭނުންތެރިކަންކަން،" އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

ޢާއިލީ ޢަދުލުގެނިޒާމް ހަރުދަނާ ކުރުމަށްޓަކައި ގެންނަންޖެހޭ އިސްލާޙްތަކެއް ހުރިކަމަށް ފާހަގަ ކުރައްވަމުން އެމަނިކުފާނު ވިދާޅުވީ އެކަންކަމާމެދު އެމަހާސިންތާގައި މަޝްވަރާ ކުރާނެކަމަށެވެ.
ހަގީގީ މާނާގައި ޢާއިލީ ޢަދުލު އިންސާފު ޤާއިމުކުރެވޭނީ ކުޑަކުދިންނާއި އަންހެނުންގެ ހައްގުތަކާއި ގެވެށިއަނިޔާއިން ނިކަމެތިކަން ލިބޭ ފަރާތްތަކުގެ ހައްގުތައް ރައްކާތެރިކޮށް ޙިމާޔަތްކުރެވޭނެ ގޮތްތަކެއް ހޯދިގެންކަމަށްވެސް އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

އަދި މި މަހާސިންތާ އަކީ މުޅި ޢާއިލީ ޢަދުލު ނިޒާމާގުޅޭގޮތުން ހުރިހާ އިދާރާތަކުން އެއްތަނަކަށް އައިސް ނިޒާމްގެ ހުރިހާ މައްސަލަތަކާ ބެހޭ ގޮތުން ޢިލްމީ ފެންވަރެއްގައި ވާހަކަ ދައްކައި މަޝްވަރާ ކުރާ މިއީ ފުރަތަމަ ފަހަރު ކަމަށެވެ. "ޖުޑިޝަލް ސިމްޕޯޒިއަމް އޮން ފެމިލީ ޖަސްޓިސް"ގެ ނަމުގައި ތިން ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދަން ހަމަ ޖެހިފައިވާ މި މަހާސިންތާ އަކީ ޖުޑީޝަލް އެކަޑަމީން ފެމިލީ ކޯޓާއި ޔުނިސެފް މޯލްޑިވްސް ގުޅިގެން ބާއްވާ މަހާސިންތާއެކެވެ.

ބަނޑޮހުގައި ކުރިއަށްގެންދާ މިމަހާސިންތާ ފެށުމުގެ ރަސްމިޔާތުގައި ޖުޑިޝަލް އެޑްމިނިސްޓްރޭޓަރ ޑރ.ޢަބްދުﷲ ނަޒީރު ވިދާޅުވީ މިމަހާސިންތާގައި ރާއްޖެއިން ބޭރުގެ ފަނޑިޔާރުން ބައިވެރިވަޑައިގެން މައުލޫމާތު ދެއްވުމަށް ހަމަޖެހިފައިވާކަމަށެވެ. އެގޮތުން ބަންގްލަދޭޝްގެ ސުޕްރީމްކޯޓުގެ ފަނޑިޔާރަކާއި ތުރުކީގެ ފަނޑިޔާރެއްކަމަށްވާ ޕާކިސްތާނުގެ ފަނޑިޔާރެއް ހިމެނެއެވެ. މި މަހާސިންތާގައި 116 ފަރާތަކުން ބައިވެރިވެއެވެ.