ޚަބަރު

މަދަނީ އިޖުރާއަތުގެ ބިލްގެ ޑްރާފްޓަށް ޚިޔާލުހޯދަން ހުޅުވާލައިފި


މަދަނީ އިޖުރާއަތުގެ ބިލްގެ ޑްރާފްޓަށް ޚިޔާލުހޯދަން ހުޅުވާލައިފިއެވެ.

ރާއްޖޭގައި ފުރަތަމަ ފަހަރަށް އެކުލަވާލާ މަދަނީ އިޖުރާއަތުގެ ބިލުގެ ޑްރާފްޓަށް އާމުންގެ ޙިޔާލު ހޯދަން ހުޅުވާލައާފައިވަނީ މިމަހުގެ 8 އަށްވަނަ ދުވަހުން ފެށިގެން 15 ވަނަ ދުވަހާއި ހަމައަށެވެ. މިބިލަށް ހުށަހަޅަން ބޭނުންވާ ޚިޔާލުތައް ލިޔުމުންނާއި އީމެއިލް މެދުވެރިކޮށް ހުށަހެޅުމުގެ ފުރުޞަތު އާންމުންނަށް ވަނީ ހުޅުވާލާފައެވެ.

ބިލު އެކުލަވާލާފައިވަނީ، މަދަނީ ދަޢުވާތަކާބެހޭ އުސޫލުތަކާއި، ޝަރީޢަތަށް މައްސަލަ ފޮނުވުމުގެ ކުރިން މައްސަލަ ޙައްލުކުރުމުގައި ޢަމަލުކުރާނެ އުސޫލުތަކާއި، ޝަރީޢަތަށް ހުށަހެޅޭ މައްސަލަތަކުގެ ޝަރީޢަތް ހިންގުމުގެ އުސޫލުތަކާއި، ހެއްކާބެހޭ ބައެއް އުސޫލުތައް ހިމަނައިގެންނެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގެ ކޯޓުތަކުގައި ކޮށްފައިވާ ޙުކުމްތައް ދިވެހިރާއްޖޭގައި ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، ޙުކުމް ތަންފީޛުކުރުމާގުޅޭ އުސޫލުތަކާއި، އިސްތިއުނާފުކުރުމާގުޅޭ އުސޫލުތަކާއި، އެނޫންވެސް މަދަނީ އިޖުރާއަތާގުޅޭ ޢާންމު އުސޫލުތައް، ބައިނަލްއަޤްވާމީ ބެސްޓް ޕްރެކްޓިސްއަށާއި، ދިވެހިރާއްޖޭގައި ޢަމަލުކުރަމުންދާ އުސޫލުތަކަށްވެސް މި ބިލުގައި ރިޢާޔަތްކޮށްފައިވާކަމަށް ޕީޖީ އޮފީހުން ބުނެއެވެ.

މަދަނީ އިޖުރާއަތުގެ ބިލުގެ ދެލިކޮޕީ އެކުލަވާލައްވާފައިވަނީ، އ.ދ. ގެ ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ.) ގެ އެހީއާއެކު މި އޮފީހުން ޢައްޔަންކޮށްފައިވާ ކޮންސަލްޓަންޓެއް ކަމަށްވާ، އިނގިރޭސިވިލާތުގެ ނޮދަމްބްރިއާ ޔުނިވަރސިޓީގެ ލޯ ސްކޫލްގައި ސީނިއަރ ލެކްޗަރަރއެއްގެ މަޤާމު އަދާކުރައްވަމުންގެންދަވާ މިސްޓަރ އިމެނުއަލް ގުއިންޝާޑެވެ.

ޝަރުއީ ދާއިރާގައި ހުރި މައްސަލަތަކާއި، ކަންބޮޑުވުންތަކަށް ހައްލެއް ހޯދުމަކީ މިސަރުކާރުގެ ވައުދެކެވެ. މިހާރުވެސް ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީގައި 5 ބިލެއްގެ މަސައްކަތް ކުރެވެމުންދެއެވެ.

ސަރުކާރުގެ ފަރާތުން މިދައުރުގެ ތެރޭގައި 33 ބިލެއް މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.