ޚަބަރު

ދީނާ ޙިލާފް ރިޕޯޓާމެދު އަވަސް ފިޔަވަޅު އަޅަންޖެހޭ - ޢަދާލަތު


ދީނާ ޚިލާފް ރިޕޯޓާމެދު ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން އަވަސް ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ޢަދާލަތު ޕާޓީން ވިދާޅުވެއްޖެއެވެ.

އިސްލާމް ދީނާ ޚިލާފު ގިނަ ވާހަކަތަކެއް ހިމަނައި މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކްގެ ފަރާތުން އާންމުކުރި ރިޕޯޓާ ގުޅިގެން ސަރުކާރު ކޯލިޝަންގަިއ ހިމެނޭ ޢަދާލުޕާޓީން ނެރުނު ބަޔާނެއްގައި ވަނީ ގަދަކީރިތިވަންތަ މާތް ﷲގެ ކުޅަދުންވަންތަކަމާއި އެ އިލާހުގެ ރައްބުވަންތަކަމާމެދު ޝައްކު އުފައްދައި އެއިލާހުގެ ވަޙީބަސްފުޅު، ކީރިތި ޤުރުއާނުގެ ސައްޙަ ނައްސުން ވާރިދުވެފައިވާ ކަންކަމާމެދު ސުވާލު އުފައްދައި އަދި ޢާލަމްތަކަށް ރަޙްމަތެއްކަމުގައި ފޮނުއްވި މާތް ސާހިބާ މުޙައްމަދު ﷺ ގެ އަބުރުފުޅާއި އެމާތް ސާހިބާގެ މަތިވެރި ޝަޚްސިއްޔަތުގެ ޤަދަރާއި ކަރާމާތަށް އިހާނެތިކޮށް، މި ރިޕޯޓުގައި ހިމަނާފައިވާކަމީ އިންތިހާއަށް ކަންބޮޑުވާކަމެއްކަމަށެވެ.

އަދި މިއަމަލަކީ ދިވެހިރާއްޖޭގެ މިނިވަންކަމާއި އަމްނު އަމާންކަމާއި ދާޚިލީ ހަމަޖެހުން އެކަމެއްގެ މައްޗަށް ބިނާވެގެންވާ އެންމެ މުހިންމު އަސާސްކަމުގައިވާ މާތްވެގެންވާ އިސްލާމްދީނަށް ފުރައްސާރަކުރުމުގެ ޢަމަލެއްކަން ފާހަގަކޮށް މި އަމަލު އެންމެ ހަރުކަށި ޢިބާރާތުން އެޕާޓީންވަނީ ކުށްވެރި ކޮށްފައެވެ.

މި ރިޕޯޓަކީ 2015ވަނަ އަހަރު އާންމު ކުރެވި، އަދި އޭގެ ފަހުން 2019 ވަނަ އަހަރު އަނބުރާ ގެންދެވިފައިވާ ރިޕޯޓެއްކަމުގައި ވިޔަސް މި ރިޕޯޓަކީ ދިވެހިރާއްޖޭގެ ހާލަތުކަމަށް ސިފަކޮށް ބައިނަލްއަޤުވާމީ ފަރާތްތަކަށް ހިއްސާކުރެވިފައިވާ ރިޕޯޓަކަށްވެފައި މިރިޕޯޓާގުޅިގެން ދިވެހި ރައްޔިތުންގެ މެދުގައި އިންތިހާއަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައިވާތީ ކަމާގުޅުންހުރި ދައުލަތުގެ މުއައްސަސާތަކުން މިކަމުގައި އަވަސް ފިޔަވަޅުތަކެއް އަޅަން ޖެހޭކަމުގައި މިބަޔާނުގައި ބުނެފައިވެއެވެ.

އަދި މި ރިޕޯޓުގައި ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިން ހިމެނޭގޮތުން ބައެއް އާންމުންނާއިމެދު ދީނީ ޚިލާފުތަކުގެ މައްޗަށް ބިނާކޮށް، އެކަށީގެންވާ ދިރާސާކުރުމެއްނެތި އަދި ދައުލަތުގެ ރަސްމީ އިދާރާއެއްގެ ބަހެއްވެސް ނެތި، ނަފުރަތާއި ރުޅިވެރިކަން އުފެދެން މަގުފަހިވާ ފަދަ ބަޔާންތައް ހިމަނާފައިވާކަން ފާހަގަކުރެވޭތީ އެއީވެސް ދައުލަތުގެ ކަމާގުޅުންހުރި މުއައްސަސާތަކުން ބަލަންޖެހޭ މައްސަލައެއް ކަމުގައި އަދާލަތުޕާޓީގެ ބަޔާނުގައި ފާނގަކޮށްފައިވެއެވެ.

ހަމަ އެހެންމެ މި ރިޕޯޓުގައި ދީނާއި ދައުލަތާއި ރައްޔިތުން ރައްކާތެރިކޮށް ބެލެހެއްޓުމުގެ ޒިންމާ މަތިކުރެވިފައިވާ ސަލާމަތީ ޚިދުމަތްތަކުގެ އިންޓެލިޖެންސަށް ހަވާލާދީ ބައެއް ކަންކަން ފާހަގަކޮށްފައި ވުމަކީ ޤައުމީ ސަލާމަތާ ގުޅުންހުރި ކަމަކަށްވާތީ މިކަމާ މެދުވެސް އެޕާޓީންވަނީ ކަންބޮޑުވުން ފާޅުކޮށްފައެވެ. މި ދެންނެވި ކަންކަން، އިންޓެލިޖެންސް މައުލޫމާތު ހިއްސާކުރުމަށް “ސަރޓިފައިކުރެވިފައި ނުވާ” މަދަނީ ޖަމްއިއްޔާއަކާއި ހިއްސާކުރެވިފައިވަނީ ކޮންގޮތަކުންތޯބަލާ ތަހުގީގުކުރުމަށްވެސް އަދާލަތު ޕާޓީގެ ބަޔާނުގައި ގޮވާލާފައިވޭ.

އިސްލާމްދީނާ ގުޅުންހުރި އެއްވެސްކަމަކަށް ފުރައްސާރަ އާއި އިހާނެތިބަސް ރައްދުވާނެހެން ވާހަކަދައްކާ، ލިޔެ އަދި އެފަދަ މައުލޫމާތު އާންމުކޮށް، ފަތުރާ ނުހެދުމަށްވެސް އަދާލަތުޕާޓީންވަނީ އިލްތިމާސް ކޮށްފައެވެ.