ޚަބަރު

ކުރިއަށް އޮތް ފަސްއަހަރުގެ "ސްޓްރެޓެޖިކް ޕްލޭން" އިފްތިތާހުކުރުން މިރޭ


ކުރިއަށް އޮތް ފަސް އަހަރަށް ސަރުކާރުން އެކަށައަޅާފައިވާ "ސްޓްރެޓެޖިކް ޕްލޭން" މިރޭ އިފްތިތާހުކުރަން ހަމަޖެހިއްޖެއެވެ.

ދަރުބާރުގޭގައި މިރޭ ބާއްވާ ޙާއްސަ ރަސްމިއްޔާތެއްގައި މި ޕްލޭން އިފްތިތާޙު ކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހެވެ. ސަރުކާރުން ކުރިއަށްއޮތް 5 އަހަރަށް އެކަށައަޅާފައިވާ "ސްޓްރެޓެޖިކް ޕްލޭން" އިފްތިތާހުކޮށްދެއްވުމަށްފަހު މި ޕްލޭނުގައިވާ މުހިންމު ކަންކަމާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވާހަކަފުޅު ދެއްކެވުމަށްވެސް ހަމަޖެހިފައިވެއެވެ.

މި އެކްޝަން ޕްލޭން އެކަށައަޅާފައިވަނީ ވެރިކަމަށް ވަޑައިގެންނެވުމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހާއި ގުޅިފައިވާ ޕާޓީތަކުން އެކުލަވާލި މެނިފެސްޓޯގައި ހިމެނޭ ކަންކަމަށް ރިއާޔަތްކޮށެވެ.

ސަރުކާރުން ކަނޑައަޅާފައިވާ މެނިފެސްޓޯ އަމާޒުކޮށްފައިވަނީ މައިގަނޑު 6 ދާއިރާއަކަށެވެ. އެއީ އިސްލާމްދީނާއި، ދައުލަތް ހިންގުމާއި، ޖަޒީރާ ދިރިއުޅުމާއި، އިޤްތިޞާދާއި، ފަހުރުވެރި ދިވެހި އާއިލާގެ އިތުރުން އޯގާތެރި ސަރުކާރެވެ.

މި 6 ދާއިރާގެ ތެރޭގައި ހިމެނޭ ގިނަ ކަންކަން ރައީސް ވަނީ ވެރިކަމުގެ ފުރަތަމަ މަސައްކަތުގެ 100 ދުވަހުގެ ތެރޭގައި ތަންފީޒު ކުރެއްވުމަށް ޙާއްސަ މަސައްކަތްތަކެއް ފަށްޓަވައި، އޭގެ ތެރެއިިން 80 އިންސައްތަ މަސައްކަތް ހާސިލްކުރައްވާފައެވެ.