ޚަބަރު

އެމްޑީއެންގެ ރިޕޯޓުގެ މައްސަލާގައި ޤާނޫނީ ފިޔަވަޅު އަޅާނަން، އަނިޔާވެރިކަމަށް ހިތްވަރު ނުދީ - ފުލުހުން


އިސްލާމް ދީނަށާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވަރކުން ނެރުނު ރިޕޯޓުގެ މައްސަލަ ބެލުމަށްފަހު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު އަޅާނެ ކަމަށާއި އެ ރިޕޯޓާގުޅިގެން ދީނަށް ނަސްރު ދިނުމާއި ދީން ހިމާޔަތްކުރުމުގެ ނަމުގައި ނަފްރަތާއި ބައިބައިވުމާއި ރުޅިވެރިކަން އުފެދޭފަދަ ވާހަކަ ނުފެތުރުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

އެމްޑީއެންގެ ރިޕޯޓުގެ މައްސަލައަކީ ދިވެހިރައްޔިތުންގެ އެންމެ މަތީ މަސްލަޙަތާއި ގުޅިފައިވާ ރައްޔިތުންގެ އިޙްސާސްތަކާއި ގުޅުންހުރި މައްސަލައަކަށްވުމުން، ބައެއް ފަރާތްތަކުން އެ މައްސަލައިގެ ބޭނުން ނަހަމަގޮތުގައިކޮށް ރައްޔިތުންގެ ތެރޭގައި ފިތުނަ ފަސާދަ އާއި ބައިބައިވުމާއި ހަމަނުޖެހުމަށް މަގުފަހިވާފަދަ ކަންކަން ކުރަމުން އަންނަކަމަަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

ފުލުހުންގެ ބަޔާނުގައި ވަނީ ބައެއް ކަންކަމުގައި ދީނުގެ މަންހަޖަކީ ރުޅިވެރިކަމާއި ދެކޮޅުވެރިވުންކަން ދައްކައި ފިތުނަވެރި ޢަމަލުތަކަށް ހިއްވަރު ލިބޭގޮތަށް ބައެއް ފަރާތްތަކުން ޢަމަލުކުރަމުންދާތީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.

"ވަކިން ޚާއްސަކޮށް އާންމު ތަންތަނުގައި މީސްމީހުންގެ ފުރާނަ އާއި ނަފްސަށް ގެއްލުންދިނުމަށް ގޮވާލާ އަނިޔާވެރި ޢަމަލުތަކަށް ހިއްވަރު ލިބޭގޮތަށް ސޯޝަލް މީޑިއާގައި ލިޔުމާއި ކުރެހުމާއި ފޮޓޯ އާންމުކޮށް ހަދަމުންދާކަން ދަނީ ފާހަގަކުރެވިފައެވެ. ޤައުމުގެ ހަމަޖެހުމާއި ސުލްހަ މަސަލަސްކަން ދެމެހެއްޓުމުގައި އެންމެހާ ފަރާތްތަކުންވެސް ފަރުދީ ޒިންމާ އަދާކުރުމަށާއި ޤާނޫނާއި ޚިލާފް އަމަލުތައް ހުއްޓުވާ ރައްޔިތުންގެ ނަފްސާއި މުދާ ރައްކާތެރިކުރުމުގައި މި ސަރވިސް އަދާކުރަންޖެހޭ ދައުރު އަދާކުރުމުގައި ސާބިތުވެ ތިބޭނެކަމުގެ ޔަޤީންކަން އަރުވަމެވެ." ފުލުހުންގެ ބަޔާނުގައިވެއެވެ.

