ޚަބަރު

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ ދީފި


ރައީސް މައުމޫން އިސްކޮށް ހުންވައިގެން އުފެއްދުމަށް މަސައްކަތް ކުރައްވާ އެމްއާރުއެމް ސިޔާސީ ޕާޓީއެއްގެ ގޮތުގައި އުފެއްދުމަށްޓަކައި ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފިއެވެ.

އިލެކްޝަންސް ކޮމިޝަނުން މިހުއްދަ ދީފައިވަނީ މިއަދު އެކޮމިޝަންގައި ބޭއްވި ބައްދަލުވުމެއްގައެވެ. ޕާޓީ އުފެއްދުމުގެ ހުއްދައާއި ހަވާލުވެ ވަޑައިގެންފައިވަނީ ޕާޓީއުފެއްދުުގައި އެންމެ އިސްކޮށް ހަރަކާތްތެރިވި މިހާރުގެ މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫންއެވެ.

ޕާޓީ އުފެއްދުމުގެ ހުއްދަ ދިނުމަށް ބޭއްވި މި ރަސްމިއްޔާތުގައި އިލެކްޝަން ކޮމިޝަންގެ ރައީސްވަނީ ވިދާޅުވީ މިއީ ސިޔާސީ ޕާޓީއެއް އުފެއްދެވުމުގައި އަންހެން ބޭކަނބަލެއް އިސްނަގައިގެން އުޅުއްވި ފުތަމަ ފަހަރުކަން ފާހަގަކުރައްވައި އެކަމަށް މަރުހަބާ ވިދާޅުވެފައެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ 3 މަސްދުވަހުގެ ތެރޭގައި ބާއްވަންޖެހޭނެއެވެ. މިކަމާއި ގުޅިގެން އެމްއާރުއެމްގެ ތަރުޖަމާން ވިދާޅުވީ ނޮވެމްބަރުމަހުގެ ކުރީކޮޅު ޕާޓީ އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބާއްވައި، އިލެކްޝަނަށް ހުށަހަޅާނެކަމަށެވެ.

އިލެކްޝަންސް ކޮމިޝަންގެ ސިޔާސީ ޕާޓީތަކުގެ ދަފްތަރުގައި މިވަގުތު ރަޖިސްޓްރީ ވެފައިވަނީ 9 ޕާޓީއެކެވެ. 3000 މެމްބަރުން ހަމަނުވާ ޕާޓީ އުވޭނެކަމަށް ޤާނޫނަށް ގެނައި ބަދަލާއެކު ގިނަ ސިޔާސީ ޕާޓީތަކެއް އުވިގެންވަނީ ގޮސްފައެވެ.