ޚަބަރު

ތުހްމަތުކުރެވޭ ފަނޑިޔާރުންނަށް ފިޔަވަޅުއެޅުމަށް ފަނޑިޔާރުންގެ ޖަމިއްޔާއިން ގޮވާލައިފި


އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، އެ މައްސަލައެއް ބަލައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ގޮވާލައްވައިފިއެވެ.

އެ ޖަމިއްޔާއިން މިކަމަށް ގޮވާލާ ނޫސްބަޔާނެއް ނެރުއްވީ މި މަހުގެ 21 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި ޕްރޮސެކިއުޓާ ޖެނަރަލް އައިޝަތު ބިޝާމް ވާހަކަފުޅު ދައްކަވަމުން، މޯލްޑިވްސް މާކެޓިންގ އެންޑް ޕީ.އަރ ކޯޕަރޭޝަންގެ ޚިޔާނާތުގެ މައްސަލައިގައި ތުހުމަތު ކުރެވޭ ފަރާތްތަކުގެ ތެރޭގައި، މި ވަގުތު މަޤާމުގައި ތިއްބެވި ބައެއް ފަނޑިޔާރުން ހިމެނޭ ކަމަށް ވިދާޅުވުމާ ގުޅިގެންނެވެ.

އެ ޖަމިއްޔާގެ ބަޔާނުގައި ފަނޑިޔާރުން ޢަމަލުތައް ބަހައްޓަންވާނީ އެމީހުންގެ ތެދުވެރިކަމާއި އިޚްލާޞްތެރިކަމާއި، އަމާނާތްތެރިކަމާމެދު ޢާންމުންގެ މެދުގައި ސުވާލު ނުއުފެދޭ ފެންވަރަށް ކަމުގައިވާއިރު، ޕްރޮސިކިއުޓަރ ޖެނެރަލް އެފަދައިން ވިދާޅުވުމަކީ ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން ނުހަނު ކަންބޮޑުވާ ކަމެއް ކަމަށް ވިދާޅުވެފައިވެ އެވެ.

" އެއްވެސް މިންވަރެއްގެ ޖިނާއީ ތުހުމަތެއް ފަނޑިޔާރެއްގެ މައްޗަށް ކުރެވޭނަމަ، ކަމާބެހޭ އިދާރާތަކުން އެކަން ބަލައި ތަޙްޤީޤުކޮށް، އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް، ލަސްނުކޮށް އެޅުމަށް ކަމާބެހޭ އެންމެހައި މުއައްސަސާތަކަށް ގޮވާލުމެވެ" އެ ބަޔާނުގައި ވިދާޅުވެފައިވެ އެވެ.

މުޖުމަޢުގައި ފަނޑިޔާރެއްގެ ނަޒާހަތްތެރިކަމާމެދު ސުވާލު އުފެދިދާނެ އެއްވެސް ޢަމަލެއްފަނޑިޔާރެއްގެ ފަރާތުން ކުރިމަތިވިޔަ ނުދިނުމަށާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑަށް ފުރިހަމައަށް ތަބާވުމަށް ވެސް އެންމެހައި ފަނޑިޔާރުންނަށް، ދިވެހި ފަނޑިޔާރުންގެ ޖަމްޢިއްޔާއިން މި ބަޔާނުގައި އިލްތިމާސް ކުރައްވާފައިވެ އެވެ.