ފުލުހުން ވިދާޅުވެފައިވަނީ އެމްޑީއެންގެ ރިޕޯޓުގެ މައްސަލަ ފުލުހުންނަށް ހުށަހެޅުމާއި ގުޅިގެން އެފަދަ މައްސަލަތައް ތަޙްޤީޤްކުރުމުގައި އާންމުކޮށް ޢަމަލުކުރާ އިޖުރާޢަތުތަކާއި އެއްގޮތަށް ރިޕޯޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވާހަކަތަކާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް
ފުރައްސާރަކޮށްފައި ހުރި ވާހަކަތައް ތަޙްޤީޤީ ބޭނުމަށްޓަކައި ދިރާސާކޮށް ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އެ ގޮތުން އެ މައްސަލައާ ގުޅިގެން ފުލުހުން މިހާރު ގެންދަނީ 3 ދީނީ ޢިލްމުވެރިން މެދުވެރިކޮށް ވަކިވަކިން އެ ރިޕޯރޓާއި ގުޅޭ ޢިލްމީ ދިރާސާއެއްކޮށް ރިޕޯރޓުގައި ހުރި އިސްލާމީ ޢަޤީދާ އާއި އިސްލާމީ ޝަރީޢަތާއި ޚިލާފް ވަހާކަތަކާއި އިސްލާމްދީނަށް ތައުހީނުކުރުމާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާކަމަށް ބެލެވޭ ކޮންޓެންޓުގެ މައްޗަށް ޢިލްމީ ގޮތެއްގައި ތަފްސީލީ ދިރާސާ ރިޕޯރޓެއް ތައްޔާރުކުރަމުންދާކަމަށް ފުލުހުން މި ބަޔާނުގައި ވިދާޅުވެފައިވެއެވެ. މީގެ އިތުރުން، އިސްލާމިކް މިނިސްޓްރީންވެސް މި ރިޕޯރޓާއި ގުޅޭ ޢިލްމީ ދިރާސާއެއް ފުލުހުންނަށް ހުށަހެޅުމަށް ހަމަޖެހިފައިވާ ކަމަށްވެސް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އެ މައްސަލަ ފުލުހުނަށް ހުށަހެޅުނު އިރު އެ ރިޕޯރޓްގެ މުޞައްނިފުންގެ ގޮތުގައި ބަޔާންކޮށްފައިވާ، މައްސަލާގައި ތުހުމަތުކުރެވޭ ފަރާތްތައް ރާއްޖެއިން ބޭރުގައި ތިބުމުން އެމީހުން ތަޙްޤީޤަށް ހާޒިރުކޮށް، ސުވާލުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ފުލުހުން ފާހަގަ ކުރައްވާފައިވެއެވެ. އެގޮތުން ބައެއް ފަރާތްތަކަށް ތަޙްޤީޤަށް ހާޒިރުވުމަށް ޗިޓް ފޮނުވިފައިވާއިރު، އުޅޭ ވަކި ތަނެއް ނޭގުމުގެ ސަބަބުން ޗިޓް ރައްދުކުރެވޭ ފަރާތްތައް ހޯދުމަށް އާންމުކޮށް އިޢުލާންކޮށްފައިވާކަންވެސް ފުލުހުން ވަނީ ފާހަގަކުރައްވާފައެވެ.

"މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވާރކުން ޕްރިލިމިނަރީ އެސެސްމަންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް" ނަމުގައި ޝާއިޢުކުރި ރިޕޯރޓާ ގުޅިގެން އެކަމާ ގުޅުންހުރި އެންމެހާ ފަރާތްތަކާއި މެދުޤާނޫނީ ގޮތުން ފިޔަވަޅު އަޅާނެ ވާހަކަ އަދިވެސް އެއްފަހަރު ދަންނަވަމެވެ."

މީގެ އިތުރުން ތަޖުރިބާކާރު ޢިލްމުވެރިންގެ ލަފަޔާއި އިރުޝާދާއެކު އެކުލަވާލެވޭ ދިރާސާ ރިޕޯޓް ނިމުމުން އެ ރިޕޯޓާއި ގުޅިގެން އިދާރީ ގޮތުން ވަގުތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި ކަމާބެހޭ ފަރާތްތަކަށް ހުށަހަޅާނެކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.