ޚަބަރު

މަޖިލީހުން ބިލްތައް ޑްރާފްޓްކުރުމަކީ ޤާނޫނު އަސާސީއާއި މަޖިލީހުގެ ޤަވާއިދުވެސް ތަންދޭކަމެއް - ރައީސް ނަޝީދު


ޤާނޫނު އަސާސީއާއި، މަޖިލީޙުގެ ޤަވާއިދުގެ ދަށުން، ބިލުތައް ހެދުމާއި، ޤާނޫނު ހެދުމުގެ ބާރު ރައްޔިތުންގެ މަޖިލީހަށް ލިބިގެންވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ މިދައުރުގެ ތެރޭގައި ގިނަ ބިލްތަކެއްގެ މަސައްކަތް ކުރުމަށް މަޖިލީހުން އަމާޒު ހިފާފައިވާކަމަށެވެ. ބިލްތައް މަޖިލީހަށް ހުށަހަޅަނީ ސަރުކާރުގެ ފަރާތުންނާއި، ސިޔާސީޕާޓީތަކުން ކަމަށްވާއިރު، އެމަސައްކަތް މިހާރު ކުރެވެމުންދާކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅުއްވާ ބިލްތައް ހުށަހަޅާނީ މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުންނެވެ. ސަރުކާރު ނިސްބަތްވާ އެމްޑީޕީން މަޖިލީހަށް ހުށަހަޅެވުމަށް ހަމަޖެހިފައިވާ ބިލްތަކަށް އިޝާރާތް ކުރައްވައި ވާހަަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް ވިދާޅުވީ، މަޖިލީހުގެ ޤަވާއިދު ބުނާގޮތުން ފުށޫ އަރާ ދެބިލެއް އެމްޑީޕީން ހުށަހަޅާ ބިލްތަކުގެ ތެރޭގައި ހިމެނޭކަމަށެވެ. އެގޮތުން އާމްދަނީން ޓެކްސް ނެގުމުގެ ބިލާއި، ވަޒީފާ ހޯދާ ފަރާތްތަކަށް އެލަވެންސް ކަނަޑައެޅުމުގެ ބިލަކީ މާލީ 2 ބިލަށްވާއިރު މިބިލްތައް ހުށަހެޅުމުގެ ފުރުޞަތު އެމްޑީޕީއަށް ނުލިބޭނެކަމަށް މަޖިލީހުގެ ރައީސް ވިދާޅުވިއެވެ.

މަޖިލީހުން މަސައްކަތް ކުރައްމުންދަނީ ޤާނޫނު އަސާސީއާއި، ޤާނޫނުތަކުގައިވާގޮތުގެ މަތިންކަން ފާހަގަކުރައްވައި މަޖިލީހުގެ ރައީސް ވިދާޅުވީ ޤާނޫނު ހެދުމާއި، ގާނޫނު އެކުލަވާލުމުގެ މަސްއޫލިއްޔަތާއި ޒިންމާއަކީ ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ކަމެއް ކަމަށެވެ.

މަޖިލީހުން ބިލްތައް ދިރާސާކޮށް، ޑްރާފްޓުކުރުމުގެ މައްސަލާގައި އިދިކޮޅު ފަރާތްތަކުން ރައްޔިތުންގެ މަޖިލީހުގެ އިދާރާ ކައިރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމްޝަރީފް ވަނީ މަޖިލީހުގެ ޖަލްސާތައް ހިނގާ ގޮތަށް ވަރަށްބޮޑަށް ފާޑުވިދާޅުވެފައެވެ. އެގޮތުން މަޖިލިސް މިހާރު ހިންގަމުންދަނީ ބަރުލަމާނީ ނިޒާމެއްގައި ކަންކަން ހިނގާ ގޮތަކަށްކަމަށް އޭނާ ވިދާޅުވިއެވެ. އަދި ޤާނޫނު ހެދުމުގެ ބާރު މަޖިލީހަށް ލިބުނު ނަމަވެސް ބިލްތައް ޑްރާފްޓްކޮށް އެކުލަވާލުމުގެ ބާރު މަޖިލީހުގެ ޤަވާއިދުގެ ދަށުން މަޖިލީހަށް ނުލިބޭކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުން އެކުލަވާލާ ބިލްތަކުގެ މަސައްކަތްތަކާއި ގުޅޭގޮތުން މަޖިލީހުގެ ރައީސް ވިދާޅުވީ ބިލްތަކުގެ ޑްރާފްޓް މަރުހަލާގެ އެންމެ މުހިންމު މަސައްކަތްތަކެއް ކުރާނީ އެ ކަމާއިބެހޭ ޙާއްސަ ކޮމިޓީއަކުން ކަމަށެވެ. މިމަސައްކަތް ކޮމިޓީ މަރުހަލާގައި ކުރެވިގެންދާއިރު، އެޓާނީ ޖެނެރަލްއާއި، އެބިލަކާއި ގުޅުންހުރި ދައުލަތުގެ ކަމާބެހޭ ވުޒާރާއަކާއި، އާންމު ފަރާތްތަކުގެ ލަފަޔާއި ޙިޔާލު ހޯދިގެންދާނެކަމަށް މަޖިލީހުގެ ރައީސް ވަނީ ވިދާޅުވެފައެވެ.

މަޖިލީހުން ބިލްތައް ހެދުމުގެ މަސައްކަތް ކުރުމަށް ނިންމައި އެކަން ކުރަމުންދަނިކޮށް ދައުލަތުގެ އެޓާނީ ޖެނެރަލް އިބްރާހިމް ރިއްފަތު ވިދާޅުވެފައިވަނީ ރައްޔިތުންގެ މަޖިލީހަށް ސަރުކާރުން ހުށައަޅާ ބިލްތަކަކީ ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށްޓަކައި ސަރުކާރުގެ މައިގަނޑު ސިޔާސަތުތަކާއި، އެސިޔާސަތުތައް ތަންފީޒުކުރާނެ ހަމަތައް ބަޔާންކުރާ ވަސީލަތެއްކަމަށެވެ. އަދި ނަޒާހާތްތެރި މަޖިލީހަކުން އެފުރުޞަތު ސަރުކާރަށް ފަހިކޮށްދެއްވާނެކަމަށް އޭޖީ ފާހަގަކުރައްވާފައިވެއެވެ.