ޚަބަރު

އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދޭން ބިލެއް އެކުލަވާލައިފި


ރައްޔިތުންގެ އިންސާނީ ޙައްޤުތަކާއި އަސާސީ މިނިވަންކަމާ ޚިލާފަށް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި، އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު ހިމެނޭ ބިލެއް އެކުލަވާލައި ސަރުކާރުގެ ފަރާތުން ވަރަށް އަވަހަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެކަމަށް ސަރުކާރުން ހާމަކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި އިންތިޤާލީ އިންޞާފުގެ ބިލުގެ ނަމުގައި ބަންޑާރަ ނައިބު އޮފީހުން ބިލް އެކުލަވާލުމަށްފަހު މިހާރު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ފޮނުއްވާފައި ކަމަށް ބަންޑާރަ އޮފީހުން މައުލޫމާތު ދެއްވައެވެ.

ބަންޑާރަ ނައިބުގެ އޮފީހުން ވިދާޅުވި ގޮތުގައި މި ގާނޫނު ގެނައުމުގެ ބޭނުމަކީ 1 ޖަނަވަރީ 2012 އިން ފެށިގެން 17 ނޮވެމްބަރ 2018 އާ ދެމެދު ނިޒާމީ ސިފައެއްގައި ރޭވިގެން، ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއް ހިންގާފައިވާ ބޮޑެތި ޢަމަލުތައް ބަލައި އެފަދަ ކަންކަމުގެ ސަބަބުން އަނިޔާ ލިބިފައިވާ ފަރާތްތަކަށް އިންޞާފު ހޯދައިދިނުމަށްޓަކައި އެކުލަވާލަންޖެހޭ ޤާނޫނީ އޮނިގަނޑު އެކުލަވާލުމެވެ.

ރައްޔިތުންނަށް ޢަދުލު އިންޞާފަށް ވާޞިލުވެވޭނެ މަގު ތަނަވަސްކޮށްދިނުމަށް އިންތިޤާލީ އިންޞާފުގެ އޮމްބަޑްސްމަންގެ އޮފީހެއް ޤާއިމުކުރުމަށް މި ބިލްގައި ހިމަނާފައިވެއެވެ. އަދި އެ އޮފީހުގެ ބޭނުމަކީ ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސް ހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކޮށްފައިވާ ނުވަތަ ކުރަމުންދާ ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގެންފައިވާނަމަ، އެފަދަ މައްސަލަތައް ދެނެގަނެ، އެކަމުގައި ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި އެކަންކުރި ފަރާތްތަކުގެ މައްސަލަތައް ބަލައި، ޙަޤީޤަތާ ހަމައަށް ވާޞިލުވުން ކަމަށް ވެސް ބަންޑާރައިބު އޮފީހުން މައުލޫމާތުދެއްވާފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ މުއައްސަސާއަކުން ނުވަތަ އެއިން ތަނެއްގެ އިސްހިންގުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރި ފަރާތަކުން، ނިޒާމީ ސިފައެއްގައި ރާވައިގެން ހިންގި ޢަމަލެއްގެ ސަބަބުން މީހެއްގެ އިންސާނީ ޙައްޤެއް ނިގުޅައިގަނެފައިވާނަމަ، އެ ޢަމަލުތަކަށް ޒިންމާވާ ދައުލަތުގެ މުއައްސަސާތަކާއި ފަރާތްތައް މި ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތުގެމަތިން ދެނެގަނެ ޖަވާބުދާރީކުރުވުންވެސް އެ އޮފީހުގެ މައްޗަށް މަތިކޮށްފައިވެއެވެ. އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤަށްފަހު ޖިނާއީ ކުށެއް ކަމުގައިވާ ޢަމަލުތައް ހިންގި ފަރާތްތަކުގެ މައްޗަށް ޖިނާއީ ދަޢުވާ އުފުލުމަށްޓަކައި ޕްރޮސިކިއުޓަރ ޖެނެރަލަށް އަދި މަދަނީ ދަޢުވާ އުފުލުމަށްޓަކައި ބަންޑާރަނައިބަށް ފޮނުވުން އެ ބިލް ގާނޫނަކަށް ވުމަށްފަހު ލާޒިމްވާނެއެވެ.

އޭގެ އިތުރުން އޮމްބަޑްސްމަންގެ އޮފީހުން ހިންގާ ތަޙްޤީޤުގެ އަލީގައި ނިޒާމީ ގޮތެއްގައި ހިންގާފައިވާ އިންސާނީ ޙައްޤުތަކާ ޚިލާފު ޢަމަލުތަކާއި، ޒިންމާ އުފުލަންޖެހޭ ފަރާތްތައް ދެނެގަނެ، އަނިޔާ ލިބިފައިވާ ފަރާތްތަކަށް މި ޤާނޫނުގެ ދަށުން ބަދަލުހޯދައިދީ، އެހީތެރިކަން ފޯރުކޮށްދޭން ޖެހެއެވެ.

ނިޒާމީ ސިފައެއްގައި ރާވައިގެން މީހެއްގެ ނުވަތަ ބައެއްގެ އިންސާނީ ޙައްޤުތައް ނިގުޅައިގަތުމުގައި ބައިވެރިވެފައިވާ ދައުލަތުގެ މުއައްސަސާތައް އިޞްލާޙު ކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ދެނެގަތުން ކުރިއަށް އޮތް ތާނގައި، އެފަދަ ޢަމަލެއް ނުހިނގާނެކަން ކަށަވަރުކުރުމަށްޓަކައި އެޅޭނެ ފިޔަވަޅުތައް ދެނެގަތުމާއި، ކަމާގުޅޭގޮތުން ގެންނަންޖެހޭ އިޞްލާޙުތައް ފާހަގަ ކުރުމަކީ ވެސް މި ބިލްގެ ދަށުން އުފައްދާ އޮފީހުން ކުރަން ޖެހޭ ކަމެއް ކަމަށްބުނެއެވެ.