ޚަބަރު

ސުޕްރީމް ކޯޓުގައި ވަކި ކުރަން ޖެހޭ ފަނޑިޔާރުން އެބަ ތިބި : ޖުޑިޝަރީ ރިޕޯޓް


ޤާނޫނު އަސާސީން ސުޕްރީމް ކޯޓަށް މަތިކޮށްފައިވާ ޒިންމާ އަދާކުރުމުގައި ފެއިލްވެފައިވާ ފަނޑިޔާރުން ސުޕްރީމް ކޯޓުގައި އެބަ ތިއްބެވި ކަމަށާއި ޝަރުއީ ދާއިރާ އިސްލާހްކުރުމަށް އެ ފަނޑިޔާރުން ވަކި ކުރަން ޖެހޭ ކަމަށް ޝަރުއީ ދާއިރާގެ އޮޑިޓެއް ހެދުމަށް ހަވާލުކުރި ކޮންސަލްޓަންޓް ކަމަށްވާ ސައުތު އެފްރިކާގެ ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރގެ ރިޕޯޓްގައި ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި މުޅި ޝަރުޢީ ދާއިރާގެ އޮޑިޓެއް ހަދައި، އެ ދާއިރާގެ ހިންގުން ހަރުދަނާކުރުމުގެ މަސައްކަތް ކުރުމަށް ބަންޑާރަ ނައިބު އޮފީހުން ޢައްޔަންކުރި ކޮންސަލްޓަންޓް ޔޮހާން ކްރީގްލަރގެ ތައްޔާރުކުރި "އެސެސްމަންޓް އޮފް ދަ ޖަސްޓިސް ސެކްޓަރ ރިފޯމް ޕްރޮޕޯޒަލްސް" ރިޕޯޓުގައި ވަނީ ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުނަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައެވެ.

އެ ރިޕޯޓް ތައްޔާރުކުރިއިރު ސުޕްރީމް ކޯޓުގައި ތިއްބެވި ފަނޑިޔާރުންގެ ތެރެއިން މިހާރު އެ ކޯޓުގައި މަސައްކަތް ކުރައްވަނީ ހަތަރު ފަނޑިޔާރުންނެވެ. އެއީ އުއްތަމަ ފަނޑިޔާރު ޑރ.އަޙްމަދު ޢަބްދުﷲ ދީދީ އާއި ފަނޑިޔާރު ޢަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުޙައްމަދު ޢަބްދުﷲ އާއި ޢަބްދުލް ޣަނީ މުޙައްމަދެވެ.

ފާއިތުވި ދިހަ އަހަރު ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުތަކާއި ނިންމާފައިވާ މައްސަލަތަކާއި އަދި އަމަލުތައް ހުރި ގޮތުގެ މައްޗަށް ބަލާ ނެރުނު އެ ރިޕޯޓްގައި ބުނެފައިވަނީ އެ ފަނޑިޔާރުން އަމަލުތައް ޑިމޮކްރަޓިކް ވެރިކަމެއް ކުރުމަށް ހުރަހަކަށްވެފައިވާ ކަމަށެވެ. އަދި ރައްޔިތުންގެ އިތުބާރު ސުޕްރީމް ކޯޓަށް ހޯދަން ބޭނުންވާނަމަ އޭރު ތިއްބެވި ފަނޑިޔާރުން ވަކިކުރަން ޖެހޭ ކަމަށެވެ. އަދި އެ ފަނޑިޔާރުން ޤާނޫނު ނަހަމަގޮތުގައި ބޭނުންކޮށްފައިވާކަމަށްވެސް އެ ރިޕޯޓުގައި ހާމަކޮށްފައިވެއެވެ.

ރާއްޖޭގެ ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ރިޓަޔަރޑް ޖަސްޓިސް ކްރީގްލަރ ކުރިއަށްގެންދެވި މަސައްކަތުގައި ހިމެނުނު މައިގަނޑު ބައިތަކަކީ، ޝަރުޢީ ދާއިރާއާ ގުޅުންހުރީ ޤާނޫނުތަކުގައި އަދި އެ ޤާނޫނުތައް ތަންފީޛުކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާކުރުމާއި، ޝަރުޢީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖަޢާކުރުމާއި، ފަނޑިޔާރުން ޢައްޔަނުކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖަޢާކުރުމާއި، ޝަރުޢީ ދާއިރާ އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާ ގުޅޭ ހުށަހެޅުންތައް ސަރުކާރަށް ހުށަހެޅުން ކަމަށް ބަންޑާރަނައިބު އޮފީހުން މައުލޫމާތުދެއެވެ.

އެ މަސައްކަތް ކުރެއްވުމުގައި، އޭނާ ވަނީ ދެފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ދިވެހިރާއްޖޭގެ ޝަރުޢީ ދާއިރާއާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްޢިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫންވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލުކުރައްވައި، އެފަރާތްތަކުގެ ޚިޔާލު ހޯއްދަވާފައެވެ.

މި ރިޕޯޓް ތައްޔާރުކުރެއްވި ރިޓަޔަރޑް ޖަސްޓިސް ޔޮހާން ކްރީގްލަރއަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 202 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމު އަދާކުރައްވާފައިވާ، ސައުތު އެފްރިކާގައި ޤާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތްކުރައްވާފައިވާ ބޭފުޅެކެވެ. އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތްކުރެއްވުމުގެ އިތުރުން، އެބޭފުޅާ ވަނީ އެ ޤައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައިވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތްކުރައްވާފައެވެ.