ޚަބަރު

ޖަމްއިއްޔާތައް އިސްމްދީނަށާއި ޤާނޫނުތަކަށް ފުރިހަމައަށް ބޯލެނބުމަށް ޔޫތް މިނިސްޓްރީން ގޮވާލައިފި


ރާއްޖޭގައި ހިންގާ ހުރިހާ ޖަމްއިއްޔާއެއްވެސް އިސްމްދީނާއި، ޤާނޫނުތަކަށް ފުރިހަމަ އަށް ބޯލެނބުމަށް ޖަމްޢިއްޔާތަކުގެ ބަލަދުވެރި ފަރާތްކަމުގައިވާ މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް ކޮމިނިޓީ އެމްޕަވާމަންޓުން ގޮވާލައްވައިފިއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާއި ގުޅިގެން ޖަމްއިއްޔާތަކުގެ ބަލަދުވެރި ފަރާތް ކަމުގައި މިނިސްޓްރީ އޮފް ޔޫތް ސްޕޯޓްސް ކޮމިނިޓީ އެމްޕަވާމަންޓުން ނެރެފައިވާ ބަޔާނެއްގައި ވަނީ އެއްވެސް ޖަމްއިއްޔާ ޖަމާއަތަކުން ރާޢްޖޭގެ ދީނީ އެއްބައިވަންތަކަން ގެއްލޭފަދަ އަމަލެއް ނުކުރުމަށް ގޮވާލާފައެވެ. އަދި ރާއްޖޭގެ އެއްބައިވަންތަކަން ދެމެހެއްޓުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކަށް އެއްބާރުލުންދީ ރާއްޖޭގެ ޤާނޫނު އަސާސީއާއި ޤާނޫނުތަކާއި ޤަވާއިދުތަކަށް ފުރިހަމައަށް އިޙްތިރާމްކުރުމަށްވެސް ވަނީ އިލްތިމާސްކުރައްވާފައެވެ.

ޔޫތު މިނިސްޓްރީން ނެރުނު ބަޔާނުގައި ވިދާޅުވެފައިވަނީ އެ ރިޕޯޓަކީ 2016 ވަނަ އަހަރު މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރެފައިވާ ރިޕޯޓެއްކަމަށްވާއިރު، އޭރުގެ ސަރުކާރުން މިކަމަށް ފިޔަވަޅު ނާޅާފައިވާކަމީ ކަންބޮޑުވާކަމެއްކަމަށެވެ. ނަމަވެސް މިސަރުކާރުގެ ސަމާލުކަމަށް މިރިޕޯޓް އައުމާއެކު މިމައްސަލަ ތަޙްޤީޤުކުރުމަށް އިސްލާމިކް މިނިސްޓްރީން ފުލުހުންނަށް ހުށަހަޅާފައިވާކަމަށްވެސް ޔޫތު މިނިސްޓްރީގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.

މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކުން ނެރުނު ރިޕޯޓެއްގައި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާތީ އެ މައްސަލަ ހޫނުވެ ގިނަ ބަޔަކު އެކަމާއި ދެކޮޅަށް އަޑުއުފުލަން ފެށުމުން އެޖަމްޢިއްޔާއިން ވަނީ ކުރިން ޢާއްމުކުރި ރިޕޯޓް އަނބުރައި ގެންގޮސް މަޢާފަށް އެދޭކަމަށް ބުނެފައެވެ. ނަމަވެސް އެޖަމްޢިއްޔާގެ އިސްވެރިން މިހާރުވެސްދަނީ އެރިޕޯޓް ދިފާޢުކޮށް، ފުލުހުން މި ރިޕޯޓާމެދު ފިޔަވަޅު ނާޅާހާ ހިނދަކު އެކަން ހުއްޓާނުލާނެކަމަށް ބުނެ ގަދަބަސް ބުނަމުންނެވެ. މިމައްސަލަ ފުލުހުން ބަލަމުންދާއިރު، މިކަމުގައި ފުލުހުން އަދި ވަކި އެއްޗެއް ވިދާޅުވެފައެއްނުވެއެވެ.