ޚަބަރު

ބިދޭސީ މީހާ ރަހީނުކުރިގެ، ނުރައްކާތެރި ބޮމެއް


ބިދޭސީ މީހާ ރަހީނުކުރިގެއަކީ ވީރާނާވެ ބޮލައްވެއްޓޭ ހާލުގައި ހުރި، ނުރައްކާތެރި ތަނެކެވެ.

މާފަންނު ގެއެއްގައި ބިދޭސީ މީހަކު ރަހީނުކުރި މައްސަލަ ފުލުހުން ބަލަމުންދާއިރު، މިމައްސަލާގައި ރަހީނުކުރި މީހާއާއި، އޭނާ ރަހީނުކުރިކަމަށް ބުނާ 5 ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކީ އުޅެން އެކަށީގެންނުވާ އަދި އެހާމެ ނުރައްކާތެރިކޮށް ހުރި ތަނެކެވެ. ބިދޭސީން ދިރިއުޅެމުންދިޔަ ތަނަކީ 3 ފަންގިފިލާއަށް ނަގާފައިވާތަނެކެވެ. ދުވަސްވެ ބާވެފައިވާ މިޢިމާރާތުގެ އެންމެތިރީގައި ޕްޓްރޯލްފަދަ ސާމާނު ހިމެނޭ ގުދަނެއް ހުރިއިރު، މަތީގައި ޓިނުން ހިޔާކޮށްފައިވާ ބައެއް ވެސް ހުއްޓެވެ.

މުޅި އިމާރާތް ބޭރުން ބަލާލާއިރުވެސް ފެންނަނީ ތަނބުތަކުންނާއި، އިމާރާތުގެ އެކި ބައިތަކުން ތަންތަން ނެއްޓި ވަރަށް ބޮޑަށް ވީރާނާވެފައިވާ މަންޒަރެވެ. މި އިމާރާތުގެ ހާލަތު މިފަދަ ގޮތަކަށް ހުރިއިރު، އިމާރާތައި ޖެހިގެން ހުރީ ބިދޭސީން އާންމުކޮށް ކައިއުޅޭ ސައި ހޮޓަލެކެވެ.

ބިދޭސީ މީހާ ރަހީނުކުރި ގޭގެ ކައިރީގައި އާންމުކޮށް ޤަވާއިދާ ޚިލާފަށް މަގުމަތީގައި ގިނަ ޢަދަދެއްގެ ޕެޓްރޯލާއި، އެނޫންވެސް ތަކެތި ރައްކާކުރެވިފައިވާ ހަންތަކާއި، އެނޫންވެސް ކުނިބުނި ބަހައްޓާފައި ހުރެއެވެ. މިސަރަހައްދަކީ މާލޭގައި ބިދޭސީން ގިނައަދަދަކަށް އުޅޭ ސަރަހައްދަކަށްވުމުން މިސަރަހައްދުގައި ދިރިއުޅޭ އާންމުންނަށްވެސް މިމީހުންގެ ސަބަބުން އެކިވަރުގެ އުދަގޫތައް ކުރިމަތިވާކަމަށް އެފަރާތްތަކުންވެސް ބުނެއެވެ.

މާލޭގައި ރައްކާތެރި ނޫންގޮތް ގޮތަށް ހިންގޭ މިފަދަ އަމަލުތަކުގެ ސަބަބުން ހިތާމަވެރި ގިނަ ހާދިސާތަކެއް ދަނީ ހިނގަމުންނެވެ. އެގޮތުން މިދިޔަ މަހުގެ 20ވަނަ ދުވަހު ހެންވޭރުގައި ހިނގައިދިޔަ ހިތާމަވެރި އަލިފާނުގެ ހާދިސާއަކީވެސް ނުރައްކާތެރި ކެމިކަލާއި، ގުދަންތައް ގިނަ ސަރަހައްދެކެވެ. އަދި މިދިޔަ ހޯމަ ދުވަހު ޓީ ޖެޓީ ސަރަހައްދުގައިވެސް ނުރައްކާތެރި އަލިފާނުގެ ހާދިސާއެއް ވަނީ ހިނގާ 7 މީހަކު ވަނީ ފިހިފައެވެ. އެ ސަރަހައްދަކީވެސް ޤަވައިދާ އުސޫލުތަކާއި ހިލާފަށް ތެޔޮ އަރުވާ ފުރާފައިހުރި ބައުޒަރުތަކުން ފުރިފައިވާ ސަރަހައްދެކެވެ.

މާލޭގައި މިފަދަ ހާދިސާތައް ހިނގިޔަ ނުދިނުމަށް ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅު އެޅިނަމަވެސް އާންމު ރައްޔިތުންވެސް މިފަދަ ކަންކަމުގައި އެއްބާރުލުން ދިނުމަކީ މިކަންކަން ހައްލުކުރުމަށް ލިބޭނެ އިތުބާރަކަށް ވެގެންދާނެއެވެ.

މާލޭގައި ވީރާނާވެ، ބޮލަށް ވެއްޓެން ގާތްވެފައިވާ މިނޫންވެސް އެތައް އިމާރާތައް ހުރެ، އަދި މިފަދަ އިމާރާތްތަކުގެ ކައިރީގައި ނުރައްކާތެރި ގުދަންތަކާއި، އެނޫންވެސް ޤަވާއިދު ހުއްދަނުކުރާ ތަންތަން ހުރިކަމީވެސް ގިނަ ބަޔަކު ފާހަގަކުރާކަމެކެވެ.