ޚަބަރު

ގިނަ ސްޓޯލްތަކާއެކު "މަމްސް އެކްސްޕޯ" ހުޅުވައިފި


ގިނަ ޢަދަދެއްގެ ސްޓޯލްތަކަކާއެކު "މަމްސް އެކްސްޕޯ 2019" މިއަދު ހަވީރު ހުޅުވައިފިއެވެ.

މަމްސް ޖަމްޢިއްޔާއިން އިންތިޒާމްކޮށްގެން ބިލަބޮންގ ހައި އިންޓަނޭޝަނަލް ސްކޫލުގައި ފެށި މިމަޢުރަޒު ހުޅުވާދެއްވީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހުގެ އަނބިކަނބަލުން ފަޒްނާ އަހްމަދެވެ.

މި މައުރަޒު ހުޅުވައިދެއްވުމަށްފަހު ރައީސްގެ އަނބިކަނބަލުން ފަޒްނާވަނީ މިމައުރަޒު ކުރިއަށް ގެންދާ މަމްސް އެންޖީއޯއިން ކުރިއަށް ގެންދާ ހަރަކާތްތަކަށް ތައުރީފު ކުރައްވާ ވާހަކަފުޅު ދައްކަވާފައެވެ. މައިންނަށް ދިމާވާ ދަތިތަކާ ދިމާވާ މައްސަލަތަކަށް ހައްލު ހޯދަދިނުމަށް އެޖަމްޢިއްޔާއިން މަސައްކަތްކުރާކަން އެކަމަނާ ފާހަގަ ކުރެއްވިއެވެ. އަދި އަންހެނުން ބާރުވެރިކުރުމަށް އެޖަމްޢިއްޔާއިން ކުރާ މަސައްކަތަށްވެސް ފަޒްނާވަނީ ޝުކުރު އަދާކުރައްވާފައެވެ.

މި މައުރަޒުގައި ބައިވެރިވުމުގެ ފުރުސަތު ޒުވާން އަންހެނުން ކުދިނަށް ދީފައިވާތީ އެކަމާ އުފާކުރައްވާ ކަމަށްވިދާޅުވެ އެކަމަނާވަނީ އެޖަމްޢިއްޔާއަށް ޝުކުރު އަދާކުރައްވާފައެވެ.

މި މައުރަޒުގައި ގޭގައި ތިބެގެން އަންހެނުން ކުރާ މަސައްކަތްތައް ބައިވެރިކޮށްފައިވެއެވެ.