ޚަބަރު

އަތޮޅުތެރޭގެ ރައްޔިތުންނަށް މާ ރަނގަޅު ގޮތް ވާންޖެހޭ - ޝަހީމް


އަތޮޅުތަކުގެ ރައްޔިތުންނަށް މާރަނގަޅު ގޮތް ވާންޖެހޭ ކަމުގައި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސައިން ޝަހީމް ވިދާޅުވެއްޖެއެވެ.

ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުތަކާ ގުޅިގެން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ މާލެއަށް އެކަނި ހުރިހާ ކަމެއް ވުމަކީ ރަނގަޅުގޮތެއް ނޫންކަމަށެވެ. ޒަމާނުއްސުރެ ރާއްޖޭގައި އޮތް ސަގާފަތަކީ އަތޮޅުތެރެއަށް އަޅާނުލައި މާލެއަށް ބާރުތައް އެއްކޮށް ސެންޓްރަލައިޒްކޮށް ވެރިކަން ކުރުމަށްކަމަށެވެ. ނަމަވެސް އަތޮޅުތަކުގައި ދިރިއުޅެމުންދާ ރައްޔިތުންނާއި، އެރައްޔިތުން ކުރަމުންދާ މަސައްކަތުގެ އަގުވަޒަން ނުކުރެވޭނަމަ ރާއްޖެ ތަރައްޤީ ވެގެން ނުދާނެކަމަށް އޭނާ ވިދާޅުވިއެވެ.

"މިތަނުގައި އަބަދުވެސް މިދައްކަނީ މާލޭ މީހުންނަށް މޮޅުގޮތް ހޯދާވާހަކަ. ވާކަށް ނުޖެހޭ. އަތޮޅުތެރޭގެ ރަށްޔިތުންނަށް މާ ރަނގަޅުގޮތް ވާންޖެހޭ." ޝަހީމް ވިދާޅުވިއެވެ.

ނިމިދިޔަ ސަރުކާރުތަކުން ކައުންސިލްތައް އެކަހިރިކޮށް މައި ސަރުކާރުން ހުރިހާކަމެއް ކުރުމަށް ދިމާކުރުމުގެ ސަބަބުން މުޅި ނިޒާމު އޮޅުން ބޮޅުން އަރާފައިވާކަމަށް ޝަހީމް ވިދާޅުވިއެވެ. ޤާނޫނު އަސާސީގައިވެސް އެއްވެސް ރައްޔިތަކާއިމެދު ތަފާތު ކުރުމެއްނެތި ކަންކަން ކުރުމަށް ބަޔާންކޮށްފައިވީނަމަވެސް އެކަން ކުރެވޭތަން ނުފެންނަކަމަށެވެ. ރަށްތަކުގެ ވަށައިގެންވާ ރަށްތަކާއި ފަޅުތަކުން ލިބޭ އާމްދަނީއަކީވެސް މިހާރު އޮންނަ ގޮތުން މާލޭގައި ހުންނަ މިނިސްޓްރީއަކަށް ލިބޭ އެއްޗެއް ކަމަށެވެ. ނަމަވެސް އެކަންވެސް ޤާނޫނަށް ގެންނަ އިސްލާހުތަކާއިއެކު ބަދަލުވެގެންދާނެކަމަށް އޭނާ ވިދާޅުވިއެވެ.

މިބިލަށް ވާހަކަ ދައްކަވަމުން ނިލަންދޫ ދާއިރާގެ މެމްބަރު ޢަބްދުލްމުހުސިން ހަމީދު ވިދާޅުވީ މި އިސްލާހުތަކުގެ އެންމެބޮޑު ބޭނުމަކީ ރަށްރަށް މާލީ ބާރުވެރިކަން ދިނުންކަމަށެވެ. މި އިސްލާހުތަކުގެ ސަބަބުން ރަށްރަށުގެ އަސާސީ ޚިދުމަތްތަކާއި، ތަރައްޤީގެ ކަންކަން ކުރުމަށް ބޮޑެތި ފަސޭހަތަކެއްވެގެންދާނެކަމަށް އުންމީދު ކުރައްވާކަމުގައިވެސް އޭނާ ވިދާޅުވިއެވެ.

ލާމަރުކަޒީ ޤާނޫނަށް އިސްލާހު ހުށައަޅާފައިވަނީ މިއަދުއެވެ. ލާމަރުކަޒީ އުސޫލުން ރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް އިތުރު ކުރުމަށް ޤާނޫނު އަސާސީއަށް އިސްލާހު ހުށަހެޅުމަށްވެސް ވަނީ ހުށައަޅާފައެވެ.