ޚަބަރު

އެމްއެމްޕީއާރުސީ މައްސަލާގައި އަޅުގަނޑާއި ގުޅޭގޮތުން އެއްވެސް މަޢުލޫމާތެއްވާނަމަ ހާމަކޮށްދެއްވާ - މަލީހު


އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި މިނިސްޓަރ އޮފް ކޮމިނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީހު ޖަމާލްއާގުޅޭ އެއްވެސް މަޢުލޫމާތެއްވާނަމަ އެކަމުގެ އެންމެހާ ތަފްސީލް ދިވެހި ރައްޔިތުންނަށް ހާމަކޮށްދެއްވުމަށް ޕްރޮސެކިއުޓަރ ޖެނަރަލްގެ ކިބައިން މަލީހް އެދިވަޑައިގެންފިއެވެ.

ޕީޖީ ބިޝާމަށް މަލީހު ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވަނީ އެމްއެމްޕީއާރުސީ މައްސަލައާގުޅިގެން މިހާތަނަށް އެއްވެސް ތުހުމަތެއް ކުރެވި އަދި އެއްވެސް ތަޙްޤީޤު އިދާރާއަކަށް ޙާޒިރުކޮށްފައި ނުވާތީއާއި އަދި ދައުލަތަށް އިޚުލާސްތެރި މަސައްކަތްތަކެއް ފާއިތުވި 10 ވަރަކަށް އަހަރު އެކި ހައިސިއްޔަތުން ކުރައްވާފައިވާނެކަމަށެވެ. އަދި މިމައްސަލާގައި ޕީޖީ މިފަދަ މޭރުމަކުން ވާހަކަފުޅު ދައްކަވާފައިވާތީ މިކަމުގެ އެއްވެސް ސިއްރުކަމެއް ނުބާއްވައި އެކަމުގެ އެންމެހާ ތަފްސީލް ދިވެހި ރައްޔިތުންނަށް ހާމަކޮށް ދެއްވުމަށް މަލީހުވަނީ ޕީޖީގެ ކިބައިން އެދިވަޑައިގެންފައެވެ.

ދިވެހި ރާއްޖެއިން ޢަމަލުކުރަމުންދާ އަދި ދިވެހިން ބަލައިގެންފާވާ އާ ޤާނޫނުއަސާސީއަކީ ރައްޔިތުންގެ ފަރުދީ މިނިވަންކަން ކަށަވަރުކޮށްދޭ ހުޅުވާލެވިފައިވާ މިނިވަން ޑިމޮކްރަޓިކް ގާނޫނުއަސާސީއަކަށް ވާތީއާއި ގާނޫނު އަސާސީގެ 33ވަނަ މާއްދާގައި އެމީހެއްގެ ނަމާއި އަބުރު ރައްކާތެރިކުރެވިފައި އޮތުމުގެ ޙައްގު ކޮންމެ މީހަކަށްމެ ލިބިގެންވާ ކަމަށް ބަޔާންކޮށް ފައިވާކަމަށެވެ. މީގެ އިތުރުން ޕީޖީ އޮފީހުގައި އެމްއެމްޕީއާރުސީގެ މައްސަލައާއި ގުޅިގެން މިނިސްޓާރ މަލީހާއި ގުޅޭ އެއްވެސް މައުލުމާތެއް ނުވަތަ ތުހުމަތު ކުރެވޭ އެއްވެސް ކަމެއްވާނަމަ ލަސްނުކޮށް 3 ދުވަހުގެ ތެރޭގައި މިޑިއާތަކާށާއި އާންމު ރައްޔިތުންނަށް އެމައުލޫމާތު ހިއްސާކޮށްދެއްވުމަށްވެސް މަލީހުވަނީ ޕީޖީގެ ކިބައިން އެދިވަޑައިގެންފައެވެ.

މިނިސްޓަރ މަލީހު ޕީޖީއަށް މިސިޓީ ފޮނުވާފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގައި އެމްއެމްޕީއާރުސީ މައްސަލާގައި މަލީހުގެ ބައިވެރިވުމެއްވާފަދަ މޭރުމަކުން ވާހަކަދައްކަވާފައިވާކަމުގެ މައުލޫމާތު ލިބިގެންނެވެ. އެމްއެމްޕީއުރީސިގެ ހިޔާނާތުގެ އަދަދު މިހާތަނަށް ބެލިބެލުމުން މިލިއަން ޑޮލަރު ( 3.38 ބިލިއަން ރުފިޔާ ) އަރައެވެ.