ޚަބަރު

ނުރައްކާތެރި އެކްސިޑެންޓެއްވެ މެންބަރު ޔާސިރަށް ބޮޑެތި އަނިޔާތަކެއް


ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ އުތުރުދާއިރާގެ މެންބަރު ޔާސިރު ޢަބްދުއްލަޠީފް އެކްސިޑެންޓްވެ ޓްރީ ޓޮޕް ހޮސްޕިޓަލުގައި ފަރުވާދޭން ފަށައިފިއެވެ.

ސިނަމާލެ ބްރިޖުގެ ހުޅުލެއާވީ ކޮޅުގައި ހުންނަ ޓްރެފިކް ލައިޓް ކައިރީގައި ރޭ ހިނގި މިއެކްސިޑެންޓްގައި ޔާސިރަށް ވަނީ ބޮޑެތި އަނިޔާތަކެއް ވެފައެވެ. ޔާސިރުގެ އެކުވެރިޔަކު ބުނީ އޭނާ މާލެއިން ހުޅުމާލެއަށް ދަނިކޮށް ބްރިޖްގެ އެއަރޕޯޓް ލައިޓާއި އަރާހަމަވިތަނުން ސައިކަލް ކަހާލައިގެން ވެއްޓުނީކަމަށެވެ. އަދި އެވަގުތު ފަހަތުން އައި ސައިކަލު ކޮންޓްރޯލް ނުވެ ގޮސް ޔާސިރުގެ ގައިމަތިން ދިޔައީކަމަށެވެ.

އޭނަ ބުނީ ޔާސިރަށް އެހީތެރިވީ ފަހަތުން އައި އެހެން މީހެއްކަމަށާއި، ވެއްޓުމާއެކު އޭނާގެ ދަތްދޮޅި ފަޅައިގެން ގޮސް، ގައިގެ އެކިތަންތަން މަށައިގެން ގޮސްފައިވާކަމަށެވެ. އަދި އެމީހާގެ އެހީތެރިކަމާއެކު ޔާސިރު ޓްރީޓޮޕް ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުންދާކަމަށެވެ.

މި އެކްސިޑެންޓުގައި ޔާސިރުގެ މޭކަށިގަނޑުން 4 ކަށިގަނޑެއް ބިންދައިގެން ގޮސްފައިވާކަމަށާއި، ނަމަވެސް ބިންދައިގެން ގޮސްފައިވާ ކަށިގަނޑުތައް ވަކިވެފައިނުވާތީ އިތުރު އޮޕަރޭޝަނަކަށް ދާންނުޖެހޭކަމަށް ޑޮކްޓަރުން ލަފާދީފައިވާކަމަށް މަޢުލޫމާތު ލިބެއެވެ. ނަމަވެސް އިތުރަށް ބްލީޑްވެ، ގޯސްވަމުންދާނަމަ އިތުރު އޮޕަރޭޝަނެއްވެސް ކުރަންޖެހިދާނެ ކަމަށާއި، ޑޮކްޓަރުން ބޭނުންވާތީ އިތުރު 24 ގަނޑިއިރަށް އޭނާ އެޑްމިޓް ކޮށްފައިވާކަމަށްވެސް ޔާސިރުގެ އެކުވެރިޔަކު މަޢުލޫމާތުދެއެވެ.

ދާދިފަހުން އިނގުރައިދޫ ދާއިރާގެ މެންބަރު ޙަސަން އަޙްމަދަށްވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއްވެ ހޮސްޕިޓަލުގައި ފަރުވާދީފައެވެ.