ޚަބަރު

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި މިހާރުގެ ބައެއް ވަޒީރުންނާއި ފަނޑިޔާރުންނާއި މަޖިލިސް މެމްބަރުންވެސް ބައިވެރިވޭ - ބިޝާމް


އެމްއެމްޕީއާރުސީ ކޮރަޕްޝަނުގެ ތަހްގީގަށް މިހާތަނަށް ލިބިފައިވާ މަޢުލޫމާތުތަކަށް ބަލާއިރު އެކަމުގައި ޝަރުޢީ ދާއިރާގައި މިހާރުވެސް ތިއްބެވި ބޭފުޅުންނާއި މިހާރުގެ ބައެއް ވަޒީރުންނާއި މިހާރުވެސް ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި މެމްބަރުންގެ ބައިވެރިވުން އޮތްކަމަށް ޕްރޮސެކިއުޓާ ޖެނަރަލް ޢާއިޝަތު ބިޝާމް ވިދާޅުވެއްޖެއެވެ.

ޕީޖީ ބިޝާމް އެކަން ހާމަ ކުރެއްވީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމެޓީއަށް އެކަމަނާ ހާޒިރުކުރުމުންނެވެ. މާލިއްޔަތު ކޮމެޓީއަށް ޕީޖީ ބިޝާމް ހާޒިރުކުރީ އެމްއެމްޕީއާރުސީގެ ޚިޔާނާތުގެ މައްސަލައާ ގުޅިގެން ޕީޖީ އޮފީހުން މިހާތަނަށް ކުރަމުންދާ މަސައްކަތްތައް އެކޮމެޓީން ސާފު ކުރުމަށެވެ.
ނަމަވެސް އެކޮމެޓީގައި ތިބި ބައެއް މެމްބަރުންގެ ޙާޒިރުގައި އެ މަޢުލޫމާތު ހާމަކުރެއްވުމަށް ޢުޒުރުވެރިވަޑައިގެން ބިޝާމް ވިދާޅުވީ އެ ކޮމެޓީގައިވެސް އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގައި ބައިވެރިވުން އޮތް ކަމަށް ތުހްމަތު ކުރެވޭ މެމްބަރުން ތިއްބެވި ކަމަށެވެ. އެހެން ކަމުން ބިޝާމް ވަނީ އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގައި ބައިވެރިވި ކަމަށް ތުހްމަތު ކުރެވޭ މެމްބަރުން އެ ކޮމެޓީން ތަނާޒުލުވެ ވަޑައިގަތުމުގެ ކުރިން ތަހްގީގާ ގުޅޭ މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ދަތިފުޅުވާކަމަށް ހާމަ ކުރައްވާފައެވެ.

ޕީޖީގެ އެ ވާހަކަތަކާ ގުޅިގެން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބު ޢަބްދުﷲ ވިދާޅުވީ އެ މައްސަލައިގައި ހިމެނޭ މީހުންގެ ނަންތައް ސިއްރުކުރަން ބޭނުން ނުވާކަމަށެވެ. އެހެން ނަމަވެސް ކޮމެޓީ ސިއްރުކުރުމަށްފަހު އެނަންތައް ހާމަކުރެއްވުމަށް ޔައުޤޫބު އެދިވަޑައިގަތެވެ. އަދި ކޮމެޓީ ސިއްރުކޮށްގެން ކުރިއަށްގެންދިއުމަށް ތިމަރަފުށީ ދާއިރާގެ މެމްބަރު ޢަބްދުﷲ ރިޔާޒް ހުށައެޅުވުމުން ޔަޤޫބު ތާޢީދުކުރައްވައި، ކޮމެޓީގެ އެހެން މެމްބަރުންގެ ވޯޓާއެކު ކޮމެޓީ ސިއްރުކުރަން ނިންމިއެވެ.

އެމްއެމްޕީއާރުސީގެ ކޮރަޕްޝަނުގެ މައްސަލައިގެ ތެރޭގައި ހިމެނޭ މެމްބަރުން ތިއްބެވުމުން މަޢުލޫމާތު ޙިއްސާ ކުރެއްވުމަށް ޕީޖީ އުޒުރުވެވަޑައިގެންނެވިއިރު މެމްބަރުންގެ ގޮތުގައި އެ ވަގުތު ތިއްބެވީ ކޮމެޓީގެ މުގައްރިރު މުޙައްމަދު ނާޝިޒް އާއި ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބާއި ހުޅުދޫ ދާއިރާގެ މެމްބަރު އިލްޔާސް ލަބީބާއި ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފްގެ އިތުރުން މަރަދޫ ދާއިރާގެ މެމްބަރު އިބްރާހިމް ޝަރީފާއި ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރެވެ.

އެމްޕީއާރުސީގެ ފައިސާގެ ތެރެއިން އެކެއް ޕޮއިންޓު ހައެއް ބިލިއަން ރުފިޔާއަށް ޚިޔާނާތްތެރިވެފައިވާ ކަމަށް ހާމަވެފައިވެއެވެ.