ޚަބަރު

އިރުފާންގެ ބަންދަށް 15 ދުވަސް


މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަޙްޤީޤްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނުން ހޯދަން އިޢުލާންކުރި މ.ކުރިރުއްގެ، އިރުފާން ރުޝްދީގެ ބަންދަށް 15 ދުވަސް ކޯޓުން އިތުރުކޮށްފި އެވެ.

ރިޔާސީ ކޮމިޝަނުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުންދަނިކޮށް އިރުފާނު ފެނުނީ ކަނޑުމަތިން ހާލުގައި ޖެހުނު ލޯންޗަކުންނެވެ. މިދިޔަ ހުކުރު ދުވަހުގެ ރޭގެ ފަތިހު ކަނޑުމަތީ ހުއްޓިފައި އޮއްވާ އެމްއެންޑީއެފްގެ އެހީތެރިކަމާއެކު ތިނަދޫއަށް އެ ލޯންޗް ގެންދިޔައިރު އޭގައި އިރުފާނާއެކު އިތުރު ތިން މީހުން ތިއްބެވެ. ފުލުހުން ވިދާޅުވި ގޮތުގައި އިރުފާނާއެކު އެ ތިން މީހުންގެ ބަންދަށްވެސް 15 ދުވަސް ތިނަދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ އިތުރުކޮށްފައެވެ.

މަރުތައް ބަލާ ކޮމިޝަނުން އިރުފާން ރުޝްދީ ހޯދަން ޢިއުލާންކޮށްފައިވަނީ 3 ޖޫން 2016 ގައި ހިނގި މާރާމާރީއެއްގައި މަރާލި ޢުމުރުން 14 އަހަރުގެ ފާތިރު މުޙައްމަދު ޢަލީގެ މަރުގެ މައްސަލައިގައިކަމަށް މަޢުލޫމާތުލިބެއެވެ. ފާތިރުގެ މަރުގެ މައްސަލައިގައި އިރުފާން ރުޝްދީ ހޯދުމަށް 2016ވަނަ އަހަރު ފުލުހުންވެސް ވަނީ އިޢުލާނުކޮށްފައެވެ. ނަމަވެސް މިހާތަނަށް އޭނާއާގުޅޭ އެއްވެސް މަޢުލޫމާތެއް ފުލުހުންނަށްވެސް ލިބިފައިނުވެއެވެ.

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލާ ކޮމިޝަނުން ތަޙްޤީޤުކުރާ މައްސަލައަކާ ގުޅިގެން މިއަހަރު ސެޕްޓެމްބަރު މަހުގެ 16ވަނަ ދުވަހުވެސް ވަނީ ވީޑިއޯ ޢާންމުކޮށް މީހަކު ހޯދުމަށް އިޢުލާންކޮށްފައެވެ.

ނޫސްވެރިޔާ އަޙްމަދު ރިޟުވާން ޢަބްދުﷲ ރަހީނުކޮށް މަރާލި މައްސަލައިގައި އެކޮމިޝަމިޝަނުން ގެންދަނީ ފުލުހުންނާ ގުޅިގެން ޚާއްސަ އޮޕަރޭޝަންތަކެއް ހިންގަމުންނެވެ. އެގޮތުން މިހާތަނަށް އެކޮމިޝަނުގެ ބޭނުމަށް މާލެއާއި އައްޑޫ ސިޓީގެ ބައެއް ގެތަކާއި ބައެއް ތަންތަން ބަލާ ފާސްކޮށްފައިވެއެވެ.