ޚަބަރު

"ވާނުވާގައި" ތިބި މީހުންގެ ބަންދު މަހަކު އެއްފަހަރު ޕީޖީ މުރާޖާކުރަންޖެހޭނެ


ތުހުމަތުކުރާ ކުށަކާ ގުޅިގެން ނުވަތަ އުފުލާފައިވާ ދައުވާ އަކާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން ކޮށްފައިވާ އަމުރުތައް މަހަކު އެއްފަހަރު ޕްރޮސެކިއުޓާ ޖެނަރަލް މުރާޖާ ކުރަން ލާޒިމްކޮށް ޖިނާއީ މައްސަލަތަކުގައި އަމަލުކުރަންޖެހޭ ސިޔާސަތަށް ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު އިސްލާހެއް ގެންނަވައިފިއެވެ.

ޖިނާއީ މައްސަލަތަކާ ގުޅިގެން ތަޙްޤީޤު ކުރުމާއި ބަންދުގައި ބެހެއްޓުމުގައި އަމަލުކުރާނެ ސިޔާސަތަށް ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު ގެންނެވި އިސްލާހުގައިވަނީ ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންގެ ބަންދު މަހަކު އެއްފަހަރު ޕްރޮސެކިއުޓާ ޖެނަރަލް މުރާޖާކުރައްވަންޖެހޭނެކަމަށެވެ. އަދި އެފަދަ މައްސަލަތައް އަލުން މުރާޖާކުރުމަށްފަހު ޝަރީއަތް ނިމެންދެން ބަންދުގައި ބަހައްޓަން ނުފެންނަ މީހަކު ހުރި ނަމަ އޭނާ ބަންދުގައި ބަހައްޓަންކުރި އަމުރު ބާޠިލްކޮށްދޭން ޕްރޮސެކިއުޓަރ ޖެނެރަލް ހުށައަޅަން ޖެހޭނެ ކަމަށްވެސް މި އިސްލާހުގައިވެއެވެ.

މީގެ އިތުރުން ބަންދާމެދު އަމަލުކުރަމުންދާ ގޮތުގެ ތަފްސީލް ބަޔާންކޮށް ޚާއްސަ ރިޕޯޓެއް އެކުލަވާލުމަށްފަހު އަހަރަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހަށް ހުށައަޅަން ޖެހޭނެ ކަމަށްވެސް ބަންޑާރަ ނައިބު ވަނީ ކަނޑައަޅުއްވާފައެވެ.

މި އިސްލާހާއެކު މިހާރު ޝަރީއަތް ނިމެންދެން ބަންދުގައި ގިނަ ދުވަސްތަކެއް ވަންދެން ތިބި މީހުންގެ ބަންދު މުރާޖާކޮށް ބަންދުގައި ބަހައްޓަން ނުޖެހޭ މީހަކު ހުރިނަމަ އެމީހެއްގެ ބަންދު ބާތިލްކުރުމަށް ކޯޓަށް ހުށައަޅަން ލާޒިމްވާނެއެވެ.

ޝަރީއަތް ނިމެންދެން ބަންދުގައި ތިބޭ މީހުންނާމެދު އަމަލުކުރާނެ އުސޫލަށް ބަދަލުތަކެއް ބަންޑާރަ ނައިބު މި ގެންނެވިއިރު މިހާރުވެސް ހުކުމެއް ނެތި ބަންދުގައި އެއް އަހަރަށް ވުރެ ގިނަ ދުވަސްވެފައި ތިބި 164 މީހުން ބަންދުގައި ތިބިކަން އެނގިފައެވެ. އޭގެ ތެރޭގައި ފަސް އަހަރުވަންދެން ހުކުމަކާ ނުލާ ބަންދުގައި ތިބި މީހުންވެސް އެބަ ތިބި ކަމަށް މައުލޫމާތު ލިބެއެވެ.