ޚަބަރު

ހައިކޯޓަށް ފަނޑިޔާރުން ހޯދަނީ


ހައިކޯޓުގެ ފަނޑިޔާރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުޑީޝަލް ސަރވިސް ކޮމިޝަނުން ހުޅުވާލައިފިއެވެ.

އެކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލުމަށް ޖުޑީޝަލް ސަރވިސް ކޮމިޝަނުން އިއުލާން ކޮށްފައި މިވަނީ ހައިކޯޓުގެ ފަނޑިޔާރުންގެ ޢަދަދުކަމަށް ކޯޓުތަކާ ބެހޭ ޤާނޫނަށް 2017ވަނަ އަހަރު ގެނައި އިސްލާޙުގައި ކަނޑައަޅާފައިވާ ޢަދަދު ހަމަކުރމަށެވެ. އެޢަދަދަކީ 11 ކަމަށް ކަނޑައަޅާފައިވީނަމަވެސް މިހާތަނަށް އޮތީ އެޢަދަދު ހަމަނުކޮށެވެ.

ހައިކޯޓުގެ ފަނޑިޔާރެއްގެ ކިބާގައި ހުންނަންޖެހޭ އެންމެދަށް ތަޢުލީމީ ފެންވަރުކަމަށް ކަނޑައަޅާފައިވަނީ އިސްލާމީ ޝަރީޢާގެ ރޮނގުން ނުވަތަ ގާނޫނީ ރޮނގުން ނުވަތަ ޤާނޫނާއި އިސްލާމީ ޝަރީޢާގެ ރޮނގުން ފުރަތަމަ ޑިގްރީ ހާސިލްކޮށްފައިވުމެވެ.

ހައިކޯޓުގެ ފަނޑިޔާރަކަށް އަސާސީ މުސާރައިގެ ގޮތުގައި ތިރީސް ހަ ހާސް ރުފިޔާ ކަނޑައަޅާފައިވެއެވެ. އަދި އިތުރު އެލަވަންސްތަކާއެކު ޖުމްލަ ފަންސާސް ހަތަރު ހާސް ތިން ސަތޭކަ ރުފިޔާ ކޮންމެމަހަކު ލިބޭނެއެވެ. ހައިކޯޓުގައި މި ވަގުތު ތިއްބެވީ ޖުމުލަ 9 ފަނޑިޔާރުންނެވެ.