ޚަބަރު

މަތިވެރި ގެސްޓްހައުސް މައްސަލައިގައި ލާމަރުކަޒީ ކޮމިޓީން ކައުންސިލާ ބައްދަލުކުރަނީ


އއ. މަތިވެރީގައި ހުންނަ އެންމެ ބޮޑު ގެސްޓް ހައުސް 50 އަހަރަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރަށް ދީފައިވާ މައްސަލާގައި އެރަށު ކައުންސިލުން ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީއާ މާދަމާ ބައްދަލުކުރުމަށް ނިންމައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ލާމަރުކަޒީ ކޮމިޓީގެ މުޤައްރިރު އަލީ ނިޔާޒް ވިދާޅުވީ މަތިވެރީގެ ދެ ބިއްމެއްގެ މައްސަލާގައި ކައުންސިލުން ކޮމިޓީއާއި ބައްދަލުކޮށް މިކަމުގެ ކަންބޮޑުވުން ހިއްސާކުރުމަށް ބޭނުންވާތީ އެފުރުސަތު އެފަރާތަށް ދީފައިވާކަމަށެވެ. އެގޮތުން މާދަމާ މެންދުރު 12 ޖަހާއިރު ކޮމިޓީއާއި ބައްދަލުކުރުމުގެ ފުރުސަތު ކައުންސިލުން ދީފައިވާނެކަމަށް ނިޔާޒް ވިދާޅުވިއެވެ.

މިބައްދަލުވުމުގައި ކައުންސިލުން މިކަމުގައި ހުރި ކަންބޮޑުވުންތަކާއި، މިކަމުގައި އެފަރާތުން ހުށަހަޅަން ބޭނުންވާކަންކަން ހުށަހެޅުމުގެ ފުރުސަތު ލިބޭނެކަމަށް އޭނާ ވިދާޅުވިއެވެ.

އއ. މަތިވެރީގައި ހުންނަ އެންމެ ބޮޑު ގެސްޓް ހައުސް 50 އަހަރަށް މަޝްހޫރު ވިޔަފާރިވެރިޔާ އަދި ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހިއްސާވާ ރިޗް ކްލަބް މޯލްޑިވްސްއަށް ދީފައިވަނީ ޤާނޫނާއި ޤަވާއިދުތަކުގެ ތެރެއިން، ބަންޑާރަ ނާއިބުގެ ލަފާފުޅުގެ މަތިންކަމަށް ޓުވަރުޒަމް މިނިސްޓަރ އަލީ ވަހީދު ވިދާޅުވިއެވެ.

ރިޗް ކްލަބް މޯލްޑިވްސްއަށް 50 އަހަރަށް ކުއްޔަށްދިން ގެސްޓް ހައުސްއަކީ ދެ ބިމެއްގައި ތަރައްޤީކޮށްފައިވާ ގެސްޓް ހައުސްއެކެވެ. މިތަން އެންމެ ފުރަތަމަ ހެންވޭރު މާކޮށާރުގޭ އަބްދުއްރައްޒާގު ނަމަކަށް ކިޔާ މީހަކަށް ކުއްޔަށް ދޫކޮށްފައިވަނީ 2012 ވަނަ އަހަރާއި 2014 ވަނަ އަހަރު ހެދި އެއްބަސްވުމެއްގެ ދަށުންނެވެ. ނަމަވެސް ޤާނޫނީ މައްސަލަތަކެއް ދިމާވެ، 2018 ވަނަ އަހަރުގެ ސެމްޓެމްބަރުމަހު ގެސްޓް ހައުސް ވަނީ ބަންދުކޮށްފައެވެ.