ޚަބަރު

ޒުވާނުން ކުޅިވަރުކުޅޭނެ ތަންތަން ނުހެދި، ސަމާނުތައް ހަލާކުވީ ކައުންސިލްތަކާހެދި - ޔާމީން


ޕީޕީއެމްގެ ވެރިކަމުގައި ޒުވާނުނަށް ކުޅިވަރާއި ތަމްރީންތައް ދިނުމަށް ރަށްރަށުގައި ޢިމާރާތްކުރަން ބޭނުންވި ބައެއްތަންތަން ޢިމާރާތްނުކުރެވި އެކަމަށް ގެންދިޔަ ސާމާނުތައް ހަލާކުވެގެންދިޔައީ ރަށްރަށުގެ ކައުންސިލްތަކާހެދިކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ކ.ތުލުސްދޫގައި ޕީޕީއެމްއިން ބޭއްވި ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމިން ވިދާޅުވީ އެމަނިކުފާނުގެ ވެރިކަމުގައި ޒުވާނުންނަށް ޚާއްސަކޮށްގެން ރަށްރަށުގައި ބައެއް ތަންތަން ޢިމާރާތްކުރަން އުޅުނުނަމަވެސް އެޢިމާރާތްތައް ކުރާނެތަނެއް ބައެއް ރަށްތަށުގެ ކައުންސިލްތަކުން ނުދެއްކުމާއި އެކަންކުރަން ކައުންސިލުން ދެކޮޅު ހެދުމުުގެ މައްސަލަ ދިމާވިކަމަށެވެ. އެއާއެކު ޢިމާރާތްތައް ކުރަން ރަށްރަށަށް ގެންދިޔަ ހިލަޔާއި ހިލަވެއްޔާއި ސިމެންތި ރަށުގެ ބަނދަރުމަތީގައި ހުރެ ހަލާކުވެގެން ދިޔައީ ރަށު ކައުންސިލްތަކުގެ ސަބަބުން ކަމަށް ޔާމިން ވިދާޅުވިއެވެ.

"އެ ހުރިހާ ސިމެންތިއާއި ހިލަވެއްޔާއި،ހަލާކުވެގެން ދިޔައިރު ކައުންސިލްތަކުގެ ޒިންމާތައް އެކަމުގައި ބޮޑު،" ރައީސް ޔާމީން ވިދާޅުވިއެވެ.

ސިޔާސީ ފިކުރު ކޮންމެ ގޮތަކަށް ހުރިނަމަވެސް ސަރުކާރުން ކޮށްދޭ ކަންކަމަށް އެއްބާރުލުން ދޭބަޔަކު ކައުންސިލްތަކަށް އަންނަންޖެހޭ ސަބަބަކީ އެއީކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ސަރުކާރުންކުރާ ޚަރަދުތައް ބޮޑުކަމަށް ވިދާޅުވެ ސަރުކާރަށް ފާޑުވިދާޅުވެ ޔާމީން ވިދާޅުވީ އެމްއެމްއޭގައިހުރި ދައުލަތުގެ ޚަޒާނާ މުޅިން ހުސްވެއްޖެކަމަށެވެ. ރައްޔިތުންގެ ބަސް ބުނުމަކީ ހަމައެކަނި ވޯޓުން ނަތީޖާ ދެއްކުންނޫން ކަމަށާއި ރަށަށް އަންނަން ޖެހޭ ތަރައްޤީގެ ވާހަކައާއި ނުކޮށްދީހުރި ކަންކަމުގެވާހަކަ ސަރުކާރަށް އިއްވުން އެއީ ވޯޓުގެކުރިން ހިންގަންޖެހޭ ކަންކަންކަމަށް ޔާމިން ވިދާޅުވިއެވެ.

ޔާމިން ވަނީ ކުރިއަށްއޮތް ލޯކަލް ކައުންސިލް އިންތިޚާބު ކާމިޔާބު ކުރުމަށް ތައްޔާރުވާން އެދިވަޑައިގެންފައެވެ.

ސަރުކާރުން ކަންކަން ނުވުމުން އެއީ މިނިސްޓަރުގެ މައްސަލައެއްކަމަށް ރައީސަށް ވިދާޅުނުވެވޭނެކަމަށާ، އެހުރިހައި ކަމެއްގެ ޒިންމާ ނަންގަވަން ޖެހޭނެ ފަރާތަކީ ރައީސުލްޖުމްހޫރިއްޔާކަމަށް ވެސް ރައީސް ޔާމިން ވިދާޅުވިއެވެ.

ސަރުކާރުން ކުރަނީ ކޮންކަމެއްކަން ނުވިސްނޭކަމަށް ވިދާޅުވެ، މިސަރުކާރިގެ ވެރިން ކުރިން ދެއްކެވި ވާހަކަތަކާއި ސަރުކާރަށް އައުމަށްފަހު އެބޭފުޅުން ޢަމަލުކުރައްވާ ގޮތް ތަފާތު ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.