ޚަބަރު

އިންފޮމޭޝަން ކޮމިޝަނަރަކަށް ބޭފުޅަކު އައްޔަންކުރަން ބާއްވާ އިންޓަރވިއު މާދަމާ


އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާއި އިންޓަރވިއުކުރުން މާދަމާ އޮންނަ މިނިވަން މުޢައްސަސާތަކުގެ ކޮމިޓީއަށް އެޖެންޑާކޮށްފިއެވެ.

އިންފޮމޭޝަން ކަމިޝަނަރުގެ މަޤާމަށް ކުރިމަތިލެއްވި ބޭފުޅުންގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާއި އިންޓަރވިއުކުރުމަށް މިދިޔަ ހަފްތާގެ ބްރާސްފަތި ދުވަހުގައިވެސް މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީން ކުރި މަސައްކަތް ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލް ކޮށްފައެވެ.

ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވީ މާދަމާ ހެނދުނު 10 ޖަހާއިރު ކޮމިޓީ ބެއްވުމަށް ނިންމާ އިންޓަރވިއު ކުރާ ފަރަތްތަކަށްވެސް އެކަން އަންގާފައިވާކަމަށެވެ. އޭނާ ވިދާޅުވީ މަދަމާ އިންޓަރވިއު ކުރުމަށް ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރުިއްޔާގެ އޮފީހުން މިމަޤާމަށް ހުޅުވާލި ފުރުސަތުގައި ކުރިމަތިލެއްވި ފަރާތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިސްކަންދެއްވި 4 ބޭފުޅުންނާކަމަށެވެ.

މިއީ ރައްޔިތުންގެ މަޖިލީހުގެ ތާރީޙުގައިވެސް މިނިވަން މުއައްސަސާއެއްގެ މަޤާމަކަށް ބޭފުޅަކު އައްޔަން ކުރުމަށްޓަކައި ކޮމިޓީ މަރުހަލާގައި ކުރެވޭ އިންޓަރވިއު މީޑިއާތައް މެދުވެރިކޮށް ލައިވްކުރާ ފުރަތަމަ ފަހަރެވެ.

މަޖިލީހުގެ ޤަވާއިދަށް ގެނެވުނު ބަދަލާއިއެކު މިނިވަން މުއައްސަސާތަކަށް އައްޔަންކުރެވޭ ފަރާތްތަކާއި ކުރެވޭ އިންޓަރވިއު ލައިވްކުރުމުގެ ފުރުސަރު ކޮމިޓީން ބޭނުންވެއްޖެ ކަމުގައިވާނަމަ ލިބިދެއެވެ.

19 ވަނަ ރައްޔިތުންގެ މަޖިލީހުގެ 2 ވަނަ ދައުރު ފެށުނު ދުވަހު ބޭއްވި ކޮމިޓީ ކުރިއަށް ގޮސްފައިނުވަނީ 3 މެމްބަރަކު ރަށުން ބޭރުގައި އުޅުމާއި، ސަލާމުގައި މެމްބަރެއް ހުރުމުން ކަމަށް ކޮމިޓީގެ މުޤައްރިރު ރޮޒޭނާ އާދަމް ވިދާޅުވިއެވެ. މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ކޮމިޓީތަކުން ނިންމާ ނިންމުންތަކުގައި ކޮމިޓީގެ 3 ބައިކުޅަ 2 ބައި މެމްބަރުންގެ އަޢުލަބިއްޔަތު އޮންނަންޖެހެއެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި އެމަޤާމަށް ކުރިމަތިލައްވާފައިވަނީ 9 ބޭފުޅުންނެވެ. އެބޭފުޅުންގެ ނަންފުޅުތައް މަޖިލީހަށް ފޮނުއްވިއިރު ރައީސުލްޖުމްހޫރިއްޔާ އިސްކަން ދެއްވި ތަރުތީބުން އެންމެ ފުރަތަމަ އޮތް ހަތަރު ބޭފުޅުންނަކީ ހުސެއިން ފިޔާޒު މޫސާ އާއި، އަޙްމަދު ފަޔާޒާއި، އަޙްމަދު އާހިދު ރަޝީދުގެ އިތުރުން ފާތިމަތު ސައުޝަންއެވެ.

ޤާނޫނުގައި އޮންނަ ގޮތުން، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމް ހުސްވާތާ ލަސްވެގެން 60 ދުވަހުގެ ތެރޭގައި އެ މަގާމަށް މީހަކު އައްޔަން ކުރަންޖެހެއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ މަޤާމް ހުސްކޮށް އޮންނަތާ މިހާރު 2 މަސްދުވަހަށްވުރެ ގިނަ ދުވަސްވެއްޖެއެވެ.