ޚަބަރު

އާ ސަރުކާރުން ބިނާކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފި


ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހްގެ ސަރުކާރުން ރާއްޖޭގައި ޢިމާރާތްކުރާ ފުރަތަމަ މިސްކިތުގެ ބިންގާ އަޅައިފިއެވެ. މިމިސްކިތް ބިނާކުރުމަށް ހަމަޖެހިފައިވަނީ ލ.ކަލައިދޫގައެވެ.

މިދިޔަ ހޮނިހިރު ދުވަހު ކަލައިދޫގައި ބޭއްވި ރަސްމިޔާތެއްގައި އާ މިސްކިތުގެ ބިންގާ އަޅުއްވައިދެއްވީ އިސްލާމިކް މިނިސްޓަރ ޑރ.އަޙްމަދު ޒާހިރެވެ. ސަރުކާރުގެ ޚަރަދުގައި ޢިމާރާތްކުރާ މިމިސްކިތަށް ފަސް މިލިއަން ރުފިޔާ ހަރަދުވެއެވެ.

ކަލައިދޫގައި މިސްކިތް ޢިމާރާތްކުރުމަށް "އެސްކޮން ބިލްޑާސް" ކުންފުންޏަށް ޙަވާލުކޮށްފައިވަނީ މި މަހުގެ 16 ވަނަ ދުވަހުއެވެ. އެ މަސައްކަތް 270 ދުވަހުގެ ތެރޭގައި ނިންމަންޖެހެއެވެ.

އިސްލާމިކް މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި މިއަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި އިތުރު 8 މިސްކިތެއްގެ ބިންގާ އެޅުމަށް ވަނީ ހަމަޖެހިފައެއެވެ. އޭގެ ތެރެއިން ބައެއް މިސްކިތްތައް އެޅުމަށް މިހާރު ކުންފުނިތަކާ މިހާރުވަނީ ހަވާލުކޮށް އެއްބަސްވުމުގައި ސޮއިކޮށްފައެވެ.