ޚަބަރު

ގަލޮޅު ދަނޑުން ތަފާތު މަންޒަރެއް - މިފަހަރު ދަނޑު ފުރާލީ ރަޖިސްޓަރ ވާން ދިޔަ ބިދޭސީން


ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން ޤަވާއިދުގެ ތެރެއަށް ފެއްތުމަށް ކުރިއަށްގެންދާ ރަޖިސްޓްރީކުރުމުގެ ޕްރޮގްރާމް ގަލޮޅު ދަނޑަށް ބަދަލުކުރުމާއިއެކު ބިދޭސީން ދަނޑު ފުރާލައިފިއެވެ.

ޤަވާއިދާއި ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީކުރުމަށް ހުޅުވާލުމުން ގިނަ އަދަދެއްގެ ބިދޭސީން ދަނީ ރަޖިސްޓްރީވުމަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން އެ ފުރުޞަތު ހުޅުވާލުމާއެކު މަޖީދީމަގުގައި ކުރިން ޕީޖީ އޮފީސް ހިންގި ޢިމާރާތުގެ ބައެއްގައި ހަދާފައިވާ އިކޮނޮމިކް މިނިސްޓްރީގެ ރެގިއުލަރައިޒޭޝަން ޔުނިޓް ދޮށަށް، ގިނަ ޢަދަދެއްގެ ބިދޭސީން ކޮންމެ ދުވަހަކުވެސް ޖަމާވެ ދިގު ކިއުއެއް ދިޔައީ ހަދަމުންނެވެ. މާލޭގެ އެންމެ ބާރުބޮޑު މަގުގައި މިގޮތަށް ކިއުޖެހި ތޮއްޖެހުމުމުގެ ސަބަބުން ހިނގާބިގާވެ އުޅޭމީހުންނަށާއި، ދުއްވާއެއްޗިއްސައް އުދަގޫވަމުންދާތީ މިކަން ހައްލުކުރުމަށް މިއަދުން ފެށިގެން ބިދޭސީ ރެގިއުލަރައިޒޭޝަން ޕްރޮގްރާމް ކުރިއަށް ގެންދަން ނިންމާފައިވަނީ ގަލޮޅު ދަނޑުގައެވެ.

މިއަދު ގަލޮޅު ދަނޑުގައި ކުރިއަށްދާ ރެގިއުލަރައިޒޭޝަން ޕްރޮގްރާމާ ގުޅޭގޮތުން އިކޮނޮމިކް މިނިސްޓްރީގެ އެސިސްޓެޓް ޑިރެކްޓަރ ޒުބާނާ އިބްރާހިމް ވިދާޅުވީ ޕްރޮގުރާމުގައި ބައިވެރިވުމަށް ބޭނުންވާ ބިދޭސީންނަށް މިއަދު ހެނދުނު 9 އިން ފެށިގެން އެޕޮއިޓްމަންޓް ދޫކުރަން ފަށާފައިވާކަމަށެވެ. އަދި މިހާރު އޮތް ކިއުއަށް ބަލައި ރޭގަނޑުވެސް ނަންބަރު ދޫކުރަމުންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

ޒުބާނާ ވިދާޅުވީ ކުރިން ދުވާލަކަށް 150 ނަމްބަރު ދޫކުރަމުންއައި ނަމަވެސް ދަނޑުގައި މިހާރު ކުރިއަށްދާ ޕްރޮގުރާމުގައި ވަކި އަދަދަކަށް ނަންބަރު ދޫކުރުމަށް ހަމަޖެހިފައި ނެތްކަމަށެވެ. އެހެންކަމުން ކޮންމެ ދުވަހަކުވެސް ހެދުނު 9 އިން 5 އަށް އަދި ކިއުގައި މީހުން ތިބޭނަމަ ރޭނަގޑުވެސް މަސައްކަތް ކޮށްގެންވެސް ނަންބަރު ދޫކުރުމަށް ހަމަޖެހިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ޤަވާޢިދާ ޚިލާފަށް އުޅޭ ބިދޭސީން އަލުން ރަޖިސްޓްރީ ވާން ސަރުކާރުން ދީފައިވަނީ ހަމަސް ދުވަހުގެ މުއްދަތެކެވެ. ޤާވައިދާ ހިލާފަށް އުޅޭ ބިދޭސީން ގެންގުޅޭ ކުންފުންޏެއް ނަމަ، އަލުން ރަޖިސްޓްރީކުރަން އެ ކުންފުނި ނުވަތަ ބިދޭސީ މީހާ ރާއްޖެ އެތެރެކުރި ފަރާތް މެދުވެރިކޮށް އޮންލައިންކޮށްވެސް ހުށައެޅޭނެއެވެ.

ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށް ސަރުކާރުން ފަށްޓަވާފައިވާ މަސައްކަތުގެ ނަތީޖާ އެއް އަހަރު ދުވަހުގެ ތެރޭގައި ފެންނާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ވިދާޅުވެފައެވެ. މިހާރުވެސް ރާއްޖޭގައި ވާކް ޕާމިޓްގައި އުޅޭ ބަންގްލަދޭޝްގެ އެއްލައްކަ ތިރީސް ހާހެއްހައި މީހުން އުޅެމުންދާކަމަށް ކަމާބެހޭ ފަރާތްތަކުން ބުނެއެވެ. އަދި މީގެތެރެއިން ފަސްދޮޅަސް ތިންހާސް މީހުންނަކީ ޤަވާޢިދުތަކަށް ނުފެތޭ މީހުންކަމަށްވެސް ސަރުކާރުން ވިދާޅުވެއެވެ.