ޚަބަރު

މިއަހަރުގެ 3ވަނަ ކުއާޓާރގައި ޕްރޮކިއުމަންޓާއި ގުޅޭ 150 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވޭ - އޭސީސީ


އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ގެ 2019ވަނަ އަހަރުގެ ތިންވަނަ ކުއާޓަރގައި އެންމެ ގިނައިން ހުށަހަޅާފައިވަނީ ޕްރޮކިޔުމަންޓާ ގުޅޭ މައްސަލަތައް ކަމުގައި އެކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އޭސީސީން ވިދާޅުވެފައިވަނީ މިއަހަރުގެ ތިންވަނަ ކުއާޓަރގެ ތެރޭގައި ޕްރޮކިއުމަންޓާގުޅޭ 157 މައްސަލައެއް އެކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާކަމަށެވެ. 2018ވަނަ އަހަރުގެ މި މުއްދަތުގެ ތެރޭގައި ރަޖިސްޓްރީކޮށްފައިވަނީ ޕްރޮކިއުމަންޓާގުޅޭ 40 މައްސަލަކަމަށް އޭސީސީން ވިދާޅުވެއެވެ.

މިކުއާޓަރގައި، ދެވަނައަށް އެންމެ ގިނައިން ކޮމިޝަންގައި ރަޖިސްޓްރީކޮށްފައިވަނީ ވަޒީފާއާގުޅޭ މައްސަލަކަމަށާ އެގޮތުން، ވަޒީފާއާގުޅޭ 63 މައްސަލައެއް މިއަހަރުގެ މިކުއާޓަރގެ ތެރޭގައި ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވާކަމަށްވެސް އޭސީސީން ވިދާޅުވެއެވެ.

މީގެ އިތުރުން، މި ކުއާޓަރގެ ތެރޭގައި، ކުއްޔަށް ދޫކުރެވޭ ތަންތަނާއި، ބިމާއި، ގޯތިގެދޮރާއި، ފައިސާއާއި ތަކެތި ބޭނުންކުރުމާއި، ލައިސަންސް އަދި ހުއްދަ ދިނުމާ ގުޅޭ ޖުމްލަ 78 މައްސަލައެއް ކޮމިޝަންގައި ރަޖިސްޓްރީ ކޮށްފައިވެއެވެ. އަދި އެހެނިހެން ތަފާތު ބާވަތްތަކުގެ 58 މައްސަލައެއް ވެސް މިކުއާޓަރގެ ތެރޭގައި ކޮމިޝަނުގައި ރަޖިސްޓްރީ ކޮށްފައިވެއެވެ.